Roadha Mihaaru
ހުއްދަ ނޫން ބޭސް އެތެރެކުރަނީ ސަރަހައްދީ ޕޯޓުތަކަށް

ސަރަހައްދީ ޕޯޓްތަކަށް ހުއްދަ ނޫން ބޭސް އެތެރެކުރާ ކަމުގެ ތުހުމަތު

11 ޑިސެމްބަރ 2023

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ނުދޭ ބޭސް، ހުއްދަ ދޫކޮށްފައި ނުވާ ޕޯޓުތަކުން އެތެރެކުރާ ކަމަށް އޭޑީކޭ އިން ތުހުމަތު ކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ ނުދޭ ބޭސް، ހުއްދަ ދޫކޮށްފައި ނުވާ ޕޯޓުތަކުން އެތެރެކުރާ ކަމަށް އޭޑީކޭ އިން ތުހުމަތު ކޮށްފި އެވެ.

ރާއްޖެ އަށް ބޭސް އެތެރެ ކުރެވެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް، މާލޭގެ ޕޯޓުތަކަށެވެ. ރާއްޖެ އަށް ބޭސް އެތެރެ ކުރުމަށް ހުއްދަ ދޫކޮށްފައި ވަނީ 17 ގައުމަކަށެވެ.

ރާއްޖެ އެތެރެކޮށް އާންމު ބަލިތަކަށް ބޭނުންކުރަމުންދާ ބޭސްތަކަކުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ފެނިފައިވާތީ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މިއަދު ވަނީ ހެލްތު މިނިސްޓްރީ އާއި އެމްއެފްޑީއޭ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އާސަންދައިގެ އިތުރުން އެސްޓީއޯ އަދި އޭޑީކޭ ހިއުމަން ރައިޓްސް ކޮމެޓީ އަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އޭޑީކޭ ފާމަސޫޓިކަލްގެ މެނެޖިން ޑިރެކްޓަރު ފަޒްލާ ހަސަން ވިދާޅުވީ ހުއްދަ ދީފައި ނުވާ ބޭސް، ޓެސްޓު ކުރުމެއް ނެތި ރާއްޖޭގެ ބައެއް އެއާޕޯޓުތަކަށް އެތެރެކުރާ ކަމަށެވެ.

"އަޅުގަނޑު މި ފުރުސަތުގައި ފާހަގަ ކޮށްލަން މި ވަގުތު ހިނގަމުން އަންނަ ކަމެއް، ޕޯޓުތަކަށް މެޑިސިން، އަން އެޕްރޫވްޑް ޑްރަގްސް އެބަ ކްލިއާވޭ. އަން އެޕްރޫވްޑް ޑްރަގްސްއޭ މި ބުނަނީ މި ބޭފުޅުންގެ (އެމްއެފްޑީއޭގައި) އޮވޭ އެޕްރޫވްޑް ޑްރަގް ލިސްޓެއް. [އެކަމަކު] އެ ރަށްރަށުގައި ޑޮކްޓަރުން ވެސް އެބަ އެ ބޭސްތައް ލިޔޭ،" އޭނާ ވިދާޅުވި އެވެ.

މީހަކު ޕެނެޑޯލް ކާޑެއް ގަންނަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މީހަކު ޕެނެޑޯލް ކާޑެއް ގަންނަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެކަމަށް އޮތް ހައްލަކީ ކޮބައިތޯ އާއި ހައްލު ކުރުމަށް ކުރަނީ ކޮން މަސައްކަތްތަކެއްތޯ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެއްސެވުމުން އެމްއެފްޑީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ސީނިއާ ފާމަސިސްޓް، އައިޝަތު ޖަލީލާ ވިދާޅުވީ މި ވަގުތު ރާއްޖެ އަށް ބޭސް އެތެރެ ކުރުމަށް ހުއްދަ ދޫކޮށްފައި ވަނީ މާލޭ އެއާޕޯޓާއި ކޮމާޝަލް ހާބަރު އެކަނި ކަމަށެވެ.

ހދ. ހަނިމާދޫ އެއާޕޯޓަށް ވެސް ބޭސް އެތެރެ ކުރާ ކަމަށް ވިދާޅުވެ، މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޖަލީލާ ވިދާޅުވީ އަތޮޅުތަކުގެ ތެރެއިން ފާމަސީތައް އެންމެ ގިނަ ރަށް، ހދ. ކުޅުދުއްފުށީ ޕޯޓުގައި މި ވަގުތު އެމްއެެފްޑީއޭގެ އެއްވެސް ސްޓާފަކު ނުހުންނާނެ ކަމަށެވެ.

ކުޅުދުއްފުއްޓަކީ ބޭސް އެތެރެ ކުރުމަށް ހުއްދަ ދޫކޮށްފައިވާ ޕޯޓެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކާބޯތަކެތި އެތެރެ ކުރުމަށް އެމްއެފްޑީއޭގެ ސްޓާފުން، ފުޑް ކޮންޓްރޯލްގެ ސްޓާފުން ތިބޭނެ. އެކަމަކު މެޑިސިން ކްލިއާ ކުރާއިރު އެ ހުއްދަ ދޭން ޖެހޭ އޮފިސަރުން، އަޅުގަނޑުމެންގެ އެއްވެސް ސްޓާފަކު ނުހުންނާނެ މާލޭގެ ދެ ޕޯޓު ނޫން އެހެން ޕޯޓެއްގައެެއް. ހުއްދައެއް ވެސް ދީފައެއް ނޯންނާނެ،" ޖަލީލާ ވިދާޅުވި އެވެ.

ބޭސްފިހާރަތަކެއް: ހުއްދަ ނޫން ބޭސް ވިއްކުމުގެ މައްސަލަ ބޮޑު -- ފައިލް ފޮޓޯ/ މިހާރު

ބޭސްފިހާރަތަކެއް: ހުއްދަ ނޫން ބޭސް ވިއްކުމުގެ މައްސަލަ ބޮޑު -- ފައިލް ފޮޓޯ/ މިހާރު

މީގެ އިތުރުން އެމްއެފްޑީއޭ އިން ވަނީ އަމިއްލަ ކްލިނިކްތަކާއި ރިސޯޓުތަކުން ވެސް މިގޮތަށް ބޭސް ދޫކުރާކަން ފާހަގަކޮށްފަ އެވެ.

މާލޭގައި ޖުމްލަ 165 ފާމަސީ ހިންގަމުންދާއިރު އަތޮޅު ތެރޭގައި 310 ފާމަސީ ހުރެ އެވެ. ރާއްޖެ އަށް ބޭސް އިމްޕޯޓު ކުރުމުގެ ހުއްދަ 73 ކުންފުންޏަކަށް ދީފައި ވެ އެވެ.