Roadha Mihaaru
ނެދަލެންޑްސް އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ: ކޯޗު

ނެދަލެންޑްސް އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ: ވެން ހާލް

21 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 21) - ނެދަލެންޑްސް އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދޯހާ (ނޮވެމްބަރު 21) - ނެދަލެންޑްސް އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.

ބްރެޒިލްގައި 2014 ގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ނެދަލެންޑްސް ގެންގޮސްދިން ވެންހާލް ބުނީ، އޭނާގެ ސްކޮޑްގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ ފެންވަރު އެބަ ހުރި ކަމަށެވެ.

"މި ކުޅުންތެރިންނާ މެދު އަހަރެން ވަރަށް އުންމީދު ކުރަން،" މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ބުންޏެވެ.

"ވޯލްޑް ކަޕް 2014 ގައި އަހަރެމެން ތިންވަނަ އަށް ދިޔައީ ކޮލިޓީގެ ގޮތުން މިއަށް ވުރެ ކޮލިޓީ ދަށް ޓީމަކާ އެކު. މިހާރު މިއޮތް ޓީމުގެ ކޮލިޓީ މާ ބޮޑަށް ވެސް ރަނގަޅު.

"އަހަންނަށް ވިސްނޭ ގޮތުގައި ދުނިޔޭގެ ޗެމްޕިއަނުންނަށް އަހަރެމެންނަށް ވޭނެ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އަހަރެމެން ޓީމަށް ވުރެ ފެންވަރުގެ ގޮތުން މާ ރަނގަޅު ޓީމުތައް ވެސް އެބަ ހުރި. އެކަމަކު އަހަރެމެން މެޗުތަކުގައި ކުރިމަތިލާ ގޮތުން އަހަރެމެންނަށް ކާމިޔާބު ހޯދޭނެ."

ދެން އިތުރަށް ސިޔާސީ ވާހަކަ ނުދައްކާނަން: ވެން ހާލް

އެއްޖިންސުން ގުޅުން ހިންގުން ހައްގެއް ކަމަށް ބަލައިގެންފައިވާ ޔޫރަޕްގެ ބައެއް ގައުމުތަކުން ދަނީ ވޯލްޑް ކަޕް ފެށުނީން ސުރެ ގަތަރުގައި ހުރި ސިޔާސީ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ. އެ ގައުމުގެ ތެރޭގައި ނެދަލެންޑް ވެސް ހިމެނެ އެވެ.

އެއްޖިންސުން ގުޅުން ހިންގުން ހައްގެއް ކަމަށް ބަލައިގަނެ، އެކަމަށް ވަކާލާތު ކުރުމުގެ ގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑް އަޅަން ނިންމައިފަ އެވެ.

ވިއްސާރަ ދުނީގެ ކެޕްޓަން ބޭންޑް ނާޅާނެކަމުގެ އިޝާރާތް ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ވަނީ ދީފަ އެވެ.

ނެދަލެންޑުން ވެސް ކެޕްޓަން ބޭންޑް ނާޅާނީތޯ ވެންހާލް އާ ސުވާލު ކުރުމުން އޭނާ ބުނީ ވޯލްޑް ކަޕްގައި ސިޔާސީ އެއް ވެސް ކަމަކާ ބެހޭގޮތުން ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ.

"މިހާރު ސިޔާސީ މައްސަލަތަކާ ބެހޭ ގޮތުން ވާހަކައެއް ނުދައްކާން،. އަންނަން އޮތް މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަނީ އަދި މި ހުރިހާ މައްސަލައަކަށް ފުލް ސްޓޮޕް ޖަހާލީ،" މިރޭ ސެނެގާލް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ ޕްރެސްގައި ވާހަކަ ދައްކަމުން ވެން ހާލް ބުންޏެވެ.

"އެހެން ގައުމުތަކުން ހިޖުރަ ކުރި މަސައްކަތްތެރިންނަށް އަހަރެމެންގެ ޕްރެކްޓިސް ސެޝަނެއް ބަލަން ދައުވަތު ދިނުމަށް ފަހު، އަހަރެމެންގެ ހުރިހާ ކުޅުންތެރިންގެ ކައިރީގައި އެދުނީން އެކަމަށް ފުލް ސްޓޮޕް ޖަހައި ސެނެގާލްއާ ދެކޮޅަށް ކުޅޭ މެޗަށް ފޯކަސް ކުރުމަށް."

ފީފާއިން އިންތިޒާމު ކުރި އެ އިވެންޓްގައި އެމެރިކާ އާއި އިނގިރޭސި ޓީމުތަކަށް ވެސް ވަނީ އެ ފުރުސަތު ދީފަ އެވެ.

ނެދަލެންޑްސްގެ ފުރަތަމަ މެޗުގައި މިރޭ އެ ޓީމުން ނުކުންނާނީ ސެނެގާލް އާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9 ޖަހާއިރު އެވެ. މެޗުގެ ސްކޯ ދިމާ ކުރުމުގެ ފުރުސަތު މެޗު ފެށެންދެން "މިހާރު" ގެ ސްކޯ ޕްރިޑިކްޓާއިން ވަނީ ހުޅުވައިލައިފަ އެވެ.