Roadha Mihaaru
ބިދޭސީންގެ މައްސަލަ: ކުއްލިއަކަށް ހައްލެއް ނުކުރެވޭނެ!

ބިދޭސީންގެ މައްސަލަ: ކުއްލިއަކަށް ހައްލުކުރެވޭ ވަރަށް ވުރެ މާ ބޮޑު!

30 މާޗް 2024

ބިދޭސީންގެ މައްސަލައަކީ ވިސާ އާއި ކޯޓާގެ ގަވާއިދުތަކުން ފިލައިގެން ރަށުތެރަށް ގިނަވުން އެކަނި ކަމުގައި ދުށުން ގޯހެވެ.

ބިދޭސީންގެ މައްސަލައަކީ ވިސާ އާއި ކޯޓާގެ ގަވާއިދުތަކުން ފިލައިގެން ރަށުތެރަށް ގިނަވުން އެކަނި ކަމުގައި ދުށުން ގޯހެވެ.

ދިވެހި ސިނާއަތްތައް ހިނގަނީ ބިދޭސީންގެ އަތްދަނޑިމަތީގައެވެ. އައިނަށް އަރާއިރު އޮޑީގައި ގިނައީ ބިދޭސީންނެވެ. ބާނާ މަސް ކައްކައި، ޕްރޮސެސްކުރަން ތިބީ ބިދޭސީންނެވެ. ކަންބާ އާއި ކަރާ ހައްދައި، ބާޒާރަށް ގެނެސް ވިއްކަނީ ބިދޭސީންނެވެ. ރިސޯޓްތަކުގަ އާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރަނީ ބިދޭސީންނެވެ. ހޮޓަލު ބަދިގޭގައި، އަތުޖެހި ކަވާބުހަދައި، މަސްރޮށިފިހެ، ސައި ގެނެސް، ތަށިތައް ނަގައި، ބިލް ކަނޑާނީ ބިދޭސީންނެވެ. ދިވެހި އިގްތިސާދީ އިންޖީނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމުގެ ބޮޑު ދައުރެއް އަދާ ކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ.

ރޯދައަށް ތަށިމުށި ޖަހައި، ގޭތެރޭ ކުލަ ލައި، އާބާތުރަ ފިލުވައިދެނީ ބިދޭސީންނެވެ. ހުކުރެއް، ރޯދައެއް އީދެއް ނުބަލައި، ފްލަޝްޓޭންކުން ފެން ފައިބާ ތަން ވެސް ރަނގަޅުކޮށް، ފެންމޯޓަރުގެ އިމްޕެލާ ބަދަލުކޮށް، އޭސީގެ ޑްރެއިން ސާފުކޮށްދިނުމުގެ ސަބަބުން، ގޭތެރަށް އަމާންކަން ގެނެސްދެނީ ވެސް ބިދޭސީންނެވެ. މިފަދަ އެތަކެއް 'ނުރަސްމީ' ވިޔާފާރިތަކުން ލިބޭ އާމްދަނީއަކީ މީރާ މީހާ ދަންނަ އާމްދަނީއެއް ނޫނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވީކްޕާމިޓްތަކެއް ބަލަނީ -- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވީކްޕާމިޓްތަކެއް ބަލަނީ -- ފައިލް ފޮޓޯ: މިހާރު

ކަންމަތީ ފިހާރަތަކާއި، ބޯކޮށާ ދުއްކާންތަކާއި، ރިޕެޔާ ގަރާޖްތައް ހިންގަނީ ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ދައުލަތަށް ޓެކްސް ވެސް ދައްކައިގެންނެވެ. މިއަދަކު ވަތްގަނޑުގައި ވެސް ދިވެއްސަކު އިންނާކަށް ނުޖެހެއެވެ.

ސިޓީ ކައުންސިލްގެ ނާތަހުޒީބު ކަމުން ލޯކަލް މާރުކޭޓު ގޮޅީގައި ދިވެއްސަކު ހުންނަން ޖެހުނަސް، ވިއްކާ އަގު އެނގެނީ އަދި ޑިސްކައުންޓް ދެވޭނީ ވެސް، ގޮޅީގައި ހުންނަ ބިދޭސީ 'މަސައްކަތު' މީހާ އަށެވެ. ފައިސާ ޓްރާންސްފާ ކުރަނީ އޭނާގެ އެކައުންޓަކަށެވެ. މިފަދަ އެތަކެއް 'ކަރުދާހު' ވިޔަފާރިތަކަކީ ހަގީގަތުގައި ބިދޭސީ ވިޔާފާރިތަކެވެ. އެ ވިޔަފާރިތަކުގެ ފައިދާ ޖަމާ ވަނީ ބިދޭސީއެއްގެ އަންބޮނޑިއަށެވެ. ދިވެއްސަކަށް ލިބޭނީ ހަމައެކަނި ކަމިޝަނެކެވެ. މިކަން ނުދަންނަ ކަސްޓަމަރެއް، ސަރުކާރުގެ އިދާރާއެއް ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ރާއްޖޭގެ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދީ ތަރައްގީގެ ޕްރޮޖްކެޓްތައް އަމަލީގޮތުން ހިންގަނީ ވެސް ބިދޭސީންނެވެ. ސިއްހީ އަދި ތައުލީމީ ވިޔުގައިގެ ގިނަ ހިދުމަތްތެރިންނާއި، އިންޖިނިއަރުންނާއި، އެކައުންޓަންޓުން، އޯޑިޓަރުން ފަދަ ޕްރޮފެޝަނަލް ކެޓަގަރީތަކުގައި ގިނައީ މިއަދު ވެސް ބިދޭސީންނެވެ.

އަޅުގަނޑުމެންނަށް ވަޒީފާއަށް ނުކުމެ ހިދުމަތުގައި އުޅެވެނީ އުމުރުން ދުވަސްވެފައިވާ މައިންބަފައިންނާއި ހަގަށް ތިބި ކުޑަކުދިން ބަލަހައްޓައިދޭ ބިދޭސީ ޚިދުމަތްތެރިން، ގޭތެރެ ތަރުތީބު ކޮށްދޭތީއެވެ. އިޤްތިޞާދު އެކަންޏެއް ނޫނެވެ. ދިވެހި މުޖްތަމަޢު ހިނގަނީ ބޮޑުތަނުން ބިދޭސީންގެ ބައިވެރިވުމާ އެކުގައެވެ.

ކުށުގެ ވެހީގައި ވެސް ބިދޭސީންގެ ދައުރު ފުޅަލެވެ. ކޮންމެ ދަންވަރެއްގައި ގުޅާލިޔަސް ދޮރުބުޑަށް އައިސް ޑޮލަރު ވިއްކުމުން ފެށިގެން، ޑްރަގު ވިޔަފާރި އާއި، ހަށިވިއްކުމާއި ކުޑަކުދިންނާއި ބެހުމުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އަމިއްލަ ރަށުގެ މީހުން ހިޔުމަން ޓްރެފިކްކުރުމާއި، ހިތްހަމަނުޖެހުމުން ކަނޑުފެއްތުމުގެ ހުނަރުވެސް އެ މީހުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މަސައްކަތްތެރިން: މައްސަލަ ހައްލު ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ -- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މަސައްކަތްތެރިން: މައްސަލަ ހައްލު ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ -- ފައިލް ފޮޓޯ: މިހާރު

ވަޒީފާގެ އުޖޫރައިގެ ގޮތުންނާއި، ކަރުދާހު ވިޔާފާރިތަކުގެ ނަފާއިންނާއި، ކުށުގެ ވެށިން ލިބިގަންނަ އާމްދަނީ ގެންދާނީ ޑޮލަރަށް ހަދައިން ރާއްޖޭން ބޭރަށެވެ. އެއްވެސް ބޭންކަކަށް އެމްއެމްއޭއަކަށް މި ރެމިޓަންސްތަކެއް ފެންނާކަށް ނުހުރެއެވެ. ނަމަަވެސް، ރާއްޖޭގެ އެކްސްޕޯޓް އާމްދަނީގެ 150 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް، ޑޮލަރު ރެމިޓެންސްގެ ގޮތުގައި ކޮންމެ އަހަރަކު ރާއްޖޭން ނުކުމެގެންދާނެ އެވެ.

މި ހުރިހާ ކަމެއް މިގޮތަށް ހުރި ހިނދުގައި، ބިދޭސީންނާ މެދު އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަނީ އަޅާލުމާއި އިހުސާންތެރިކަމާ އެކުގައެވެ. ރިސޯޓް ޕްރޮޖެކްޓް ނިންމަން، ކަކުނި ހަރަކަށް ވުރެ ތާށި ޖާގައިގައި، ކެއުމާއި މުސާރައިން މަހުރޫމްކޮށްގެން ގެންގުޅޭ ބިދޭސީންގެ ނުބައި ނުލަފާކަމުން، އަޑު އުފުލައިފި ނަމަ ހައެއްކަ މަހުގެ މުސާރަ ވެސް ނުދީ ޑިޕޯޓް ކޮށްލުމަކީ ހަމައެންމެ ރަނގަޅު ގޮތެވެ.

ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް، ވިއްސަކަށް އަހަރު ވާންދެން ސަރުކާރުތައް ނުކެޅުދުމުގެ ސަބަބުން، މައްސަލައިގެ ގުނަވެތިކަން މިއަދު ވަނީ ގުނަވެފަ އެވެ. މިއަދު، ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށޭނީ ކިތައް ދިމާލުން ފަލީތާ ލައިފާއި ވޭތޯޯ އެނގުނީމަ އެވެ. އެކަންކަމާ ގުޅޭ އެހެން ވުޒާރާތަކާއި، މަރުކަޒީ ބޭންކުގެ އިތުރުން މާހިރުންގެ ވެސް ބައިވެރިވުމާ އެކު އެވެ. ކެތްތެރިކަމާއި ވިސްނުން ތެރިކަމާއެކުގައެވެ. ކިތަންމެ 'ފާޓު' ފުޅާ މެންޑޭޓެއް ދީފައިވާ ވުޒާރާއެއް ނަމަވެސް، ޑޮލަރުގެ މައްސަލަ، އެއް މަސްދުވަހުން، ބިދޭސީންގެ މައްސަލަ އެއް އަހަރު ދުވަހުން، ހައްލު ކުރެވޭނެ ކަމަކަށް ނުފެނެއެވެ.

މަހަށް ނުކުމެ ނަނު ފައްތައިގެން ތިއްބާ، ގަދަ އޮއިގައިޖެހި، ހުރިހާ ނަނެއް، އެކަތި އަނެކައްޗާއި ތޯޅުވިގެން އޮވެ އޮޑިއަށް ނެގުމުން، ނަނުތައް ސާފުކުރާކަށް ފަސޭހައެއް ނުވާނެއެވެ. ތިމާ މީހާގެ ނަނު އަވަހަށް ފިލުވާނަމޭ ހިތާ ވަކިން، ވަކި ނަނަށް ދަމަނީ ނަމަ، ގޮށްތަށް ވާނީ ބާރެވެ. އޮޅުން ވާނީ ބޮޑެވެ. ހައްލަކީ، އޮޑިއަށް އަލިކޮށް، ނަނުތަކުގެ ކޮޅުތައް ދެނެގަނެ، އޮޑީގައިތިބި އެހެން މީހުންގެ ބައިވެރިވުން ވެސް ހޯދައިގެން، ކެތްތެރިކަމާއެކު ނަނުތައް ސާފުކުރުމުގެ މަސައްކަތް ފެށުމެވެ.