Roadha Mihaaru
ޗައިނާގައި 2035ގައި 1500 ނިއުކްލިއާ ވޯހެޑް

ޗައިނާގައި 2035ގައި 1500 ނިއުކްލިއާ ވޯހެޑް ހުރެދާނެ

30 ނޮވެމްބަރ 2022

ނިއުކްލިއާ ހަތިޔާރު އުފައްދައި ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ އެކު، 2035 ވަނަ އަހަރު އެ ގައުމުގައި 1500 ނިއުކްލިއާ ވޯހެޑް ހުރުން އެކަށީގެންވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ނިއުކްލިއާ ހަތިޔާރު އުފައްދައި ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ އެކު، 2035 ވަނަ އަހަރު އެ ގައުމުގައި 1500 ނިއުކްލިއާ ވޯހެޑް ހުރުން އެކަށީގެންވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ޗައިނާގެ ނިއުކްލިއާ ހަތިޔާރު އިތުރުކުރުމުގެ މަޝްރޫއު މިހާރު ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފަ އެވެ. މި މަޝްރޫއުގެ ދުވެލި ހުރި ގޮތަށް ބަލާއިރު، މިދިޔަ ދެ އަހަރުގެ ތެރޭގައި ޗައިނާގެ ނިއުކްލިއާ ވޯހެޑްގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެމެރިކާ އިން އަންދާޒާކޮށްފައި އޮތީ، 2020 ވަނަ އަހަރު ޗައިނާގައި ހުރި ނިއުކްލިއާ ވޯހެޑްގެ އަދަދު 200 އަށް ވުރެ މަދުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެ އަދަދު ދެގުނަ އަށް އިތުރުވާނެ ކަމަށް ވެސް އަންދާޒާ ކޮށްފައިވެ އެވެ.

ނަމަވެސް އޭގެ ފަހުން ދެ އަހަރު ފާއިތުވި އިރު، ޗައިނާގެ ނިއުކްލިއާ ވޯހެޑްގެ އަދަދު 400 އަށް ވުރެ އިތުރުކޮށްފައިވާ ކަމަށް އެމެރިކާގެ ރިޕޯޓްގައި ބުނެފައިވެ އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ އިން މިހާރު އަންދާޒާ ކުރަނީ، ޗައިނާގައި ނިއުކްލިއާ ހަތިޔާރު އުފައްދާ ނިސްބަތަށް ބަލާއިރު، 2035 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ އަސްކަރީ ގުދަނުގައި 1500 އަށް ވުރެ ގިނަ ނިއުކްލިއާ ވޯހެޑް ހުންނާނެ ކަމަށެވެ.

އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފަ އެވެ.

ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަކީ އެމެރިކާގެ ގައުމީ މަސްލަހަތަށް ހުރި ނުރައްކަލެއް ކަމަށް އެމެރިކާ އިން ދެކެ އެވެ. ނަމަވެސް ޗައިނާ އިން ބުނާ ގޮތުގައި އަސްކަރީ ގާބިލުކަން އިތުރުކުރުމަކީ، ޗައިނާގެ މިނިވަންކަމާއި ސަރަހައްދުގެ ސުލްހަ ދެމެހެއްޓުމުގެ ގޮތުން ކުރާ ކަމެކެވެ.

ނިއުކްލިއާ ވޯހެޑް އުފެއްދުމުގެ މަސައްކަތް ޗައިނާ އިން ހަލުވިކޮށްފައިވާ އިރު، އެއްގަމުންނާއި ވައިގެ ތެރެއިންނާއި ކަނޑުން، ނިއުކްލިއާ މިސައިލް ފޮނުވައިލުމުގެ ގާބިލުކަން ވެސް ދަނީ އިތުރު ކުރަމުންނެވެ. މިދިޔަ 2021 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް ޗައިނާ އިން ވަނީ އެ ގައުމުގައި އުފައްދާފައިވާ ބެލިސްޓިކް މިސައިލްތަކުގެ 135 އަޖުމަބެލުމެއް ބާއްވައިފަ އެވެ.

މިދިޔަ އަހަރު ޗައިނާ އިން އަޖުމަބެލި ބެލިސްޓިކް މިސައިލްތަކުގެ ތެރޭގައި ، މިދިޔަ އަހަރުގެ ޖުލައި މަހުގެ އަޖުމަ ބެލި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ވެސް ހިމެނެ އެވެ. އަޖުމަ ބެލުމުގެ ގޮތުން ފޮނުވައިލި އެ މިސައިލް އޭގެ އަމާޒަށް ވާސިލުވީ ދުނިޔެ ވަށައިގެން ބުރެއް ޖެހުމަށް ފަހު އެވެ.

އެމެރިކާގެ އޮފިޝަލުން އަންދާޒާ ކުރާ ގޮތުގައި ޗައިނާ އިން މިދިޔަ އަހަރު އަޖުމަބެލި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލްގެ ރާސްތާއަކީ 40000 ކިލޯމީޓަރެވެ. މި ބިމުގެ އީކުއޭޓަރުގެ މަތިން މިން އަޅާއިރު ބިމުގެ ވަށަމިނުގައި ހުންނަނީ 40075 ކިލޯމީޓަރެވެ.