Roadha Mihaaru
މުނާޒަށް ކަރެކްޝަންސްގެ ރިޓަޔާމެންޓް އިނާޔަތް ހޯދޭނެ

ކުރީގެ ކޮމިޝަނަރު މުނާޒަށް ކަރެކްޝަންސްގެ ރިޓަޔާމެންޓް ހޯދޭނެ: ސިވިލް ކޯޓް

01 ނޮވެމްބަރ 2022

ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިޓަޔާމެންޓް އިނާޔަތްތައް ހޯދަން ހުށަހަޅުއްވައިފި ނަމަ، އެ އިނާޔަތް ދޭންޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިޓަޔާމެންޓް އިނާޔަތްތައް ހޯދަން ހުށަހަޅުއްވައިފި ނަމަ، އެ އިނާޔަތް ދޭންޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކަރެކްޝަންސްގެ ރިޓަޔާމެންޓް ގަވާއިދު އޮންނަ ގޮތުން ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ކަން ކުރައްވާ ބޭފުޅުންނަށް ރިޓަޔާމެންޓް އިނާޔަތުގެ ގޮތުގައި 30 އަހަރުގެ މުސާރައަށް ވާ މިންވަރު އެއްފަހަރާ ދީ، އޭގެ ފަހުން ކޮންމެ މަހަކު މުސާރައިގެ 75 ޕަސެންޓް އިނާޔަތެއްގެ ގޮތުގައި ދޭންޖެހޭނެ އެވެ.

އެކަމަކު ޑިސެމްބަރު 2018 އިން ފެށިގެން ޖެނުއަރީ 2020 ގައި ވަކިކުރުމާ ހަމައަށް މުނާޒް އަދާކުރެއްވި މުއްދަތަށް ރިޓަޔާމެންޓް އިނާޔަތެއް ނުދެ އެވެ.

އެ މައްސަލަ މުނާޒްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ދައުލަތުން ބުނެފައިވަނީ މުނާޒް 2011 ވަނަ އަހަރު ސިފައިންގެ ހިދުމަތުން ރިޓަޔާވުމަށް ފަހު، ސިފައިންގެ ރިޓަޔާމެންޓް އިނާޔަތް މިހާރު ވެސް ލިބެމުންދާތީ ދެ މުއައްސަސާއަކުން ރިޓަޔާމެންޓް އިނާޔަތް ނުދެވޭނެ ކަމަށެވެ.

ކޯޓުން ކުރި ހުކުމުގައިވަނީ ޕެންޝަނާ ބެހޭ ގާނޫނު އޮންނަ ގޮތުން އެކަކަށް ދެ ޕެންޝަން ނުދެވޭނެ ކަމަށާއި އެހެންވެ، ދެ މުއައްސާއަކުން އިނާޔަތް ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެންމެ އަދުލުވެރި ގޮތަކީ ދެ އިނާޔަތުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބޭ އިނާޔަތެއް ދިނުން ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ކަރެކްޝަންސްގެ ރިޓަޔާމެންޓް އިނާޔަތް މުނާޒަށް ހައްގުވާ ކަމަށެވެ. އަދި ސިފައިންގެ ރިޓަޔާމެންޓް އިނާޔަތް ހުއްޓާލުމަށް ފަހު، ކަރެކްޝަންސްގެ ރިޓަޔާމެންޓް އިނާޔަތް ހޯދަން މުނާޒްގެ ފަރާތުން ހުށަހަޅައިފި ނަމަ، އެއް މަސް ތެރޭގައި އެ އިނާޔަތް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.