Roadha Mihaaru
ކަންނެލި ގަތުމާއި އެކްސްޕޯޓްކުރުމުގެ އެވޯޑް ބިގްފިޝްއަށް

އެންމެ ގިނަ ކަންނެލި ގަތުމާއި އެކްސްޕޯޓް ކުރުމުގެ ގައުމީ އެވޯޑް ބިގް ފިޝް އަށް

13 ޑިސެމްބަރ 2022

އެންމެ ގިނަ ކަންނެލި ގަތުމާއި އެކްސްޕޯޓް ކުރުމުގެ އެވޯޑް ބިގް ފިޝް އަށް ލިބިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެންމެ ގިނަ ކަންނެލި ގަތުމާއި އެކްސްޕޯޓް ކުރުމުގެ އެވޯޑް ބިގް ފިޝް އަށް ލިބިއްޖެ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ ޝާފިން އަހުމަދާ އެ އެވޯޑް ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެވޯޑު ލިބުން ފާހަގަ ކޮށް ބިގް ފިޝްއިން ކުރި ޓުވީޓު.

ބިގް ފިޝް އަކީ 2017 އަހަރުން ފެށިގެން މަސް ގަނެ، އެ ޕްރޮސެސް ކޮށް، އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ މައިގަނޑު ކަސްޓަމަރުންނަކީ ސަޝިމީ ގްރޭޑްގެ ތާޒާ އަދި ގަނޑުކުރި ކަނޑު މަހުގެ ބާވަތްތައް އެމެރިކާ އާއި އޭޝިއާ އަދި އީޔޫގެ ގައުމުތަކަށް ވިއްކާ ޑިސްޓްރިބިއުޓަރުންނާއި ޕްރޮސެސަރުންނާއި ރީޓެއިލަރުންނެވެ.

ބިގް ފިޝްގެ މައުލޫމާތު ހިމެނޭ ބުކްލެޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވަނީ. -- ފޮޓޯ: ބިގް ފިޝް

ބިގް ފިޝްގެ މައުލޫމާތު ހިމެނޭ ބުކްލެޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވަނީ. -- ފޮޓޯ: ބިގް ފިޝް

ބިފް ފިޝްގެ ސީއީއޯ ޝާފިން ވިދާޅުވީ، އެ ކުންފުންޏަށް ލިބުނު ކާމިޔާބީ އަކީ ފާއިތުވި ފަސް އަހަރު މުވައްޒަފުންނާއި ކަންނެލީގެ މަސްވެރިން ކުރާ މީހުން ކޮށްފައިވާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެ އެވޯޑަކީ ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބީއަކާއި ޝަރަފެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"މި އެވޯޑުގެ ފަހަތުގައި ތިބީ ބިގް ފިޝްގެ މަސައްކަތްތެރި ޓީމާއި އަޅުގަނޑުމެންގެ ޕްރައިމަރީ ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ހީވާގި ކަންނެލި މަސްވެރިން. މިއީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ފަރެސްމާތޮޑގައި ކުރިއަށް ދިޔަ ހަރަކާތްތަކުގައި ބިގް ފިޝްއިން މަސްވެރިންނާ މައުލޫމާތު ހިއްސާކުރަނީ. -- ފޮޓޯ: ބިގް ފިޝް

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ފަރެސްމާތޮޑގައި ކުރިއަށް ދިޔަ ހަރަކާތްތަކުގައި ބިގް ފިޝްއިން މަސްވެރިންނާ މައުލޫމާތު ހިއްސާކުރަނީ. -- ފޮޓޯ: ބިގް ފިޝް

ބިގް ފިޝްގެ ފެކްޓަރީ ހުންނަނީ ކ. ހިންމަފުށީގަ އެވެ.

ބިގް ފިޝްއިން ބުނިގޮތުގައި، އެ ކުންފުނި ފުޅާކޮށް، ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން އެ ރަށުގައި އިތުރު ފެކްޓަރީއެއް ހެދުމުގެ ފަސް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށައިފަ އެވެ. އެއީ އެމެރިކާ އާއި އީޔޫގެ ގައުމުތަކުގައި ރީޓެއިލްކޮށް ވިއްކާ ކަނޑުމަހުގެ ބާވަތްތައް އުފެއްދުމަށް އަމާޒުކޮށް ހަދާ ފެކްޓަރީ އެކެވެ. އެ ޕްރޮޖެކްޓުގެ ސަބަބުން މަސްގަތުމަށް މިހާރަށް ވުރެ ބޮޑު އަގެއް ދިނުމަށް މަގު ފަހިވާނެ ކަމަށް ބުންޏެވެ.

ކަޅުބިލަ މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ގދ. ތިނަދޫގައި 10 މިލިއަން ޑޮލަރުގެ ފެކްޓަރީއެއް އެޅުމުގެ ޕްރޮޖެކްޓެއް ވެސް އަންނަ އަހަރުގެ ކުރީ ކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބިގް ފިޝް އިން ބުންޏެވެ.