Roadha Mihaaru

އޯލެވެލްގެ ނަތީޖާ ބުދަދުވަހުން ފެށިގެން ދޫކުރަނީ

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އަންނަ ބުދަ ދުވަހުން ފެށިގެން ދޫކުރުމަށް ނިންމައިފި އެވެ.

އޯލެވެލްގެ ނަތީޖާ ބުދަދުވަހުން ފެށިގެން ދޫކުރަނީ
މަރިޔަމް ސާލިޔާ
މަރިޔަމް ސާލިޔާ

14 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އަންނަ ބުދަ ދުވަހުން ފެށިގެން ދޫކުރުމަށް ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ބޭއްވި ކޭމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ސްލިޕް އަންނަ ބުދަ ދުވަހުން ފެށިގެން ފެބްރުއަރީ 6 ގެ ނިޔަލަށް އެ ޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ދޫކުރާނެ އެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި ނަތީޖާގައި އެއްވެސް މައްސަލައެއްވާ ނަމަ، އަންނަ ފެބްރުއަރީ 7 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަން ލިޔުމަކުން ޕަބްލިކް އެގްޒަމިނޭޝަނަށް ހުށަހަޅަން ޖެހެ އެވެ. އަދި ނަތީޖާ ރީ-ޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ފެބްރުއަރީ 8 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް ވެސް އެދިފައިވެ އެވެ.

ރާއްޖޭގެ އެކި ސްކޫލުތަކުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،033 ދަރިވަރުން ބައިވެރިވި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާނު އެއްކޮށް ބާއްވާފައި ވަނީ ވެސް މިދިޔަ އަހަރުގަ އެވެ. އޯލެވެލް އިމްތިހާނު އާއްމުކޮށް ބާއްވަނީ އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ނަމަވެސް އޭގެ ކުރިން އޭލެވެލް އިމްތިހާނު ބާއްވަމުން އައީ ޖޫން/ޖުލައި މަހުގެ ތެރޭގަ އެވެ.

މި ދެ އިމްތިހާނު އެކުގައި ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ގްރޭޑް 10 ނިންމައި އޭގެ ދުވަސްތަކެއް ފަހުން އޭލެވެލް އަށް ކިިޔެވުމުގެ ފުރުސަތު ލިބޭތީ އެވެ. އެގޮތުން، ދަރިވަރުން ގްރޭޑް 10 ނިންމައި ޖޫން މަހު ފަށާ މަތީ ސާނަވީއާ ގުޅުމާ ދެމެދު ހައެއްކަ މަސްދުވަސް ކުރިން ހޭދަވެ އެވެ.