Roadha Mihaaru
މެސީ ގެންދަން ބެކަމްގެ ކްލަބުން މަސައްކަތްކުރަނީ

މެސީ ގެންދަން ބެކަމްގެ ކްލަބުން މަސައްކަތްކުރަނީ

01 ނޮވެމްބަރ 2022

އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ހިންގާ ކްލަބެއް ކަމަށްވާ އެމެރިކާގެ މޭޖާ ލީގުގެ އިންޓަ މަޔާމީ އިން ލިއޮނަލް މެސީގެ ސޮއި ވަރަށް އަވަހަށް ހޯދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ހިންގާ ކްލަބެއް ކަމަށްވާ އެމެރިކާގެ މޭޖާ ލީގުގެ އިންޓަ މަޔާމީ އިން ލިއޮނަލް މެސީގެ ސޮއި ވަރަށް އަވަހަށް ހޯދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މެސީ މިހާރު ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ކޮންޓްރެކްޓް އާކުރަން ޕީއެސްޖީން ބޭނުންވެ އަދި އެވެ. މެސީ އަލުން ގެންދަން އޭނާގެ ކުރީގެ ޓީމު ކަމަށްވާ ސްޕެއިނުގެ ބާސެލޯނާ އިން ވެސް ބޭނުންވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ދެން ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މަޔާމީ އަށެވެ. މަޔާމީން ތިބީ މެސީ އެ ކްލަބާ ގުޅޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކޮށްގެންނެވެ.

މެސީގެ އޭޖެންޓް ކަމަށްވާ އޭނާގެ ބައްޕަ ޖޯޖްއާ އެކު މަޔާމީގެ އިސްވެރިން މަޝްވަރާތައް ބާއްވަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

މިދިޔަ އަހަރު މެސީ ބާސެލޯނާ ދޫކޮށްލަން ނިންމި ހިސާބުން ވެސް މަޔާމީއާ އޭނާ ގުޅުވައި ވާހަކަތައް ދެކެވުނެވެ. އެކަމަކު އޭރު އޭނާ ނިންމީ ޕީއެސްޖީއާ ގުޅޭށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަޔާމީ ސިޓީގައި ވިޔަފާރި ހިންގުމުގެ ޝައުގު މެސީގެ އެބަހުއްޓެވެ. އެއީ ވެސް އޭނާ އެ ކްލަބަށް ބަދަލުވާން އެއްބަސްވެދާނެ ސަބަބެކެވެ.

ކެރިއަރު ފެށުނީއްސުރެ ކުޅެމުން އައި ބާސެލޯނާ ދޫކޮށްލަން މެސީ ނިންމީ އެ ކްލަބަށް މާލީ މައްސަލަތައް ދިމާވެ އޭނާ ބޭނުންވާ ވަރުގެ މުސާރައެއް ދެވެން ނެތުމުންނެވެ. އެކަމަކު މިހާރު ހާލަތު ބަދަލުވެފައިވާތީ އޭނާ އެނބުރި އެ ކްލަބަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ބެލެވޭ ގޮތުގައި މެސީ ގޮތެއް ނިންމާނީ މި މަހު ފަށާ ވޯލްޑް ކަޕަށް ފަހު އެވެ. މިއީ މެސީގެ އެންމެ ފަހު ވޯލްޑް ކަޕަށް ވުމުން މި މުބާރާތް އާޖެންޓީނާ އަށް ކާމިޔާބުކޮށްދޭން އޭނާ ހުރީ ވަރަށް ބޮޑަށް ފޯކަސްކޮށްގެންނެވެ.

މީގެ ހަތަރު އަހަރު ކުރިން އުފަންވި މަޔާމީގެ ހިއްސާދާރުންނަކީ ބެކަމްގެ އިތުރުން އެމެރިކާގެ ދެ ބިލިއަނަރުންނެވެ. މޭޖާ ލީގުގެ ލޮސް އެންޖެލިސް ގެލެކްސީ އަށް ކުރިން ކުޅުނު ބެކަމް އަކީ އެ ލީގަށް ބަދަލުވި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭގެ ފަހުން ވަރަށް ކުޅުންތެރިން ކެރިއަރުގެ ފަހުކޮޅު އެ ލީގަށް މިސްރާބު ޖަހަ އެވެ. އޭގެ ތެރޭގައި އިޓަލީގެ އަންދްރޭ ޕިރްލޯ އާއި ސްވިޑަންގެ ޒަލަޓާން އިބްރަހިމޮވިޗް ފާހަގަކުރެވެ އެވެ.