Roadha Mihaaru
މައްސަލަ ހައްލުކުރަން މަސައްކަތް ކުރަން: ހޮރައިޒަން

މައްސަލަ ހައްލު ކުރަން މަސްވެރިންނާއި އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން: ހޮރައިޒަން

13 ނޮވެމްބަރ 2022

ލ. މާންދޫ މަސް ފެކްޓްރީގެ ބޭރުގައި މުޒާހަރާއާ ގުޅިގެން މައްސަލަ ހައްލު ކުރަން މަސްވެރިންނާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮރައިޒަން ފިޝަރީޒުން ރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލ. މާންދޫ މަސް ފެކްޓްރީގެ ބޭރުގައި މުޒާހަރާއާ ގުޅިގެން މައްސަލަ ހައްލު ކުރަން މަސްވެރިންނާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮރައިޒަން ފިޝަރީޒުން ރޭ ބުނެފި އެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ، ނުރުހުން ފާޅުކޮށް ފެކްޓަރީގެ ބޭރުގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާކޮށްފަ އެވެ. އެމީހުން ބުނާ ގޮތުގައި ކިރާ މަހަށް ފައިސާ ލިބެނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ.

އެކަމާ ގުޅިގެން ހޮރައިޒަން ފިޝަރީޒުން ނެރުނު ބަޔާނުގައި ބުނީ މާންދޫގައި ހިންގާ ފެކްޓަރީއަށް މަސްވެެރިން ބާނާ މަސް ގަތުމުގައި މަސްވެރިންނާ އެއްބަސްވާ މުއްދަތުގެ ތެރޭގައި މަސް ގަތުމަށް ފަހު ފައިސާ ދިނުމަށް ވަރަށް ބޮޑު އިސްކަމެެއް ދޭ ކަމަށެވެ.

"މިއަދާ ހަމައަށް އެއްބަސްވެފައިވާ ކްރެޑިޓް މުއްދަތު ހަމަވެ އިތުރުވެފައިވާ އެއްވެސް ބިލެއް ނެތްކަން ފާހަގަކުރަމެވެ،" އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނީ މަސް ގަންނަ އަގާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތަކުން މަސް ގަނެ، އަދި ތެޔޮ ވިއްކާ އަގަށް އެ ކުންފުނި ކަހަލަ ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމާއި ތެޔޮ ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކި ކަންކަމާ ހުރެ މަސް ގަތުމުގެ އިންތިޒާމު މިހާރަށް ވުރެ ފަސޭހަކޮށް މަސްވެރިންނަށް ހަމަޖައްސައިނުމަށް ކުރަމުންދާ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެެ.

ފައިސާ ނުލިބޭ ކަމަށް ބުނެ މާންދޫގައި މަސްވެރިން މުޒާހަރާކުރަނީ

ފައިސާ ނުލިބޭ ކަމަށް ބުނެ މާންދޫގައި މަސްވެރިން މުޒާހަރާކުރަނީ

"މަސްވެރިންނާއި އަދި މި އިންޑަސްޓްރީއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މި ކުންފުނިން، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މި ދަނީ މަސައްކަތް ކުރަމުންނެވެ. މި ކުންފުނީގެ މާންދޫ ފިޝަރީޒް ކޮންޕްލެކްސްއަށް މަސްކިރާ ދޯނިތަކާއި މަޝްވަރާކޮށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް މި ދަނީ މަސައްކަތް ކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.

މަސްވެރިކަމަކީ ދުނިޔޭގެ މަޝްރަހުގައި ހިނގަމުންދާ އެކި ކަންކަމަށް ބަރޯސާވެފައިވާ ސިނާއަތެއް ކަމަށާއި އޭގެ ތެރޭގައި ދުނިޔޭގެ އިގްތިސާދީ ހާލަތާއި ބޭނުންކުރާ ތަކެތީގެ އަގާއި ދުނިޔޭގެ މާކެޓްގެ ވާދަވެރިކަން ވެސް ހިމެނޭ ކަމަށް ބުންޏެެވެ.

އެ ކުންފުނިން ބުނީ މިވަގުތު ދުނިޔޭގެ މާކެޓްގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި މިކަމާ ގުޅިގެން ރާއްޖޭގެ މަހަށް ދެކޮޅު ޖެއްސޭ ފަދަ އަދަދެއް ނުލިބޭތީ މި ސިނާއަތުގައި ހިމެނޭ ރާއްޖޭގެ ޕްރައިވެޓް ކުންފުނިތައް ހިންގަން ދަތިވެފައިވާ ކަމަށެވެ.

"މަހުގެ އަގާއި ދަތުރު ފަތުރާއި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ކުންފުނި ހިންގަމުން މި ދަނީ އިންތިހާއަށް ބޮޑު ގެއްލުމުގަ އެވެ. ނަމަވެސް މަސްވެރިންނާއި އާއިލާތަކުގެ ހެވާ ލާބައަށްޓަކައި އަދި ދިވެހި މަސްވެރިކަން ދެމެހެއްޓުމަށްޓަކައި މި ކުންފުނިން މިދަނީ ވަރަށް ބޮޑު ގުރުބާނީއެއް ވަމުންނެވެ،"

އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށް ވެސް ހޮރައިޒަން އިން ބުންޏެވެ.

ބަޔާނުގައި ބުނެފައިވަނީ އާންމުންގެ ފަރާތުން އެ ކުންފުންޏަށް ލިބުނު ލޯބި ފަނޑުކޮށްލަން ސޯޝަލް މީޑިއާގައި އެކި ފަހަރު މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ހަގީގަތް އޮޅުވާލުމަށް ހިންގާފައިވާ އެ އަމަލަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި އެ ބަޔާނުގައި ވަނީ ސިފަކޮށްފަ އެވެ.