Roadha Mihaaru
މޮނިކޮން ޓެގް: 56 މިލިއަންގެ މައްސަލަ ހައި ކޯޓަށް

މޮނިކޮން ޓެގް މައްސަލާގައި 56 މިލިއަންގެ ބަދަލުގެ މައްސަލަ ހައި ކޯޓަށް

02 ޑިސެމްބަރ 2022

ކުށްވެރިންގެ ފައިގައި އަޅުވާ މޮނިކޮން ޓެގް ފޯރުކޮށްދޭން އަމިއްލަ ކުންފުންޏަކާ އެކު ސަރުކާރުން ހެދި އެއްބަސްވުމުގެ މައްސަލާގައި 56 މިލިއަންގެ ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާ ނާކާމިޔާބުވި މައްސަލަ އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުށްވެރިންގެ ފައިގައި އަޅުވާ މޮނިކޮން ޓެގް ފޯރުކޮށްދޭން އަމިއްލަ ކުންފުންޏަކާ އެކު ސަރުކާރުން ހެދި އެއްބަސްވުމުގެ މައްސަލާގައި 56 މިލިއަންގެ ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާ ނާކާމިޔާބުވި މައްސަލަ އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ކުރީގެ ސަރުކާރުގައި ކުށްވެރިން ފައިގައި ހަރުކުރާ ޓެގް ސަޕްލައިކުރުމަށް ސްޓަލްވާޓް ކުންފުންޏާ އެކު ހެދި އެއްބަސްވުމާ ސަރުކާރުން ޚިލާފްވެ އަދި އެ ކުންފުންޏަށް މަސައްކަތް ހަވާލުކުރުން ސަރުކާރުން ހުއްޓާލި ކަމަށް ބުނެ 56 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާ ސިވިލް ކޯޓުން ވަނީ ނާކާމިޔާބުވެފަ އެވެ.

އެ މައްސަލަ އެ ކުންފުނިން ހައި ކޯޓުގައި މިދިޔަ ހަފުތާގައި އިސްތިއުނާފް ކޮށްފައި ވިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް އަދި ނުނިންމަ އެވެ.

ސްޓަލްވާޓް ކުންފުނިން ކޯޓުގައި ބުނެފައިވާ ގޮތުގައި އެއްބަސްވުން އުވާލަން ބޭނުންވާ ނަމަ އެ ކުންފުންޏަށް ދޭންޖެހޭ ބަދަލެއް ދިނުމަށްފަހު އެއްބަސްވުން ނިމުމަކަށް ގެންނަން އެ ކުންފުނިން އެދިފައި ވިޔަސް، ސަރުކާރުން 2020 ވަނަ އަހަރު އެއްބަސްވުން އުވާލީ ބަދަލު ދިނުމެއް ނެތި އެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ދެ ފަރާތުން އެއްބަސްވެގެން ކަމަށްވާތީ އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެ އެވެ. އެކަމަކު ސްޓަލްވާޓުން ބުނެފައިވަނީ ބަދަލު ދޭން ނުޖެހޭ ގޮތަށް އެއްބަސްވުން އުވާލަން އެއްވެސް އިރަކު އެ ކުންފުނިން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.