Roadha Mihaaru
ބިދޭސީންގެ މިނިވަންކަމާއި ހައްގުތަކެއް ނުލިބޭ

ބިދޭސީ މަސައްކަތްތެރިންގެ މިނިވަންކަމާއި ހައްގުތަކެއް ނުލިބޭ

11 ޑިސެމްބަރ 2022

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރާއިރު ބިދޭސީ މަސައްކަތްތެރިންގެ މިނިވަންކަމާއި ހައްގުތައް ނުލިބޭ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަ ކުރެވުނީ ޑިސެމްބަރު 10، 1990 ގައެވެ. އެފަހަރު އެ ދުވަސް ފާހަގަކުރީ އޭރުގެ ސަރުކާރާ ދެކޮޅަށް ކަޅު ޓީޝާޓުތަކެއްގައި ޝިއާރުތައް ޕްރިންޓް ކޮށްގެންނެވެ. އަދި އިންސާނީ ހައްގުތަކާއި މިފަދަ އެތަކެއް ލަފްޒުތައް ފުރަތަމަ ފަހަރަށް ރާއްޖޭގައި އާންމުކޮށް އަޑުއިވެން ފެށީ ނޫސްވެރިކަމުގެ މިނިވަންކަމާ އެކު ނެރެންފެށި ނޫސް މަޖައްލާތަކުން ކަމަށް ބެލެވިދާނެ އެވެ.

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރާއިރު ބިދޭސީ މަސައްކަތްތެރިންގެ މިނިވަންކަމާއި ހައްގުތައް ނުލިބޭ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަ ކުރެވުނީ ޑިސެމްބަރު 10، 1990 ގައެވެ. އެފަހަރު އެ ދުވަސް ފާހަގަކުރީ އޭރުގެ ސަރުކާރާ ދެކޮޅަށް ކަޅު ޓީޝާޓުތަކެއްގައި ޝިއާރުތައް ޕްރިންޓް ކޮށްގެންނެވެ. އަދި އިންސާނީ ހައްގުތަކާއި މިފަދަ އެތަކެއް ލަފްޒުތައް ފުރަތަމަ ފަހަރަށް ރާއްޖޭގައި އާންމުކޮށް އަޑުއިވެން ފެށީ ނޫސްވެރިކަމުގެ މިނިވަންކަމާ އެކު ނެރެންފެށި ނޫސް މަޖައްލާތަކުން ކަމަށް ބެލެވިދާނެ އެވެ.

މި ލިޔުމުގައި އަލިއަޅުވައިލާނީ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނަށް ލިބެންޖެހޭ މިނިވަންކަމާއި ހައްގުތަކާ މެދު ދައުލަތުން ގެންގުޅޭ ވިސްނުމާއި ފިކުރު އަދި ސިޔާސީ ފަރާތްތަކުންނާއި ބޮޑެތި ފައިސާވެރިން ދެކޭ ގޮތާއި، ބިދޭސީންނަށް މިނިވަންކަމާއި ހައްގުތައް ހޯދުމަށް ހުރި ގޮންޖެހުންތަކާއި ބޮޑެތި ހުރަސްތަކުގެ މައްޗަށެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ މައުލޫމާތު އެއްވެސް ވަރަކަށް ރައްކާ ކުރެވިފައެއް ނެތެވެ. ނަމަވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން ހާމަކުރާ ގޮތުގައި އާބާދީގެ ތިންބައިކުޅަ އެއް ބަޔަކީ ބިދޭސީ މަސައްކަތްތެރިންނެވެ. ޒުވާނުންގެ އާބާދީގެ 53 ޕަސެންޓަކީ ބިދޭސީ މަސައްކަތްތެރިންނެވެ. އަދި 12 ޕަސެންޓް ބިދޭސީ މަސައްކަތްތެރިންނަކީ އަންހެނުންނެވެ. ރަސްމީ ލިޔެކިޔުމެއް ނެތި ގާތްގަނޑަކަށް 65،000 ވަރަކަށް މަސައްކަތްތެރިން ރާއްޖޭގައި ދިރިއުޅޭ ކަމަށް ބެލެވެއެވެ. ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ އެތަކެއް މައްސަލަތަކެއް ވޭތުވެދިޔަ 30 ވަރަކަށް އަހަރުތެރޭ ވަނީ ފެންމަތިވެފަ އެވެ. މި ފަރާތްތަކަކީ އަސާސީ ހިދުމަތްތަކުން މަހުރޫމުކޮށް، އިންސާނުން އުޅެން ނުޖެހޭ ދަށު ދަރަޖައިގައި ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ފަރާތްތަކެވެ.

ޕާސްޕޯޓާއި ވޯކްޕާމިޓް ހިފެހެއްޓުމާއި، ވަޒީފާގެ އެއްބަސްވުން ނުހެދުމާއި ނުވަތަ އެ ފަރާތްތަކަށް ކިޔަން އެގޭ ގޮތަށް މި ލިޔުންތައް ލިޔެފައި ނުދިނުމާއި، އޮޅުވާލައިގެން ރާއްޖެ ގެނައުމާއި ގަދަކަމުން މަސައްކަތް ކުރުވުން (ފޯސްޑް ލޭބަރ)، އެއްބަސް ވުމާ ހިލާފަށް މަސައްކަތް ކުރުވުން، ވަގުފާރި ކުރުން (ހިއުމަން ޓްރެފިކިން)، ހަށިވިއްކުމަށް (ސެކްސް ޓްރެފިކިން) ބިދޭސީ މަސައްކަތްތެރިން ގެނައުން، މިނިމަމް ވޭޖް ނުދިނުން، އަސާސީ ސިއްހީ ފަރުވާ ނުލިބުމާއި މަސައްކަތު މާހައުލުގައި ދިމާވާ އެތަކެއް މައްސަލަތަކާއި ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި ދިރިއުޅެން މަޖުބޫރު ކުރުވުމާއި މިފަދަ އެތަކެއް ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. މިހެންކަމުން ރާއްޖޭގައި އެންމެ ހާލުގައި މިނިވަންކަމާއި ހައްގުތަކުން މަހުރޫމު ކޮށްފައިވާ އެއްބަޔަކީ ބިދޭސީ މަސައްކަތްތެރިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ބިދޭސީންގެ ރީރެޖިސްޓްރޭޝަން ކުރިއަށް ގެންދަނީ: އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކޮށް މަސައްކަތް ކުރުވާ މައްސަލަ ބޮޑު -- ފައިލް ފޮޓޯ/ މިހާރު

ބިދޭސީންގެ ރީރެޖިސްޓްރޭޝަން ކުރިއަށް ގެންދަނީ: އޮޅުވާލައިގެން ބިދޭސީން ރާއްޖެ އެތެރެކޮށް މަސައްކަތް ކުރުވާ މައްސަލަ ބޮޑު -- ފައިލް ފޮޓޯ/ މިހާރު

ސިޔާސީ ވެރިންނާއި ކަނާއަތުފިޔައިގެ ސިޔާސީ ޕާޓީތަކުން އަދި ބޮޑެތި ފައިސާވެރިން ކުރިއަރުވާ ސިޔާސަތުތަކުން ބިދޭސީ މަސައްކަތްތެރިން އަޅުވެތިކޮށް ތަފާތުކުރުންތައް އިތުރު ކުރުވައެވެ. މިސާލަކަށް މި ސަރުކާރުން 2020 ވަނަ އަހަރު ވަޒީފާގެ ގާނޫނަށް ގެނައި ނުރަނގަޅު ބަދަލުތަކުން ބިދޭސީ މަސައްކަތްތެރިން ތަފާތުކޮށް އަސާސީ ހައްގުތަކުން މަހުރޫމް ކުރުވައެވެ. ކޮވިޑް-19ގައި ގެންގުޅުނު ވަޒީފާއާ ގުޅޭ ސިޔާސަތު ތަކުންނާއި އަދި ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ނުދޭން ނިންމުމާއި، ކުއްލިއަކަށް ޓެކްސް ބޮޑު ކުރުން ފަދަ އެތަކެއް ސިޔާސަތުކާއި ގާނޫނޫތަކާއި ގަވާއިދުތަކާއި އަދި އުސޫލުތަކުން އެންމެ ފަގީރު ހާލުގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އިތުރަށް ފަގީރުވެ ހާލުގައިޖެހި އަޅު މަސައްކަތް ކުރުމަށް މަޖުބޫރު ކުރުވައެވެ.

އެންމެ ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރަނީ ޓުއަރިޒަމް ސިނާއަތުގަ އެވެ. މާނައަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވާ ހަރުދަނާ ކުރުމަށް އެ ފަރާތްތަކުގެ ބައިވެރުވުން އިންތިހާއަށް ބޮޑު ކަމެވެ. ނަމަވެސް ގިނަ ރިޒޯޓުތަކުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅެނީ އެކަށީގެންނުވާ އުޖޫރަ އާއި ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައެވެ.

ބިދޭސީ މަސައްކަތްތެރިން ލައްވައި ތިންވަނަ ފަރާތައް (ތާރޑް ޕާޓީ) އުސޫލުން މަސައްކަތް ކުރުވުމާއި 8 ގަޑި އިރަށް ވުރެ އިތުރަށް މަސައްކަތް ކުރުވުމާއި، ސާވިސް ޗާޖް ނުދިނުމާއި، ފަސޭހައިން ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަށް ގެނެވޭނެ ގޮތްތައް ކުރިއަރުވަން ބޮޑެތި ފައިސާވެރިން އަބަދުވެސް މަސައްކަތް ކުރެއެވެ.

ބިދޭސީ މަސައްކަތްތެރިންނާއި ދިވެހި މަސައްކަތްތެރިންނާއި ތަފާތު ކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް ނަފްރަތު އުފެއްދޭ ޒާތުގެ ސިޔާސަތުކާއި ގާނޫނުތަކާއި އެކި އެކި ގަވާއިދުތަކާއި އުސޫލުތައް ކުރިއަރުވަނީ ބިދޭސީ މަސައްކަތްތެރިންނަކީ އަހަރެމެން ކަހަލަ އިންސާނުން ކަމުގައި ނުދެކޭތީ އެވެ. މިކަންކަމުގެ ސަބަބުން އާންމުން ބިދޭސީ މަސައްކަތްތެރިންނާއި މެދު ދެކޭގޮތް ބަދަލުވެ ނަފްތަރުގެ ނަޒަރަކުން ދެކެން ފަށައެވެ.

ނަމަވެސް ވިސްނާލަންޖެހޭ ކަމަކީ އަހަރެމެން އެންމެން ވެސް ބިދޭސީ މަސައްކަތްތެރިން ލައްވާ ބުރަ އުނދަގޫ އަދި ކުނި އުކުމާއި ސާފު ކުރުން ފަދަ އެތަކެއް މަސައްކަތެއް ކުރުވާކަމެވެ. އެހެން ނަމަވެސް ވަރަށް ގިނަ ފަހަރަށް ދިވެހިންގެ ފަރާތުން ފެންނަނީ ބިދޭސީ މަސައްކަތްތެރިންނާ މެދު ހުތުރު ބަހުން މުހާތަބު ކުރުމާއި، އެކި ކަހަލަގެ ގޯނާ ކުރުމާއި، އިހުތިރާމު ނުކުރުމާއި މިނިވަންކަމާއި ހައްގުތަކުން މަހުރޫމު ކުރުމަށް ބާރު އެޅުމާއި ނަފްރަތުގެ ނަޒަރުތަކުން ދެކޭ ދުށުންތައް އިތުރުވާ މަންޒަރެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރު ސަރުކާރުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ހަދާފައިވާ ބައެއް ގަވާއިދުތަކަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިންގެ ވަޒީފާގެ ގަވާއިދު (,(2021/R-16 ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަން މިންކުރާ ގަވާއިދު އަދި ބިދޭސީ މަސައްކަތްތެރިން އެތެރެކުރާ އޭޖެންސީތަކުގެ ގަވާއިދު ހަދާފައި ހުރި ނަމަވެސް މި ގަވާއިދުތައް ތަންފީޒު ނުކުރުމާއި މޮނީޓާކޮށް ބެލޭނެ ގޮތެއް ނެތްކަން މިފަހަކުން ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާއިން އެކަނި ވެސް ފެންނާން އެބައޮތެވެ. މި ހާދިސާގައި 10 ބިދޭސީ މަސައްކަތްތެރިން ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

ހަމަނުޖެހުން ހިންގި ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި: މުސާރަ ދިނުމުގެ މައްސަލަ ވަރަށް ބޮޑު -- ފައިލް ފޮޓޯ: މިހާރު

ހަމަނުޖެހުން ހިންގި ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި: މުސާރަ ދިނުމުގެ މައްސަލަ ވަރަށް ބޮޑު -- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގެ ދިރިއުޅޭ ތަންތަނާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން 2008ގައި ހެދި ދިރާސާ އާއި ޔޫއެންގެ ސްޕެޝަލް ރެޕަޓުއާ 2010ގައި ހެދި ދިރާސާތަކުން ވެސް ބިދޭސީ މަސައްކަތްތެރިން ދިރިއުޅެނީ އިންސާނުން އުޅެން އެކަށީގެން ނުވާ ތަންތަނުގައި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ގައިމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން އެކުލަވާލި 'އަ ކޮމްޕްރިހެންސިވް ހައުސިންގ މާކެޓް ސްޓަޑީ ފޮރް ގްރޭޓާ މާލެ ރީޖަން (2017)ގައި ވެސް މިކަން އިތުރަށް ފާހަގަކޮށްފައި އެބައޮތެވެ. ކޮވިޑް-19 ޕެންޑަމިކް އާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބިދޭސީން ދިރިއުޅޭ 587 ތަނެއް ބަލާ ފާސްކުރިއިރު އެތަކެއް ކަންބޮޑުވާންޖެހޭ މައްސަލަތައް ފާހަގަ ކުރެވުނެވެ.

ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ހައްލު ކުރުމަށް ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ހަރުދަނާ އެއްވެސް ކަމެއް ކުރެވިފައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިހާތަނަށް ހިޖުރަކުރުމާއި (މައިގްރޭޝަން) އާއި ހިޖުރަވެރިންނާއި (މައިގްރަންޓުންނާ) ގުޅޭ ވަށާޖެހޭ ސިޔާސަތެއް އެކުލަވާފައެއް ނެތެވެ. ކަނާއަތުފިޔައިގެ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި މިކަމާ ގުޅޭ އެއްވެސް ސިޔާސަތެއް ފެންނާކަށް ނެތެވެ. ހަމަ މިއާއި އެކު ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ސިޔާސަތުކާއި ގާނޫނުތަކާއި ގަވައިދުތައް އެކުލަވާލާއިރު އެއްވެސް ވަރަކަށް ބިދޭސީ މަސައްކަތްތެރިންގެ މިނިވަންކަމާއި ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތައް ބައިވެރި ނުކުރާކަމީ ފާހަގަކުރުން މުހިންމު މައްސަލައެކެވެ.

ބިދޭސީންގެ މަސައްކަތު މާހައުލު އަދި ދިރުއުޅެން ދައްކާ ތަން އިންސާނީ ކަރާމާތުގެ މިންގަނޑުތަކުން ނެއްޓިފައިވުމުގެ ސަބަބުން އެތަކެއް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކާއި ލާއިންސާނީ އެތައް ކަމެއް އަންނަނީ ތަކުރާރު ވަމުންނެވެ. މިކަމަށް ނިމުމެއް ނެތެވެ. ސިޔާސި ވެރިންނާއި ބޮޑެތި ފައިސާވެރިން އަބަދުވެސް ކުރިއަށް ނެރެނީ މަސައްކަތްތެރިން އަޅުވެތި ކޮށް ތަފާތު ކުރުވާ ވިސްނުމާއި ފިކުރެވެ. މިނިވަންކަމާއި ހައްގުތައް ދެކެނީ ހަނި ނަޒަރަކުންނެވެ. އަބަދުވެސް ބަލަނީ މަސައްކަތްތެރިން ލައްވާ ބުރަ މަސައްކަތް ކުރުވައި އިތުރަށް މުދަލާއި ބާރު ހޯދާނެ ގޮތްތަކެވެ.

ސަރުކާރުން ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކޮށް އަދި ޔޫއެންގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ ނައިބު ރައީސްކަން ލިބުން ފާހަގަކުރަމުން ދާއިރު ޔޫއެންގެ ބިދޭސީ މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކުގެ މިނިވަންމަކާއި ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމަށް އެކުލަވާފައިވާ މުއާހަދާގައި ރާއްޖެއިން ބައިވެރި ނުވެ އޮތް އޮތުމަކީ ރާއްޖޭގެ ސަރުކާރުން ބިދޭސީ މަސައްކަތްތެރިންގެ މިނިވަންކަމާއި ހައްގުތައް ރައްކާތެރިކުރުމަށް އަހައްމިއްޔަތުކަން ނުދޭކަން ސާފުވާ ކަމެކެވެ.

ފެންނާން އޮތް ހަގީގަތަކީ ރާއްޖޭގެ ދައުލަތުން ބިދޭސީ މަސައްކަތްތެރިންގެ މިނިވަންކަމާއި ހައްގުތައް ކަށަވަރު ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ހަދާފައި ނެތް ކަމެވެ. ގާނޫނުތަކާއި ގަވާއިދުތައް ހަދާފައި ހުރި ކަމުގައި ވިޔަސް ތަންފީޒު ނުކުރެވޭ ކަމެވެ. މިކަން ބަދަލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކުން އެދެވޭ އެއްވެސް މަސައްކަތެއް ނުކުރާ ކަމެވެ.

ގަލޮޅު ދަނޑުގައި ބިދޭސީން ރަޖިސްޓްރީކުރަނީ: ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ ފަރާތަކީ ކަމާ ބެހޭ ފަރާތްތައް -- ފައިލް ފޮޓޯ: މިހާރު

ގަލޮޅު ދަނޑުގައި ބިދޭސީން ރަޖިސްޓްރީކުރަނީ: ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ ފަރާތަކީ ކަމާ ބެހޭ ފަރާތްތައް -- ފައިލް ފޮޓޯ: މިހާރު

ބިދޭސީ މަސައްކަތްތެރިންނާ މެދު ދެކޭގޮތް ބަދަލު ކުރުމަށް އެތަކެއް މަސައްކަތެއް ކުރަންޖެހެއެވެ. ބިދޭސީ މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާތައް ތަފާތު ނުކުރުމާއި އެ ފަރާތްތަކަކީ ވެސް އިންސާނުން ކަމުގައި ދެކި ލިބެން ޖެހޭ މިނިވަންކަމާއި ހައްގުތައް ކަށަވަރު ކުރުމަށް ބާރު އަޅަންޖެހެއެވެ. ބިދޭސީ މަސައްކަތްތެރިންނާ މެދު ދައުލަތުގެ މުއައްސަސާތަކުންނާއި ސަރުކާރުން އަދި ބޮޑެތި ފައިސާވެރިން ގެންގުޅޭ ހަނި ވިސްނުމާއި ތަފާތު ކުރުމުގެ ފަލްސަފާތަކާއި ފިކުރުތަކަށް ނޫނެކޭ ބުނަންޖެހެއެވެ.

އަދި އަހަރެމެންގެ ޒުވާން ޖީލަކީ ބިދޭސީ މަސައްކަތްތެރިންނަށް އިހުތިރާމު ކުރާ ބަޔަކަށް ބަދަލު ކުރަން ޖެހެ އެވެ. އެހެން ގައުކަށް ނުވަތަ އެހެން ނަސްލަކަށް އުފަންވީތީވެ، ނުވަތަ އެހެން ސަގާފަތަކާއި ދީނަކަށް ނިސްބަތްވީތީވެ ތަފާތު ކުރުން ހުއްޓާލައި އެކުގައި ތަފާތު ނުކުރާ އަމާން މާހައުލެއްގައި ހަމަޖެހިގެން ދިރިއުޅެވޭނެ މުޖުތަމައުއެއް ބިނާކުރަން އެންމެންގެ ވިސްނުމާއި ފިކުރު ބަދަލު ކުރަން ޖެހެއެވެ.

އެޑިޓަރުގެ ނޯޓް: އަހްމަދު މުހައްމަދު (ފޯމީ) އަކީ މިނިވަންކަމާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އަދި ތަފާތެއް ނެތި ހުރިހާ ރައްޔިތުންނަށް ކަށަވަރުކުރަން ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގައި އިންސާނީ ހައްގުތަކުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލްކޮށްފަ އެވެ.