Roadha Mihaaru
ދުވާފަރު ބޮޑު ހިޔާނާތް: ކައުންސިލަރުން ސަސްޕެންޑްކޮށްފި

އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކުރި މައްސަލާގައި ދުވާފަރު ކައުންސިލަރުން ސަސްޕެންޑްކޮށްފި

28 ނޮވެމްބަރ 2022

ރ. ދުވާފަރު ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ބައެއް މުވައްޒަފުންގެ ބައިވެރިވުމާ އެކު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ބޮޑު ހިޔާނާތާ ގުޅިގެން ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރ. ދުވާފަރު ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ބައެއް މުވައްޒަފުންގެ ބައިވެރިވުމާ އެކު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ބޮޑު ހިޔާނާތާ ގުޅިގެން ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި އެވެ.

އެ ހިޔާނާތް އާންމުންނަށް ފަޅާއެރީ މިދިޔަ ޖުލައި މަހު އެލްޖީއޭއިން އާންމުކުރި އިންޑެކްސް ރިޕޯޓަކުންނެވެ.

ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ ކަން އެލްޖީއޭގެ އޮފިޝަލަކު ވަނީ "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ކައުންސިލަރުން ސަސްޕެންޑްކުރީ އެލްޖީއޭ އިން އިއްޔެ ބޭއްވި ޖަލްސާގަ އެވެ. ކައުންސިލްގެ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ ސެކްރެޓަރީ ޖެނެރަލްއާ އެވެ.

އެލްޖީއޭގެ މޮނިޓަރިން ރިޕޯޓަކުން ފެންމަތިވެފައިވާ ގޮތުގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންނެވެ.

ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓަ އެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ބަލައިފައެއް ނެތެވެ. މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކަށް ވެސް ބެލުމެއް ނެތި އެވެ.

އެލްޖީއޭ އިން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.

އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ވަނީ ނަގުދު ފައިސާ ފައިސާ ބެހުން ހިމެނެ އެވެ. އެންމެ ގިނަ ފައިސާ ލިބުނު ކަމަށް އެ ރިޕޯޓުން ދައްކަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފުސީލެއް ފެންނަން ނެތަސް ޖުމުލަ 711،617ރ. އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ. އޭގެ އިތުރުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް ކައުންސިލްގެ ވަޒީފާގައި ހުރެ ދިޔައީ ފުލްޓައިމް ކޮށް އެހެން ރިސޯޓެއްގައި މަސައްކަތް ކުރަމުންނެވެ. އަދި އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ހަތް ދުވަހު މެމްބަރުން ކައުންސިލަށް ހާޒިރު ނުވެއްޖެ ނަމަ މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ބުނި ނަމަވެސް ބައެއް މެމްބަރުން 50 އަށް ވުރެ ގިނަ ދުވަހު ނާދެ އެވެ. އެކަމަކު އޭރު އެއްވެސް ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.