Roadha Mihaaru
އޭޑީކޭ ހޮސްޕިޓަލްގެ އަގުތައް ބޮޑުކުރަން ނިންމައިފި

އޭޑީކޭ ހޮސްޕިޓަލްގެ އަގުތައް ބޮޑުކުރަން ނިންމައިފި

13 ޑިސެމްބަރ 2022

އޭޑީކޭ ހޮސްޕިޓަލުން ފަރުވާއަށް ނަގާ އަގުތައް ބޮޑުކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭޑީކޭ ހޮސްޕިޓަލުން ފަރުވާއަށް ނަގާ އަގުތައް ބޮޑުކުރަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން މިރޭ ކުރި އިއުލާނުގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓް މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ބޮޑުވެފައިވާ ކަމަށެވެ. އެއާ އެކު، އޭޑީކޭ ހޮސްޕިޓަލްގެ ހިންގުމުގެ ހަރަދުތައް އެތައް ގުނައަކުން ބޮޑުވެފައިވާ ކަމަށް އިއުލާނުގައިވެ އެވެ.

އޭޑީކޭ އިން ބުނެފައިވަނީ އަގުތައް ބޮޑުކުރަނީ، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އިއުލާނުގައިވާ ގޮތުން ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގުތައް ބޮޑުކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އިތުރު ތަފްސީލެއް ނުދީ، އޭޑީކޭއިން ބުނީ ވީހާ ވެސް ލުއި ގޮތަކަށް އެ ބަދަލުތައް ގެނައުމަށް، ހިދުމަތްތަކުގެ އަގުތައް ބޮޑުކުރަން ނިންމާފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.

އެ ބަދަލުތައް ހޮސްޕިޓަލްގެ ކައުންޓަރުތަކުން ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

މިދިޔަ ޖުލައި މަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ސިއްހީ ހިދުމަތަކީ ޖީއެސްޓީ ނެގޭ އެއްޗަކަށް ނުވިޔަސް އެ ހިދުމަތްދޭން ގަންނަ ހުރިހާ އެއްޗަކަށް ހަ ޕަސެންޓްގެ ޖީއެސްޓީއެއް ދައްކަން ޖެހޭ ކަމަށެވެ.

ފަރުވާގެ އަގު ބޮޑުވެގެން ދަނީ އެ ހުރިހާ ސަބަބުތަކާ ހެދިކަމަށް އޭނާ ވިދާޅުވި އެވެ.