Roadha Mihaaru
ޒަކާތާ ގުޅޭ ގޮތުން އެލްޖީއޭއިން ބުނާ ވާހަކަ ދޮގުކޮށްފި

ދުވާފަރު ކައުންސިލުން ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ބެހި: އިސްލާމިކް މިނިސްޓްރީ

25 ޖުލައި 2022

ރ. ދުވާފަރު ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތާއި މިދިޔަ އަހަރުގެ މުދަލުގެ ޒަކާތް، އޭގެ ހައްގުވެރިންނަށް ބެހި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. ދުވާފަރު ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތާއި މިދިޔަ އަހަރުގެ މުދަލުގެ ޒަކާތް، އޭގެ ހައްގުވެރިންނަށް ބެހި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން އެހެން ބުނީ، ދުވާފަރު ކައުންސިލުން ހިންގި ހިޔާނާތުގައި ޒަކާތުގެ ފައިސާ ވެސް އެ ރަށުގެ ކައުންސިލް މެމްބަރުންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާތީ، އޭގެ ހައްގުވެރިންނަށް ލިބުނުކަން ކަށަވަރު ނުކުރެވޭ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވާތީ އެވެ.

އެލްޖީއޭގެ އެ ވާހަކަ ދޮގުކޮށް، އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ މުދަލުގެ ޒަކާތާއި މި އަހަރުގެ ފިތުރު ޒަކާތް ބެހުމަށް ފަހު، އެކަމުގެ ރިޕޯޓު ވެސް ދުވާފަރު ކައުންސިލުން އެ މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ. އެއީ ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ ވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރު ކޮށްފައިވާ ލިޔުންތަކެއް ކަމަށް ވެސް ބުންޏެވެ.

އެލްޖީއޭ އިން ބުނިގޮތުގައި ދުވާފަރު ކައުންސިލުން މުދަލުގެ ޒަކާތުގެ ގޮތުގައި ދޭން ބޭނުންވާ 318،600ރ. ވެސް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަމާކޮށްފަ އެވެ.

ފިތުރު ޒަކާތަށް ބަހަން ޖެހޭ 54،000ރ. ވެސް ކައުންސިލް މެމްބަރު ޒުހުދާ އާދަމަށް ނަގުދު ފައިސާގެ ގޮތުގައި ހަވާލު ކޮށްފައިވާ ކަމަށާއި އެ ފައިސާ ލިބެންވީ މީހުންނަށް ލިބިފައިވާ ކަމެއް އެއްވެސް ލިޔުމަކުން ކަށަވަރު ނުކުރެވޭ ކަމަށް އެލްޖީއޭގެ ރިޕޯޓުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ޒަކާތް ނެގުމާއި އެ ބެހުމުގެ ކަންކަން ގެންދަން ޖެހޭނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް ހުރިހާ ކައުންސިލަކަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި މިނިސްޓްރީން ކަނޑައަޅާފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް މި އަހަރުން ފެށިގެން މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނީ ސީދާ އެ މިނިސްޓްރީން އެ މީހެއްގެ އެކައުންޓަށް ކަމަށް ވެސް ބުންޏެވެ.

އެ ބަދަލު ގެނައީ ދުވާފަރު ކައުންސިލްގެ މައްސަލަ ފެންމަތިވުމުގެ ކުރިންނެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ތިބި މީހުންނަށް މިދިޔަ މަހުގެ 20 ގައި މުދަލުގެ ޒަކާތުގެ ގޮތުގައި 3،000ރ. ޖަމާކޮށްދީފަ އެވެ. އެ ލިސްޓުގައި 8،959 މީހަކު ވަނީ މި އަހަރު ރަޖިސްޓަރީ ވެފަ އެވެ.