Roadha Mihaaru
އާރްޓީއެލް ބަހުގެ ހިދުމަތަށް އިލެކްޓްރިކް ބަސްތަކެއް

އާރްޓީއެލް މާލޭ ބަހުގެ ހިދުމަތުގައި އިލެކްޓްރިކް ކުދި ބަސްތަކެއް ގެނެސްފި

07 ނޮވެމްބަރ 2022

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) މާލޭ ބަހުގެ ހިދުމަތުގައި ބޭނުން ކުރަން އިލެކްޓްރިކް ނުވަތަ ކަރަންޓުން ދުއްވާ ބަސްތަކެއް ގެނެސްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) މާލޭ ބަހުގެ ހިދުމަތުގައި ބޭނުން ކުރަން އިލެކްޓްރިކް ނުވަތަ ކަރަންޓުން ދުއްވާ ބަސްތަކެއް ގެނެސްފި އެވެ.

އެމްޓީސީސީން ރާއްޖެ ގެނައި އެ ބަސްތައް ހިދުމަތުގައި ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ފަހު މާލޭގެ މިނީ ބަހުގެ ހިދުމަތުގައި ބޭނުން ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާރްޓީއެލްގެ ބަސް ފްލީޓަށް އަލަށް އިތުރުކޮށްފައި ވަނީ ކަރަންޓުން ދުއްވާ ހަ ބަހެވެ. އެއީ މިހާރު މާލޭގައި ދުއްވާ މިނީ ބަސްތަކަށް ވުރެ ސައިޒުގެ ގޮތުން ކުދި ބަސްތަކެކެވެ.

އާރްޓީއެލް އިލެކްޓްރޯނިކް ބަހެއްގެ ކުރިމަތީ އެމްޓީސީސީގެ މުވައްޒަފުންތަކެއް ފޮޓޯ އަކަށް ހުއްޓިލައިގެން ---ފޮޓޯ: އެމްޓީސީސީ

އާރްޓީއެލް އިލެކްޓްރޯނިކް ބަހެއްގެ ކުރިމަތީ އެމްޓީސީސީގެ މުވައްޒަފުންތަކެއް ފޮޓޯ އަކަށް ހުއްޓިލައިގެން ---ފޮޓޯ: އެމްޓީސީސީ

ޖުމްލަ 15 މީހުންގެ ޖާގައިގެ އެ ބަސްތަކުގައި ފަތްޖެހޭ ދެ ގޮނޑި ހިމެނޭހެން 11 ގޮނޑިއަކާއި ހަތަރު މީހަކަށް ކޮޅަށް ތިބެވޭނެ ޖާގަ ހުރެ އެވެ.

އެއީ ހަނި މަގުތަކުގައި ވެސް ދުއްވަން އެކަށީގެންވާ ބަސްތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލޭގެ މިނީ ބަހުގެ ހިދުމަތުގައި މިހާރު 18 ބަސް ހިމެނޭއިރު، އަލަށް އިތުރު ކުރި ބަސްތަކާއެކު ޖުމްލަ 24 ބަސް ދަތުރުކުރާނެ އެވެ.

އަލަށް އިތުރު ކުރި މި ބަސްތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ނެޓް-ޒީރޯ ބައި 2030" ސިޔާސަަތަށް އެއްބާރުލުން ދެވުމަކީ ލިބޭ އުފަލެއް ކަމަށް އެ ކުންފުނިންް ބުންޏެވެ.

އެމްޓީސީސީން ރާއްޖެ ގެނައި އާރްޓީއެލް އިލެޓްރިކް ބަސްތައް ބޯޓުގައި. ---ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ރާއްޖެ ގެނައި އާރްޓީއެލް އިލެޓްރިކް ބަސްތައް ބޯޓުގައި. ---ފޮޓޯ: އެމްޓީސީސީ

އެ އުޅަނދުތަކުގެ ސަބަބުން ކާބަން ފުޓްޕްރިންޓް މަދުވުމާއި އެމްޓީސީސީގެ ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރާ މަސައްކަތަށް ފައިދާ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ހިލޭ ދަތުރުތަކަށް ފަހު މިދިޔަ މަހުގެ ކުރީކޮޅު ވަނީ އަގު ނަގަން ފަށައިފަ އެވެ.

އެމްޓީސީސީން ރާއްޖެ ގެނައި އާރްޓީއެލް އިލެޓްރިކް ބަސްތަކެއް ---ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ރާއްޖެ ގެނައި އާރްޓީއެލް އިލެޓްރިކް ބަސްތަކެއް ---ފޮޓޯ: އެމްޓީސީސީ

މިނީ ބަހުގެ ޓިކެޓެއްގެ އަގަކީ 7ރ. އެވެ. އާރްޓީއެލް ޓްރެވެލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޓިކެޓު ނެގޭ އިންތިޒާމުގެ އިތުރުން ދާދި ފަހުން ވަނީ ބަހުން ކަރުދާސް ޓިކެޓުވެސް ވިއްކަން ފަށައިފަ އެވެ.

ތިން އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުން އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. ޔުނީފޯމުގައި ތިބޭ ސްކޫލުތަކުގެ ދަރިވަރުން އަތުން ވެސް އަގެއް ނުނަގާނެ އެވެ.

މިނީ ބަސް މާލޭގައި ދަތުރު ކުރަނީ ތިން ރޫޓަކުންނެވެ. އެއީ އޯކިޑް ރޫޓާއި، އަމީނީ ރޫޓުގެ އިތުރުން ސޯސަން ރޫޓެވެ.