Roadha Mihaaru
ރަޝިޔާއާ ގުޅުން ބަދަހިކުރަން ހުއްދައެއް ބޭނުމެއް ނޫން

ރަޝިޔާއާ ގުޅުން ބަދަހިކުރަން އެހެން ބައެއްގެ ހުއްދައެއް ބޭނުމެއް ނޫން: އީރާން

19 ޑިސެމްބަރ 2022

ރަޝިޔާއާ އެކުގައި ގުޅުން ބަދަހިކުރުމަށް އެހެން އެއްވެސް ގައުމެއްގެ ހުއްދައެއް އަދި ރުހުމެއް ވެސް ބޭނުންނުވާ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.

ރަޝިޔާއާ އެކުގައި ގުޅުން ބަދަހިކުރުމަށް އެހެން އެއްވެސް ގައުމެއްގެ ހުއްދައެއް އަދި ރުހުމެއް ވެސް ބޭނުންނުވާ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.

އީރާނުން މި މޭރުމުން ހުޅަނގުގެ ގައުމުތަކަށް ނުސީދާ ރައްދެއް މި ދިނީ، ރަޝިޔާ އާއި އީރާނާ އެކުގައި އަސްކަރީ ގޮތުން ގުޅުން ބަދަހިކުރަމުން ދިއުމަކީ، މެދުއިރުމަތީގެ ގައުމުތަކަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެމެރިކާ އިން ބުނާ ގޮތުގައި ރަޝިޔާ އާއި އީރާނާ ދެމެދު އަސްކަރީ ދާއިރާ ގިން ގުޅުން ބަދަހިކޮށް، އީރާންގެ އަސްކަރީ ޑްރޯންތައް ރަޝިޔާ އަށް ފޮނުވުމަކީ، މުޅި ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުމަށް އޮތް ނުރައްކަލެކެވެ.

އެމެރިކާގެ ޕީބީއެސް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިއަމް ބާންސް ވިދާޅުވީ ރަޝިޔާ އާއި އީރާނާ ދެމެދު އަސްކަރީ ގުޅުން ބަދަހިވުމަކީ މެދުއިރުމަތީގައިވާ އެމެރިކާގެ ބައިވެރިންނަށް ކުރިމަތިވާ ހަގީގީ ނުރައްކަލެއް ކަމަށެވެ.

ނަމަވެސް އެކަމަށް ރައްދު ދެއްވައި އީރާންގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންއާނީ ވިދާޅުވީ އެމެރިކާގެ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތި ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އީރާނާ ދެކޮޅަށް އެމެރިކާ އިން ފަށާފައިވާ، ނަފްރަތު އުފެއްދުމާއި އަގުވައްޓައިލުމުގެ މަސައްކަތުގެ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަންއާނީ ވިދާޅުވި ގޮތުގައި އީރާންގެ ޚާރިޖީ ސިޔާސަތުގެ ދަށުން ގައުމުތަކާ އެކުގައި ގުޅުން ބަދަހިކުރަމުން އަންނަނީ ވަރަށް މިނިވަން ގޮތެއްގަ އެވެ. އަދި އީރާންގެ ގައުމީ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތިން އެއްވެސް ގައުމަކާ އެކުގައި ގުޅުން ބަދަހިކުރާ އިރު، އެހެން އެއްވެސް ގައުމެއްގެ ރުހުން ހޯދަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭނާ ދެކޮޅަށް މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ފަށާފައިވާ ހަނގުރާމައިގައި، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން މައިގަނޑު ގޮތެއްގައި ހަމަލާތައް އަމާޒުކުރަމުން ދަނީ ޔޫކްރޭންގެ އިންޖީނުގެތަކަށެވެ. އެ ތަންތަނަށް ހަމަލާ ދިނުމަށް އާންމު ގޮތެއްގައި ބޭނުންކުރަނީ ރަޝިޔާގައި އުފައްދާފައިވާ މިސައިލާއި، އީރާންގައި އުފައްދާފައިވާ ޝާހިދު މަރުކާގެ ޑްރޯންތަކެވެ.

އީރާންގެ މި ޑްރޯންތަކަކީ، އޭގެ އަމާޒަށް ޖެހިގަނެގެން ގޮއްވައިލާ ޒާތުގެ ޑްރޯން މަތިންދާބޯޓުތަކެވެ. އީރާނުން ރަޝިޔާ އަށް އެފަދަ ޑްރޯން ވިއްކަމުން ދާ ކަމަށް ހުޅަނގުން ކުރާ ތުހުމަތުތަކަށް އީރާނުން އިންކާރުކުރެ އެވެ.

އީރާންގެ ޑްރޯންތައް ރަޝިޔާ އަށް ވިއްކަމުން ދާއިރު، ރަޝިޔާގައި އުފައްދާފައިވާ ހަނގުރާމަތީ އާ މަތިންދާބޯޓުތައް އީރާނަށް ވިއްކުމަށް ރަޝިޔާ އިން ވަނީ ނިންމައިފަ އެވެ. މިއީ އީރާންގެ ދުވަސްވީ ވައިގެ ލަޝްކަރު ޒަމާނީ ކުރުމަށް އީރާނުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޝާހިދު މަރުކާގެ ޑްރޯންތައް ބޭނުންކޮށްގެން އިއްޔެ ވެސް ރަޝިޔާ އިން ވަނީ ޔޫކްރޭންގެ އިންޖީނުގެތަކަށާއި ކަރަންޓު ވިއުގަ އަށް ހަމަލާތަކެއް ދީފަ އެވެ. ފިނި މޫސުމުގެ އެންމެ ފިނި ދުވަސްތައް ފެށިފައިވާތީ، ކަރަންޓުގެ ޚިދުމަތް ކެނޑުމުން ހޫނުކުރެވޭނެ ގޮތެއް ނެތި، ޔޫކްރޭންގެ އެތައް ލައްކަ ބަޔަކު މިހާރު ތިބީ ހާލުގައި ޖެހިފަ އެވެ.