Roadha Mihaaru
ނާޖިހަށް އާއްމުކުރެއްވުނީ ރައީސްގެ ތުއްޕުޅު ހަޔާތް

ނާޖިހަށް އާއްމުކުރެއްވުނީ ރައީސްގެ ތުއްޕުޅު ހަޔާތުން ދުވަހެއް

31 އޮކްޓޯބަރ 2022

ރާއްޖޭގެ ތާރީހު ދިރާސާކުރައްވާ މުހައްމަދު ނާޖިހު ދީދީ، ސޯޝަލް މީޑިއާ އަށް އިއްޔެ ފޮޓޯއެއް ދޫކޮށްލެއްވީ އޭގައި ތިބި ބަޔަކު ޔަގީންކުރައްވާށެވެ. ރާއްޖޭގެ ރަށެއްގައިި ވަރަށް ކުރިން ނަގާފައިވާ ފޮޓޯ ހިއްސާކުރެއްވި އިރު، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާ ބޭފުޅުން ކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ތާރީހު ދިރާސާކުރައްވާ މުހައްމަދު ނާޖިހު ދީދީ، ސޯޝަލް މީޑިއާ އަށް އިއްޔެ ފޮޓޯއެއް ދޫކޮށްލެއްވީ އޭގައި ތިބި ބަޔަކު ޔަގީންކުރައްވާށެވެ. ރާއްޖޭގެ ރަށެއްގައިި ވަރަށް ކުރިން ނަގާފައިވާ ފޮޓޯ ހިއްސާކުރެއްވި އިރު، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާ ބޭފުޅުން ކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ.

ނާޖިހު އަށް ޖަވާބު ދެއްވީ ކުރިން ވެސް އެ ފޮޓޯ ފެނިވަޑައިގެން ހުންނެވި ރައީސްގެ ކޮއްކޯފުޅު އައިޝަތު މުހައްމަދު ސޯލިހެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފޮޓޯގައި ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނެވެ. ފޮޓޯގައި މަންމާފުޅުގެ އަރިހުގައި ނޫކުލައިގެ ގަމީސްކޮޅެއް ތުރުކުރައްވައި ހިނިތުންވެވަޑައިގެން އިންނެވީ ރައީސް އެވެ. ދެން ތިއްބެވީ އެއްބަނޑު އެއްބަފާ ބޭފުޅުންނެވެ.

ފޮޓޯއިން ސިފަވަނީ، ރައީސްގެ ތުއްޕުޅު ހަޔާތުން ދުވަހެކެވެ.

ނާޖިހު ވިދާޅުވި ގޮތުގައި އެ ފޮޓޯއަކީ 1974 އާއި 1976އާ ދޭތެރޭގައި ރާއްޖެ ޒިޔާރަތްކުރެއްވި ކްލެރެންސް މެލޮނީ ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯ ނާޖިހަށް ލިބުނީ ޕްރޮފެސާ ފްރޭންކް ހައިޑަންގެ ފަރާތުންނެވެ. ސޯޝަލް މީޑިއާގައި އެ ފޮޓޯ ހިއްސާ ކުރެއްވީ، ނާޖިހު ވިދާޅުވި ގޮތުގައި ކޮން ބައެއްކަން ހޯއްދެވުމަށެވެ.

ފޮޓޯގައި އިންނެވި ތުއްޕުޅު ބޭފުޅަކު ރައީސްއާ ކޮންމެވެސް ވަރަކަށް ވައްތަރުވި ނަމަވެސް ޔަގީން ނުކުރެއްވުނީ އެހާ ތުއްޕުޅު ފޮޓޯއެއް ކުރިން ފެނިވަޑައިގެންފައި ނުވާތީ އެވެ.

މިހާތަނަށް އާއްމުވެފައި ވަނީ ރައީސްގެ ޒުވާން ދުވަސްވަރުގެ ފޮޓޯއެކެވެ. އެއީ، ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރު ވެސް އެންމެ ގާތް އެކުވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ނަންގަވާފައިވާ ފޮޓޯއެކެވެ.

ޅ. ހިންނަވަރަށް އުފަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ ތާރީހުގައި ވެސް އަތޮޅު ތެރޭގެ ފުރަތަމަ ރައީސް އެވެ. އެމަނިކުފާނުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވަ އެވެ.