Roadha Mihaaru
ލެގޫންސް، ރޮކްސްރީޓް، ސެންޓް އަދި މަސްއޮޑި ސެމީ އަށް

ތިން ވަނަ ޑިވިޝަން: ލެގޫންސް، ރޮކް ސްރީޓް، ސެންޓް އަދި މަސްއޮޑި ސެމީ އަށް

06 ޑިސެމްބަރ 2022

އެފްއޭއެމުން ބާއްވާ މި އަހަރުގެ ތިން ވަނަ ޑިވިޝަން މުބާރާތުގެ ސެމީ ފައިނަލަށް ލެގޫންސް ސްޕޯޓްސް ކުލަބާއި ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބް އަދި ސެންޓް ސްޕޯޓްސް ކުލަބާއި މަސްއޮޑި ސްޕޯޓްސް ކްލަބް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެފްއޭއެމުން ބާއްވާ މި އަހަރުގެ ތިން ވަނަ ޑިވިޝަން މުބާރާތުގެ ސެމީ ފައިނަލަށް ލެގޫންސް ސްޕޯޓްސް ކުލަބާއި ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބް އަދި ސެންޓް ސްޕޯޓްސް ކުލަބާއި މަސްއޮޑި ސްޕޯޓްސް ކްލަބް ދަތުރު ކޮށްފި އެވެ.

ގުރޫޕް އޭ ގެ އެއްވަނަ ހޯދި ލެގޫންސް ސެމީ އަށް ދަތުރު ކުރީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި 4-1 އިން ސްޕޯޓްސް ކްލަބް ހޮސްކޯވޯ ބަލިކޮށްފަ އެވެ. ހޮސްކޯވީ އަކީ ގުރޫޕް ސީ ގެ ދެ ވަނަ އަށް ދިޔަ ޓީމެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ލެގޫންސްގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝިފާން މުހައްމަދާއި އަބްދުލް ހައްގު އިސްމާއިލް އަދި އިބްރާހިމް އަގީލް އެވެ. ޝިފާން ވަނީ ދެ ގޯލު ކާމިޔާބު ކޮށްދީފަ އެވެ. ހޮސްކޯވޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަލީ މުފީދެވެ.

އާދިއްތަ ދުވަހުގެ ރޭ ސެންޓް ސްޕޯޓްސް ވަނީ ހަމަ އެ ނަތީޖާއިން؛ 4-1 އިން އަނާކީ ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ.

ގުރޫޕް ބީގެ އެއްވަނަ ހޯދި ސެންޓް ސްޕޯޓްސް އަށް ކުޅޭ ބިދޭސީ ކުޅުންތެރިން ކަމަށްވާ އަލާބީ ދާއޫދު އަޕަޓަޕިޓީ އާއި ޝެނާލް ސަންޑޭޝް އަދި ކަވިންދު އިޝާން ވެސް މި މެޗުގައި ލަނޑު ޖެހި އެވެ. ހަތަރު ވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އަލްސަން އަސްލަމެވެ. ގްރޫޕް ޑީ ގެ ދެ ވަނަ ހޯދި އަނާކީ އިން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ ހުސެއިން ފާއިޒް އެވެ.

ކުއާޓާ ގައި ރޭ މަސްއޮޑި ސްޕޯޓްސް އިން ހުޅުމާލެ ޔޫތު ކުލަބް ބަލިކުރީ 1-0 އިންނެވެ. މަސްއޮޑި ސްޕޯޓްސް ކުއާޓާގެ ޖާގަ ހޯދީ ގުރޫޕް ޑީ ގެ އެއް ވަނަ ހޯދައިގެންނެވެ. ހުޅުމާލެ ޔޫތު ކުލަބުން ވަނީ ގުރޫޕް ބީ ގެ ދެވަނަ ހޯދައިފަ އެވެ. މެޗުގެ ހަމައެކަނި ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ އަބްދުﷲ މުއާޒް އެވެ.

ކުއާޓާ ގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވީ، 2018 ވަނަ އަހަރުގެ ތިން ވަނަ ޑިވިޝަން ކާމިޔާބު ކުރި ރޮކް ސްޓްރީޓެވެ. އިއްޔެ ހަވީރު ވިޔަންސާ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗު ރޮކް ސްޓްރީޓުން ކާމިޔާބު ކުރީ 8-1 އިންނެވެ.

ރޮކް ސްޓްރީޓުން ވަނީ ގުރޫޕް ސްޓޭޖުގައި ގުރޫޕް ސީ ގެ އެއް ވަނަ ހޯދައިފަ އެވެ. ކުއާޓާގެ މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނި އަހުމަދު އައްސަދު، ސޮލާހު، ޝަނޫން އަހުމަދު، މުހައްމަދު ނާފިއު އަހުމަދު އަދި އަހުމަދު އަރީޝް އެވެ. އައްސަދާއި ނާފިއު ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.

ގުރޫޕް އޭގެ ދެ ވަނަ ހޯދި ވިޔަންސާގެ ހަމައެކަނި ލަނޑު ޖަހައިދިނީ، މި އަހަރު އޮތް 19 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު އަބްދުއްރަހްމާން ތިބްޔާން އަލީ ސައީދެވެ.

ސެމީ ފައިނަލްގެ މެޗްތައް:

● 8 ޑިސެމްބަރު / 16:00 : ލެގޫންސް - ރޮކް ސްތްރީޓް

● 8 ޑިސެމްބަރު / 21:00 : ސެންޓް - މަސްއޮޑި

ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމެއް އެކުލަވާލަން ވެގެން 108 ކުދިންނާ އެކު މާލޭގައި ކުރިއަށް ގެންދިޔަ ޓްރަޔަލް އަކުން ކުދިން ހޮވައިގެން، ޒުވާން ގައުމީ ޓީމު ވެސް ހިމަނައިގެން ޖުމްލަ 17 ޓީމަކާ އެކު މި އަހަރުގެ މުބާރާތް ކުޅުނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ގުރޫޕަކަށް ހަތަރު ޓީމު ބަހާލި އިރު، ޒުވާން ޓީމު ހިމެނުނީ ގުރޫޕް ޑީ ގަ އެވެ. ޒުވާން ޓީމާ އެކު އެ ގުރޫޕުގައި ފަސް ޓީމު ހިމެނުނެވެ. އެހެން ނަމަވެސް ޒުވާން ޓީމު މި މުބާރާތުގައި ބައިވެރި ކުރީ ވާދަވެރި މެޗްތަކެއްގެ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް ވާތީވެ، އެ ޓީމު ކުޅުނު މެޗުތަކުގެ ޕޮއިންޓުތައް ނުގުނަ އެވެ.

ޕޮއިންޓްތައް ނުގުނި ކަމުގައި ވިއަސް، ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ގެ އިރުޝާދުގެ ދަށުން އެ ޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ނަތީޖާ ރަނގަޅެވެ. އެންމެ ފުރަތަމަ މެޗުގައި އިންވިކްޓޯ ސްޕޯޓްސް އާ ދެކޮޅަށް ކުޅުނު މެޗުން ވީ އެއްވަރެވެ. އެކަމަކު ދެން ކުޅުނު ދެ މެޗުގައި ޔޫއެން ފްރެންޑްސް އާއި އަނާކީއާ ދެކޮޅަށް ވެސް ފުރިހަމަ މޮޅެއް ހޯދި އެވެ. އެންމެ ފަހު މެޗުގައި މަސްއޮޑި ސްޕޯޓްސް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.