Roadha Mihaaru
ހައިބްރިޑް ތިއޭޓަރުގެ ބޭނުން ނުހިފެނީ ސާމާނު ނުލިބޭތީ

ހައިބްރިޑް ތިއޭޓަރު ބޭނުން ނުކުރެވި ލަސްވަނީ ސްޕެއާ ޕާޓްސް ނުލިބޭތީ: އައިޖީއެމްއެޗް

08 ޑިސެމްބަރ 2022

ދަރުމަވަންތަ ހޮސްޕިޓަލުގައި ހަދާފައިވާ ހައިބްރިޑް ތިއޭޓަރު ބޭނުން ނުކުރެވި ދިގުލައިގެން ދަނީ މަރާމާތުކުރަން ބޭނުންވާ ތަކެތި ނުލިބޭތީ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ހޮސްޕިޓަލުގައި ހަދާފައިވާ ހައިބްރިޑް ތިއޭޓަރު ބޭނުން ނުކުރެވި ދިގުލައިގެން ދަނީ މަރާމާތުކުރަން ބޭނުންވާ ތަކެތި ނުލިބޭތީ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2.1 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން އިމާރާތް ކުރި 25 ބުރީގެ ހޮސްޕިޓަލުގައި މުހިއްމު އަދި ބޮޑެތި އޮޕަރޭޝަންތައް ކުރެވޭ ހައިބްރިޑް ތިއޭޓަރެއް ހަދާފައި އެބަހުއްޓެވެ.

ނަމަވެސް، މަސައްކަތް ނިިންމިތާ ހަތަރު އަހަރު ވެގެން ދިޔައިރު ވެސް އެ ތަންތަން ބޭނުންކުރަން ނުފަށާތީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެ ކަމާ ގުޅިގެން އައިޖީއެމްއެޗުން ކުރިން ބުނެފައި ވަނީ ހައިބްރިޑް ތިއޭޓަރު ބޭނުން ނުކުރެވި ދިގުލައިގެން ދަނީ، އެ ތިއޭޓަރުތައް ހުރި ފްލޯ، ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާތީ ކަމަށެވެ. ކޮވިޑުގެ ހާލަތު ރަނގަޅުވުމުން އެ ތަންތަން ބޭނުންކުރަން ފަށާނެ ކަމަށް އޭރު ބުނެފައި ވެ އެވެ.

ނަމަވެސް، އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެ ތިއޭޓަރު ބޭނުން ނުކުރެވި މިހާރު ލަސްވަނީ ސްޕެއާ ޕާޓްސް ނުލިބިގެން ކަމަށެވެ.

"[ބޭނުން ކުރަން] ފަށަން މަސައްކަތް ކުރަމުން ދަނީ. އަދި ފެށޭނެ ވަކި ތާރީހެއް ބުނަން ވަރަށް ދަތި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި އެންމެ އަގުބޮޑު ހޮސްޕިޓަލްގެ ކަންކަން އެނގޭ މީހަކު "މިހާރު" އަށް ބުނި ގޮތުގައި 23 މިލިއަން ރުފިޔާގެ އަގުހުރި ސާމާނުގެ ތިއޭޓަރު ބޭނުން ނުކުރާތީ ބައެއް މެޝިންތަކުގައި ހުރީ ފަންގަސް ޖަހައިފަ އެވެ.

"މި ގޮތަށް ހެދީމާ އައިޖީއެމްއެޗްގައި ވަރަށް ހަރަދު ކުޑަކޮށް ކުރެވެން ހުރި އޮޕަރޭޝަންތަކަށް އާސަންދަ އިން އަދި އެންސްޕާ އިން ވެސް ބޮޑު ހަރަދެއް [ރާއްޖެ އިން ބޭރަށް] މި ކުރަނީ. މިގޮތަށް ވާން މި ޖެހެނީ ވެސް އޮޕަރޭޝަން ތިއޭޓަރު ބޭނުން ނުކުރާތީ،" އެކަމުގެ މައުލޫމާތު އެނގޭ އެ މީހާ ބުންޏެވެ.

ހައިބްރިޑް ތިއޭޓަރުގައި ކުރަން ހަމަޖައްސާފައިވަނީ ކާޑިއެކް އަދި ނިއުރޯ ސާޖަރީތަކެވެ. އެކަމުގެ ސްޕެޝަލިސްޓުން އައިޖީއެމްއެޗްގައި ތިއްބަސް، އެ އޮޕަރޭޝަންތައް ކުރައްވަން އެ ޑޮކްޓަރުން މިހާރު ދަނީ އަމިއްލަ އެހެން ހޮސްޕިޓަލްތަކަށެވެ.