Roadha Mihaaru
"ނާކާމިޔާބުކޮށްލެވުނީ ވަރަށް ނުރައްކާތެރި ހަމަލައެއް"

ނާކާމިޔާބުކޮށްލެވުނީ މިހާތަނަށް ރޭވި ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި އެއް ހަމަލާ: މާރިޔާ

25 ނޮވެމްބަރ 2022

ދާދި ފަހުން ސިފައިންނާއި ފުލުހުން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ޓެރަރިޒަމްގެ ރޭވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ދާދި ފަހުން ސިފައިންނާއި ފުލުހުން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ޓެރަރިޒަމްގެ ރޭވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ސ. ގަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރިޔަނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެހެންނަމަވެސް، މުޖުތަމައުގައި މިފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެލައިގެންތިބެ ކެނޑިނޭޅި އެމަސައްކަތް އެބަކުރޭ،" މާރިޔާ ވިދާޅުވި އެވެ.

ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވައިވެ އެވެ. ފުލުހުން ބުނީ އެ މީހުން އުޅުނީ ހައްދުފަހަނައެޅި ހަރުކަށި ޖަމާއަތް އައިސިސްއާ ގުޅިގެން ތަންތަން ގޮއްވަން ކަމަށެވެ.

އެކަމަށް އިޝާރާތްކޮށް މާރިޔާ ވިދާޅުވީ އާއްމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑްތަކުގެ ސަރަހައްދުތަކުގެ ތެރޭގައި ހިނގާ މިފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

"މި ގާބިލްކަން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކުރަންޖެހޭކަމަށް އަޅުގަނޑު ދެކެން،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިގްތިސާދެއް އޮތް ގައުމެއްގައި، މިފަދަ ހާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަކަށް ކަމަށެވެ.

"މިފަދަ ނޭއްގާނީ ވިސްނުމުގެ މީހުން އެމީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބާ ނުވަތަ އިންފޮމޭޝަން ޑޮމެއިންގައި. ޓެކްނޮލޮޖީ އާއި މީސްމީޑިއާއަށް އައިސްފައިވާ އިންގިލާބީ ބަދަލުތަކުގެ ސަބަބުން މިފަދަ ހަރަކާތްތައް ހިންގުމަށް އެފަދަ ފަރާތްތަކަށް ލިބޭ ފުރުސަތު އިތުރުވޭ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިންވެސް ދާންޖެހޭނީ ބަދަލުވަމުން ކަމަށާއި މައުލޫމާތުގެ މި ޒަމާނުގައި މައުލޫމާތު ހޯދާ، އެއްކޮށް، ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަން ގާއިމްކުރުމަކީ ގައުމުގެ ބަދަލުވަމުންމިދާ ހާލަތުގައި ވަރަށް މުހިންމުކަމެއް ކަމަށެވެ.

މުޅި ދުނިޔެ އެކަމެއްގެ ބިރުވެރިކަމުގެ ތެރޭގައި އޮތް ހަރުކަށި ފިކުރުގެ ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖޭގައި ހިންގުމަށް ފަހަކަށް އައިސް ރޭވި ރޭވުންތައް ސަލާމަތީ ބާރުތަކުން ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ. އެކަމަކު މިދިޔަ އަހަރު މާލޭގައި ބޮމެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކޮށްފައިވެ އެވެ. އެކަމުގައި ބައިވެރިވި މީހުން ހައްޔަރުކޮށް މިހާރު އަންނަނީ ޝަރީއަތް ހިންގަމުންނެވެ.