Roadha Mihaaru
ދުވާފަރު ކައުންސިލްގެ އިންކުއަރީއެއް ހަދަނީ

ދުވާފަރު ކައުންސިލްގެ އިންކުއަރީއެއް އެލްޖީއޭ އިން ހަދަނީ

26 ޖުލައި 2022

ހިޔާނާތުގެ ބޮޑު ތުހުމަތުތަކެއް ކުރެވޭ ރ. ދުވާފަރު ކައުންސިލްގެ އިންކުއަރީއެއް ހަދަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިޔާނާތުގެ ބޮޑު ތުހުމަތުތަކެއް ކުރެވޭ ރ. ދުވާފަރު ކައުންސިލްގެ އިންކުއަރީއެއް ހަދަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފަށައިފި އެވެ.

އެ އޮތޯރިޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދުވާފަރު ކައުންސިލާ ގުޅޭގޮތުން ގިނަ ބަޔަކު ޝަކުވާ ހުށަހެޅުމުން، އެލްޖީއޭގެ ކަމާ ގުޅޭ ޓީމަކުން އެ ރަށަށް ގޮސް ހެދި މޮނިޓަރިން އިން ފާހަގަކުރެވުނު މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅައިދިނުމަށް އެދި ތަހުގީގީ އިދާރާތަކަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، އެ ކައުންސިލްގެ އިންކުއަރީ ހަދަމުން އަންނަ ކަމަށް ވެސް، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުން ބުންޏެވެ.

އެލްޖީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ރިޕޯޓުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.

އެކަމުގެ ތެރެއިން، ކައުންސިލްގެ ބަޖެޓުން މެމްބަރުންނާއި އަންހެނުންގެ ކޮމިޓީގެ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް މިލިއަނުން ފައިސާ ޖަމާކުރިކަން ވެސް ވަނީ އެނގިފަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ވަނީ ފައިސާ ބަހައިފަ އެވެ. ނަމަވެސް އެކަން ދިފާއުކޮށް ދުވާފަރު ކައުންސިލުން ބުނީ އެލްޖީއޭގެ ރިޕޯޓުގައި ބައެއް ކަންކަން ހާމަކޮށްފައިވަނީ ހަގީގަތް އޮޅޭ ގޮތަށެވެ. އަދި އެ ރިޕޯޓަށް ކައުންސިލުން ޖަވާބު ދިނުމަށް ފުރުސަތު ދިނުމަށް ފަހު، ޖަވާބު ނުދެވެނީސް ރިޕޯޓު އާއްމުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ދުވާފަރު ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

އެކަމަކު އެލްޖީއޭއިން ބުނީ ރިޕޯޓު އާއްމުކުރުމުގެ ކުރިން އޮންނަ އުސޫލުގެ ތެރެއިން ޖަވާބުދާރީވުމަށް ކައުންސިލަށް އެކަށީގެންވާ މުއްދަތެއް ދީފައިވާ ކަމަށެވެ.