Roadha Mihaaru
ނިޝާމާގެ މަރު: އާއިލާގެ ކުއްލި ޝޮކާއި ޝައްކުތައް!

ނިޝާމާގެ މަރު: އާއިލާގެ ކުއްލި ޝޮކާއި ޝައްކުތައް!

10 ޑިސެމްބަރ 2022

ފޭސްބުކްގައި ތަފާތު އެތައް ވާހަކައެއް، އޭނާގެ ފިރިމީހާ ޖަހަމުން ދިޔައިރު ވެސް އެއީ، މިއަދުގެ ހިތާމަވެރި މަރުގެ ފަހަތުގައި ފޮރުވެމުން އައި ރޭވުންތެރި ކަމެއް ކަން އާއިލާގެ ހަމަ އެކަކަށް ވެސް ރޭކާއެއް ނުލި އެވެ. އެކަމަކު، އެ ހުރިހާ ސްޓޭޓަސްއެއް ގޮސް ގުޅިފައި އޮތީ، ހދ. ނޮޅިވަރަމް ހިތަށްފިނިވާގޭ ނިޝާމާ މުހަންމަދާ ކަން، މިއަދު އޭނާ ދުނިޔެ ދޫކުރި ހިސާބުން އެންމެންނަށް ވެސް ފަހުމްވެއްޖެ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ފޭސްބުކްގައި ތަފާތު އެތައް ވާހަކައެއް، އޭނާގެ ފިރިމީހާ ޖަހަމުން ދިޔައިރު ވެސް އެއީ، މިއަދުގެ ހިތާމަވެރި މަރުގެ ފަހަތުގައި ފޮރުވެމުން އައި ރޭވުންތެރި ކަމެއް ކަން އާއިލާގެ ހަމަ އެކަކަށް ވެސް ރޭކާއެއް ނުލި އެވެ. އެކަމަކު، އެ ހުރިހާ ސްޓޭޓަސްއެއް ގޮސް ގުޅިފައި އޮތީ، ހދ. ނޮޅިވަރަމް ހިތަށްފިނިވާގޭ ނިޝާމާ މުހަންމަދާ ކަން، މިއަދު އޭނާ ދުނިޔެ ދޫކުރި ހިސާބުން އެންމެންނަށް ވެސް ފަހުމްވެއްޖެ އެވެ.

ނިޝާމާ އަށް ނިސްބަތްކޮށް ކަމަށް ބެލެވޭ ވަރަށް ގިނަ ފޭސްބުކް ސްޓޭޓަސްތަކެއް، އޭނާގެ ފިރިމީހާ ޖަހަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ޝެއާ ކޮށްފައިވާ އެއް ސްޓޭޓަސްއެއްގައި ބުނެފައި ވެ އެވެ: "އެއްވެސް މީހެއްގެ ހިތެއް އަދި ނިޔަތެއް ނުފެންނާނެ އެވެ. އެއްވެސް މީހެއްގެ ހަގީގަތެއް ވެސް ނޭނގޭނެ އެވެ. އެންމެ ހީނުކުރާ މީހުންގެ ފަރާތުން ގިނަ ފަހަރަށް ދުވަހަކު ވެސް ހިތަށް ނާރާ ހިތްދަތިކަން ލިބެ އެވެ."

އެހެން ސްޓޭޓަސްއެއްގައި ވެ އެވެ؛ "ދުނިޔެމަތީގައި ހިތާމަކުރަން ޖެހުނު ކަމުގައި ވިޔަސް ކަންބޮޑު ނުވާށެވެ. މަރާ އެކު އެ ހިތާމަތައް ވެސް ނިމޭނެ އެވެ. އާހިރަތުގައި ހިތާމަކުރަން ޖެހިދާނެ ކަމަށް ޓަކައި ކަންބޮޑުނުވާށެވެ. އެއީ ނިމުމެއް ނެތް ހިތާމައެކެވެ."

ދެ ގަޑިއެއްހާ އިރު ކުރިން ހަމަ ރަނގަޅަށް ހުރި ނިޝާމާ، 29، ހަމަ ކުއްލިއަކަށް، ހަބަރު ހުސްވެ މަރުވެފައި އޮއްވާ ފެނުމާ އެކު އޭނާގެ މަރުގެ ތުހުމަތު އެޅިފައި ވަނީ އޭނާގެ ފިރިމީހާ ފައިސަލް އަލީގެ މައްޗަށެވެ. ފައިސަލްގެ ފޭސްބުކްގައި މިއަދު ހެނދުނު ވެސް ނިޝާމާ އާއި އޭނާގެ ދަރިންނާ އެކު ހުރި ފޮޓޯތަކެއް ވެސް ވަނީ އަޕްލޯޑްކޮށްފަ އެވެ.

ނިޝާމާގެ ހަށިގަނޑު މާލެ ފޮނުވާލުމަށް އެމްބިއުލާންސަށް އަރުވަނީ

ނިޝާމާގެ ހަށިގަނޑު މާލެ ފޮނުވާލުމަށް އެމްބިއުލާންސަށް އަރުވަނީ

"އަހަރެން ގަބޫލުކުރަނީ ނިޝާމާގެ ފިރިމީހާ އޭނާ މަރާލީ ކަމަށް،" މިރޭ، މި ނޫހާ ވާހަކަ ދައްކަމުން ނިޝާމާގެ ދައްތައަކު ބުންޏެވެ.

ސަބަބުތައް ވެސް އޭނާ ކިޔައިދިނެވެ. އޭނާ ބުނާ ގޮތުން ދެމަފިރިންގެ ދޭތެރޭގައި ފަހަކުން އައިސް ވަނީ ވަރަށް ބޮޑަށް މައްސަލަޖެހެން ފަށައިފަ އެވެ. އަދި އޭނާ ބުނާ ގޮތުން، "ފިރިމީހާ އަކީ ނިޝާމާ އަށް ވަރަށް ޝައްކުކުރާ މީހެ"ކެވެ.

"އެ ވާހަކަތައް ނިޝާމާ ވެސް ހުރީ ކިޔައިދީފައި،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ނިޝާމާ އާ މިއަދު 10:30 ގެ ފަހުން ވެސް ތިން ފަހަރެއްގެ މަތިން ވާހަކަ ދެއްކި އެވެ.

"މިއަދު އަޅުގަނޑުމެންގެ ތިން ބެއިން އޮތީ މޫދަށް ފީނަން ދާން ތައްޔާރުވެގެން. ނިޝާމާ އާންމުކޮށް ވެސް ތަންކޮޅެއް ލަހުން ތެދުވާނީ. އެހެންވެ މޫދަށް ދޭތޯ ނުދޭތޯ ބަލަން 10:30ގެ ފަހުން ތިން ފަހަރެއްގެ މަތިން ގޮވައި ވާހަކަ ވެސް ދެއްކިން. އެނދުމަތީގައި ނިދާ ހެދުމުގައި އޮވެ ވާހަކަ ދެއްކި،" ދައްތަ ބުންޏެވެ.

"އެއްވެސް ކަމެއް ފާހަގަވެފައެއް ނެތް. އެންމެ ފަހުން މެންދުރު ނަމާދަށް ގޮވުމުގެ ހަމަ ކުޑައިރުކޮޅެއް ކުރިން ވެސް ވާހަކަ ދެއްކިން."

ފުލުހުން ބުނި ގޮތުގައި ނިޝާމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ލިބިފައި ވަނީ މިއަދު 12:30 ހާއިރު އެވެ. ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔައިރު އޮތީ މަރުވެފަ އެވެ. އޭގެ މާނައަކީ، ނިޝާމާ އޭނާގެ ދައްތަ އާ ވާހަކަ ދެއްކިތާ ވިއްސަކަށް މިނެޓްގެ ތެރޭގައި "ހިނގި ކަމެއް ހިނގީ" ކަމެވެ.

ދައްތަ ބުނި ގޮތުގައި ނިޝާމާގެ ފިރިމީހާ އެ ވަގުތު، ދަރިއެއް ކައިރީގައި ކައިރި ފިހާރައަކަށް އެބަ ދަމޭ ކިޔައިފައި ނުކުމެގެން ދިޔައީ އެވެ.

"ފުލުހުން އައުމުގެ ކުރިން ވެސް ހަށިގަނޑު ދުށިން. އޭނާގެ ދަރިން ވެސް ކޮޓަރީގައި އޭރު ތިބި،" ދައްތަ ކިޔައިދިނެވެ.

ނިޝާމާ އޭނާގެ ފިރިމީހާ އާއި ކުދިންނާ އެކު: މި ފޮޓޯއަކީ ފިރިމީހާ މިއަދު ހެނދުނު އޭނާގެ ފޭސްބުކް އަށް އަޕްލޯޑު ކުރި ފޮޓޯއެއް.

ނިޝާމާ އޭނާގެ ފިރިމީހާ އާއި ކުދިންނާ އެކު: މި ފޮޓޯއަކީ ފިރިމީހާ މިއަދު ހެނދުނު އޭނާގެ ފޭސްބުކް އަށް އަޕްލޯޑު ކުރި ފޮޓޯއެއް.

ނިޝާމާ އާއި ތިން ކުދިން ދިރިއުޅެނީ ހިތަށްފިނިވާގޭގައި، އާއިލާގެ އެހެން މެމްބަރުންނާ ވެސް އެކު އެވެ. އޭނާ ހަޔާތް ފެށީ، ފެންފުއްޓަށް އުފަން ފައިސަލްއާ އެކު އެވެ. އެކަމަކު، މީގެ ދެ އަހަރެއްހާ ދުވަސް ކުރިއާ ހަމައަށް ފައިސަލް ވަޒީފާ އަދާކުރަމުން އައީ ރަށުން ބޭރުގަ އެވެ. ރަށުގެ ފެނަކަ ބްރާންޗުގައި އޭނާގެ ވަޒީފާ ހަމަޖެހި، އެ ރަށުގައި ދިރިއުޅެން ފެށިތާ އަދި ވީ ދެ އަހަރެއްހާ ދުވަސް ކަމަށް ވެ އެވެ. އެ ރަށުގެ ބައެއް މީހުން ބުނި ގޮތުގައި، ނިޝާމާ އާ މައްސަލަ ޖެހިގެން އުޅޭކަން، ފައިސަލްގެ ވަރަށް ގާތް ބައެއް މީހުން ގާތުގައި ވަނީ ބުނެފަ އެވެ.

ނިޝާމާގެ މަރަށް ފަހު ފައިސަލް ވަނީ ވަގުތުން ލޯންޗެއް ހިފައިގެން ކުޅުދުއްފުއްޓަށް ފުރައިގެން ގޮސް ޕޮލިސް ސްޓޭޝަނަށް ގޮސްފަ އެވެ. އޭގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. އަދި އޭނާ އަމިއްލަ އަށް ޕޮލިހަށް ދިޔައީ ކީއްވެތޯ ވެސް ސާފެއް ނުވި އެވެ.

ނިޝާމާގެ ހަށިގަނޑު މާލެ ފޮނުވާލާ އިރު އެ ރަށުގެ މީހުން ބަނދަރު ކައިރިއަށް އެއްވެ

ނިޝާމާގެ ހަށިގަނޑު މާލެ ފޮނުވާލާ އިރު އެ ރަށުގެ މީހުން ބަނދަރު ކައިރިއަށް އެއްވެ

ނިޝާމާގެ ހަށިގަނޑު، އާއިލާ އަށް ދެއްކުމަށް ފަހު ޕޯސްޓް މޯޓަމް އަށް މިރޭ ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފަ އެވެ. ބެލެވޭ ގޮތުގައި ހަށިގަނޑު މިރޭ މާލެ ގެންނާނެ އެވެ.

ނިޝާމާގެ މަރާ އެކު، އާއިލާ އަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފަ އެވެ. އެންމެ ހާލު ބޮޑުވީ އޭނާގެ މަންމަ އެވެ. ދައްތަ ބުނި ގޮތުގައި، އެއްބަނޑު އެއްބަފާ ހަތް މީހުންގެ އާއިލާ އިން، 2017 ގައި ގެނބިގެން އެކަކު މަރުވުމުގެ ހިތާމައިގައި މަންމަ އުޅެނިކޮށް ކުރިމަތިލާން މި ޖެހުނީ އަނެއްކާ އަނެއް މަރާ އެވެ.

"އެ ހިތާމައިން ސަލާމަތް ނުވެވިގެން އުޅެނިކޮށް އަނެއްކާ އަނެއް މަރު. ކޮއްކޮ [ގެނބިގެން ނިޔާވި އަހުމަދު މުހަންމަދު، 21،)ގެ މަރަށް ފަހު މަންމަ އުޅެނީ ވަރަށް ހިތާމައިގައި،" ދައްތަ ކިޔައިދިނެވެ.

Endhamaa dhaleh nagan ulhunu zuvaanaku maruvejje

Endhamaa dhaleh nagan ulhunu zuvaanaku maruvejje

The most trusted news source in the Maldives

Mihaaru

އަހުމަދު މުހަންމަދުގެ މަރާ ބެހޭ އާޓިކަލް

އެކަމަކު، މިއީ ވެސް ދުނިޔޭގެ އިމްތިހާނު ކަމަށް، ނިޝާމާގެ ބައްޕަ ބުނެ އެވެ. އޭނާ މިރޭ ބުނީ، މި ދަރިފުޅުގެ މަރަށް ވެސް ކެތްތެރިވާނެ ކަމަށެވެ.

"2017 ގައި ވެސް އަޅުގަނޑުގެ ދަރިފުޅު މަހަށް ގޮސް ގެނބިގެން މަރުވި. އޭރު ވެސް ކެތް ކުރީ. އަދިވެސް ކެތްކުރާނަން،" ބައްޕަ، މުހަންމަދު ބުންޏެވެ.

މުހަންމަދަކީ މަސްވެރިއެކެވެ. ގިނަ ދުވަހު ރަށުން ބޭރުގައި މަސްވެރިކަމުގައި އޭނާ އުޅެން ޖެހެ އެވެ. އޭނާ ބުނީ އެންމެ ފަހުން ރަށަށް ގޮސް، ދޮޅު މަސް ދުވަސް ރަށުގައި ހޭދަކޮށްފައި ފުރައިގެން ދިޔަތާ އަދި ވީ 15 ދުވަސް ކަމަށެވެ.

"މި ހަބަރު މި ލިބުނީ ވެސް މަހަށް ގޮސް އުޅެނިކޮށް. ވަގުތުން ރަށަށް މިއައީ،" އޭނާ ބުންޏެވެ.

ނިޝާމާގެ ހަށިގަނޑު އެ ރަށުން ފުރުވާލީ، ސިއްހީ މަރުކަޒުގައި އާއިލާގެ މީހުންނަށް މޫނު ދެއްކުމަށްފަހު އެވެ. މޫނު ފިޔަވައި، ހަށިގަނޑުގެ އެއްވެސް ތަނެއް ދައްކާފައި ނުވާތީ، ޒަހަމެއް ލިބިފައިވާ ކަމެއް ވެސް އަދި ނޭނގެ އެވެ.

"މޫނު އޮތީ ވަރަށް ރީތިކޮށް. ބަލާކަށް ވެސް ނުވެއް ހުރެވުނު،" މުހަންމަދު ބުންޏެވެ.

ވާހަކަ ދައްކާކަށް އޭނާގެ ހިތްވަރެއް ނެތެވެ. އެކަމަކު އެއް ވާހަކައެއް ބުންޏެވެ.

"ކުޑަކުޑަ ތިން ކުދިން އެ ތިބީ. އެ ކުދިން އިރާދަކުރެއްވިއްޔާ ބަލާނަން."