Roadha Mihaaru
މިދަނީ ހައްދުން ނެއްޓިގެން، މި ހަގީގަތާ ކުރިމަތިލާ!

މިދަނީ ހައްދުން ނެއްޓިގެން، މި ހަގީގަތާ ކުރިމަތިލާ!

13 ޖުލައި 2020

ފެށުމުގައި ވެސް ހިޔާނާތް އެކުލެވޭކަމުގެ ތުހުމަތު، ބައެއް ފަރާތްތަކުން އަޅުވަމުން ގެންދިޔަ، ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތަށް އެ މީހުން، ކޮންމެ ދުވަހަކު ހެނދުނު ސައިޓަށް ވަދެ އެވެ. އަދި އިރުއޮއްސުމާ އެކު މަސައްކަތް ނިމި، ލޭބަ ކްއާޓަރަށް ހިނގާފައި ދަނީ ވެސް، ހަމަނުޖެހުމެއް ހިންގުމެއް ނެތި، އަމާންކަމުގަ އެވެ. އެކަމަކު އެ ކިޔަމަންތެރިކަން ވެސް ކޮޅުންލަ އެވެ. ހުޅުމާލެއިން މިއަދު އެ ފެނުނީ އެ މަންޒަރެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ފެށުމުގައި ވެސް ހިޔާނާތް އެކުލެވޭކަމުގެ ތުހުމަތު، ބައެއް ފަރާތްތަކުން އަޅުވަމުން ގެންދިޔަ، ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތަށް އެ މީހުން، ކޮންމެ ދުވަހަކު ހެނދުނު ސައިޓަށް ވަދެ އެވެ. އަދި އިރުއޮއްސުމާ އެކު މަސައްކަތް ނިމި، ލޭބަ ކްއާޓަރަށް ހިނގާފައި ދަނީ ވެސް، ހަމަނުޖެހުމެއް ހިންގުމެއް ނެތި، އަމާންކަމުގަ އެވެ. އެކަމަކު އެ ކިޔަމަންތެރިކަން ވެސް ކޮޅުންލަ އެވެ. ހުޅުމާލެއިން މިއަދު އެ ފެނުނީ އެ މަންޒަރެވެ.

ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އުއްމީދުގައި އަމިއްލަ ގައުމު ދޫކޮށް ރާއްޖެ އައިސް މަސައްކަތްކޮށް އެކަމަކު މުސާރަ ނުލިބި، އާއިލާ ބިކަވެ، ބަނޑުފުރާނެ މުއްތިކުރާނެ ގޮތް ވެސް ނެތުމަކީ، ފަގީރު ބަޔަކާ ދެކޮޅަށް ދިވެހި ފަސްގަނޑުގައި ބަޔަކު ހިންގާ ނުބައިވެގެންވާ ޖަރީމާއެކެވެ.

ތައިލެންޑްގެ އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުން، ހުޅުމާލޭގައި ދެ ވަނަ ފަހަރަށް ހަމަނުޖެހުން އެ ހިންގީ އެވެ. ކުރީ ދުވަހަށް ވުރެ މިއަދު ހާލަތު މާ ގޯހެވެ. ވީޑިއޯ އިން ފެންނަނީ، ކެކިއަރައިގެންފައިވާ ބައެކެވެ. ރުޅި ކޮންޓްރޯލުން ނެއްޓި، އަތު ޖެހުނު އެއްޗެއް، ފުލުހުންނާ ދިމާއަށް އުކީ އެވެ. ހިތްހަމަނުޖެހިގެން ބައެއް ދިވެހިން، އެ ދިމާލަށް ދާން އުޅުނު ތަން ފެނުނެވެ. އެކަމަކު، ދިވެހިންގެ ބިމުގައި އަނިޔާ ލިބި، މަކަރާއި ހީލަތުގައި އަބަދު ނުތިބެވޭނެކަން އެނގޭ ހިސާބުން ބިދޭސީންގެ ރުޅި ވެސް ދާނީ ފަޅައިގެންނެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް 2012 ގައި ފެށީ ނޫމަޑިއާ ހަވާލުކޮށްގެންނެވެ. އައިލެންޑް އެކްސްޕާޓަކީ ނޫމަޑީގެ ހިއްސާ ކުރިން އޮތް ތައިލެން މީހެއްގެ ކުންފުންޏެކެވެ. އެކަމަކު މި ކުންފުނިތަކުގެ ހަގީގަތެއް ރަނގަޅަކަށް ނޭނގެ އެވެ. ރާއްޖެ އަންނާނީ ސިޔާސީ ކޮންމެވެސް މީހެއްގެ ހިޔަނީގަ އެވެ. ރާއްޖެ އައިސް ވިއްދާލާ ފައި، ގުޑުވާލަން އުނދަގޫވާނެ އެވެ.

ނޫމަޑި މަޝްހޫރުވީ، އެމްޑީޕީ ސަރުކާރުގައި، ރާއްޖޭގެ ބައެއް ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ހަވާލުވެ، ޓޫރިޒަމަށް ބިންތައް ހޯދައި، އެ ބިންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަތުލުމުން، މި ސަރުކާރުން 55 މިލިއަން ޑޮލަރުގެ ބަދަލެއް ދަމައިގަތް ކުންފުންޏެއްގެ ގޮތުގަ އެވެ.

އައިލެންޑް އެކްސްޕާޓް މުވައްޒަފުން ހަމަޔަކަށް އެޅުވުމަށް ފަހު، ފުލުހުން ވާހަކަ ދައްކަނީ --ފޮޓޯ/މިހާރު

އައިލެންޑް އެކްސްޕާޓް މުވައްޒަފުން ހަމަޔަކަށް އެޅުވުމަށް ފަހު، ފުލުހުން ވާހަކަ ދައްކަނީ --ފޮޓޯ/މިހާރު

އެ މީހުން ކުރަން ޖެހޭ ބައެއް މަސައްކަތްތައް ރަނގަޅަށް ކުރިއަށް ނުގެންދިއުމުގެ ޝަކުވާ ވެސް އޮތެވެ. އަދި ބައެއް މަޝްރޫއުތައް ނިންމަން، ސަރުކާރުން ފައިސާ ވެސް ދޭން ޖެހުނެވެ. އަދި ނޫމަޑިއަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާގެ ތެރެއިން 92 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހުނަސް، 849 މިލިއަން ރުފިޔާގެ ބަދަލު ދިނީ، އެ ވެސް ނުލިބޭ ގޮތަށެވެ.

އައިލެންޑް އެކްސްޕާޓުގެ "މަކަރުވެރިކަން" ފެށިފައި މި އޮތީ ނޫމަޑީގެ ފަހަތުންނެވެ. ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަށް އަށް އަހަރު ވެގެންދާ އިރު ވެސް ފިނިހަކަ ސްޕީޑްގައި މަސައްކަތް ކުރިއަށް ދިޔައީ، އެ މަޝްރޫއުގެ ތެރެއިން ބައި އަޅަން ޖެހުނު މީހުން ގިނަވެ، ސިޔާސީ ގޮތުން ވެސް ކުރިމަތިވި ހުރަސްތަކާ އެކު ކަމަށް، ބެލިދާނެ އެވެ. އައިލެންޑް އެކްސްޕާޓްގެ ޑިރެކްޓަރުންގެ ބޯޑުގައި، އެކި ސަރުކާރުތަކުގެ އެކި މަގާމުތަކުގައި ތިބި މީހުން ހިމެނެ އެވެ. ބޭނުމަކީ ކޮންމެ ސަރުކާރެއްގެ ތެރެއިން ވެސް، ފައިދާތަކެއް ހޯދުމެވެ.

އެކަމަކު އެ ފައިދާ ލިބުނަސް ނުލިބުނަސް، މި ފެންނަނީ އިންސާނުންތަކެއް ހާލުގައި ޖައްސައި، ރުޅިވެރިކަން ބޮޑުކުރާ ތަނެވެ. މުސާރަ ނުދެވޭ ވަރުގެ މާލީ ތަނަވަސްކަން ނެތީސް، ބޮޑެތި އެތައް މަޝްރޫއުތަކާ ހަވާލުވެގެން، އައިލެންޑް އެކްސްޕާޓުން އެ އުޅެނީ، މި ގައުމުގައި ސަރުކާރު ވެސް އޮވެ، ދައުލަތުގެ އެކި އިދާރާތައް ވެސް ހިނގަމުން ދަނިކޮށެވެ. އެއިން އެއްވެސް މައްސަލައެއް ބެލި، ފިޔަވަޅެއް ނާޅަ އެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އައިލެންޑް އެކްސްޕާޓުން ބޮޑެތި ބިންތަކުގައި އަމިއްލައަށް ފްލެޓްތައް އެބަ އިމާރާތްކުރެ އެވެ. ދިވެހިންގެ ނަމުގައި ބިންތައް ވެސް ގަނެފައިވެ އެވެ. އެކަމަކު މުވައްޒަފުންނަށް މުސާރަ ނުދީ، އެތައް ހާސް ބަޔަކު ހާލުގައި ޖައްސަނީ އެވެ.

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ރާއްޖެ އިން މަސައްކަތްކުރާ ކަމަށް ބުންޏަސް، އެއީ ހަގީގަތެއް ނޫނެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރު އަލީ ރިޒާގެ ކުންފުނިން މިހާރު އެ ޖަހާ ސަކަރާތާ މެދު ވިސްނާލިޔަސް، މިއީ މަކަރާއި ހީލަތުން ސަލާމަތްވެވޭނެ ފުރުސަތު އޮތް ދައުލަތެއް ކަން އެނގެ އެވެ. ބޮޑުފިނޮޅުގައި ހަދާ ރިސޯޓްގެ މަސައްކަތަށް އެތައް ސަތޭކަ ބިދޭސީން ގެންގޮސް މި ހުރިހާ ދުވަހު ގެންގުޅުނީ ރިޒާގެ ރިޒް ކުންފުނިންނެވެ. މުސާރަ ނުލިބި، ހާލުގައި ޖެހުމުން ދެން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރިޒާ ވެސް ފުރަތަމަ ވިދާޅުވި ވާހަކަތަކުން އެނގެނީ، އެއީ އޭނާގެ ކުންފުނީގެ ޒިންމާގެ ދަށުގައި ތިބި ބައެއް ކަމެވެ. ނަމަވެސް މިހާރު މި ފެންނަނީ އެ އެންމެން އެ ރަށަށް ދޫކޮށްލާފައި، ރިޒް ކުންފުނިން އަތްއުރާލި ތަނެވެ.

މިވަރުން ވެސް ކުންފުނިތަކާއި އެ ކުންފުނިތަކުގެ ވެރިންނަށް، ގާނޫނީ "ދިގު އަތުން" ފިލާނެ ޖާގަ ލިބެނީ ހެއްޔެވެ؟ ދިވެހި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ވެފައި މި އޮތީ ކިހިނެއް ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވުމުން، އެމްޑީޕީގެ "ސުޕަ މެޖޯރިޓީ" ނިދީ ހެއްޔެވެ؟ ނުވަތަ މި ބޮޑު މަކަރާއި ހީލަތަކީ، "އަހަރެމެންގެ ދިރިއުޅުމުގެ ބައެއް" ކަމަށް ބަލައި، ކަންފަސޭހަ އުސޫލަށް ދޫކޮށްލަނީ ހެއްޔެވެ؟ ފުލުހުން ހިންގާ ތަހުގީގުގެ ސީރިއަސްކަން އޮތީ ކޮން މިންވަރަކަށް ހެއްޔެވެ؟

ބޮޑުފިނޮޅުގައި ހާލުގައި ޖެހުނު މީހުންނަށް ހިލޭސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ

ބޮޑުފިނޮޅުގައި ހާލުގައި ޖެހުނު މީހުންނަށް ހިލޭސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ

ސުވާލުތައް އުފެދެނީ ވަކި ވަރަކަށެއް ނޫނެވެ. ގައުމުގައި ހިންގާ ޖިނާއީ އަދި އިންސާނިއްޔަތާ ހިލާފު އަމަލްތަކާ ހެދި، ދައުލަތެއްގެ ގޮތުގައި ދިވެހިން މިދަނީ ކޮން މިސްރާބަކަށް ކަން ނޭނގޭ ހިސާބަށް، ކަމާ ބެހޭ ވެރިން އެމީހުންގެ މަސްއޫލިއްޔަތުތަކުން އަތް ދޫކޮށްލައިފި އެވެ. ނުވަތަ އަބަދުވެސް ވިކެނީ އެވެ. ކުރިންނާއި މިހާރު ވެސް މެ އެވެ.

މިއަދުގެ ވީޑިއޯ އިން ދިވެއްސަކު ވަރަށް ކެރިގެން، ބަންގްލަދޭޝް މީހުންނާ ދިމާއަށް ދާން އުޅުނު ތަން ފެނުނެވެ. އޭނާގެ އަތުގައި އޮތް ހެލްމެޓް ވެސް "އެ ގަޓުގައި" އެޅި އެވެ. އެކަމަކު އޭރު މައިތިރިވެގެން ތިބި "ގުލާނުވެރިން" އަނެއްކާވެސް ގާ އުކަން ފެށި އެވެ. އެއީ އެއްގޮތަކަށް ވެސް އެ ޒުވާނާ ފަދަ ހިތްވަރު ގަދަ ދިވެހިންގެ ކެތްތެރިކަން ޓެސްޓްކުރަން، އެމީހުން ދައްކަމުން އަންނަ ރުޅިވެރިކަމެއް ނޫނެވެ. އެއީ އެމީހުން ކުރާ މަސައްކަތަށް އުޖޫރަ ނުލިބި، އެމީހުންނާއި ގައުމުގައި ތިބި އެމީހުންގެ މައިންބަފައިންނާއި އަނބިދަރިން ބިކަވުމުގެ ރުޅި އެވެ.

ދިވެހިންގެ ހިތްވަރެއް ހުރި ނަމަ، ދިމާކުރަންވީ އެމީހުންނަކާ ނޫނެވެ. ދިވެހިން ނުކުންނަންވީ، ހިއުމަން ޓްރެފިކިންގެ ތެރެއިން ބައި އަޅަމުން އަންނަ އިމިގްރޭޝަންގެ މުވައްޒަފުންނާއި ބޭރުން މީހުން އެތެރެކުރާ ރެކްރޫޓު ކުންފުނިތަކާއި، މުސާރަ ނުދީ، އަމިއްލަ ޖީބު ބޮޑުކުރާ ވިޔަފާރިވެރިންނާއި ވިކިފައި ތިބި ދައުލަތުގެ ވެރިންނާ ދެކޮޅަށެވެ. ދިވެހިން، ހިތްވަރު ދައްކަންވީ ދިވެހިންނަށެވެ. ދިވެހި ގައުމު އިސްލާހުކޮށް، ހިޔާނާތާއި އަނިޔާވެރިކަމުން ސަލާމަތްކުރަން މި ގައުމަށް އަންނަން ޖެހެނީ އިންޑިއާ އާއި ޗައިނާ އާއި ޔޫރަޕާއި އެމެރިކާއަކުން ނޫނެވެ. މިއީ ދިވެހިންނަށްޓަކައި ދިވެހިން ހައްލުކުރަން ޖެހޭ މައްސަލަތަކެވެ.

ބޮޑުފިނޮޅުން ފެނުނީ ހިއުމަން ޓްރެފިކިންގެ ލާމަސީލު މިސާލެކެވެ. ހުޅުމާލެއިން މި ފެންނަނީ ވެސް އޭގެ ހަމަ ލާމަސީލު މިސާލުތަކެވެ. ހާލުގައި ޖެހިފައި ތިބި އިންސާނުންތަކަކަށް ލިބެން ޖެހޭ އުޖޫރައިގެ ހައްގުގެ ވާހަކަ ދެއްކުމަކީ، "ގައުމަށް ގައްދާރުވުން" ކަމަށް ސިފަކުރާ ވެރިން ދައުލަތުގައި ތިބޭ ނަމަ، އާއެނކެވެ: ދިވެހި ގައުމު ވެސް މި އޮތީ ހަގީގަތުގައި ހަމަ ވަރަށް ހާލުގަ އެވެ.

ދެން ވެސް ހަގީގަތާ ކުރިމަތިލާށެވެ. ނޫނީ ދިވެހި ދައުލަތް، ހުރިހާ ކަމަކުން ވެސް، ބިކަވަމުން ދާން ދޫކޮށްލައިގެން ތިބޭށެވެ.