Roadha Mihaaru
މޮގަދިޝޫގައި ކާރު ބޮމުގެ ހަމަލާއެއް ދީ 100 މަރު

މޮގަދިޝޫގައި ކާރު ބޮމުގެ ހަމަލާއެއް ދީ 100 މީހަކު މަރާލައިފި

30 އޮކްޓޯބަރ 2022

ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓްރީގެ މައި އިމާރާތަށް، ބަޔަކު މީހުން އިއްޔެ ދިން ކާރު ބޮމުގެ ހަމަލާއެއްގައި، މަދުވެގެން 100 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމަވެއްޖެ އެވެ.

އެ ގައުމުގެ ރައީސް ހަސަން ޝައިޚް މުހައްމަދު ވިދާޅުވި ގޮތުގައި، ކާރުތަކެއްގައި ގޮވާތަކެތި ހަރުކޮށްގެން ދިން އެ ހަމަލާގެ ސަބަބުން ޒަޚަމްވި މީހުންގެ އަދަދުވެސް މިހާރުވަނީ 300 އަށް އަރައިފަ އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ހަމަލާ ދިނީ، އެ ގައުމުގައި ހަރަކާތްތެރިވާ އަލްގާއިދާ ޖަމާއަތުގެ ގޮފި، އައްޝަބާބްގެ ހަނގުރާމަވެރިންނެވެ.

މި ހަމަލާގައި މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 100 ކަމަށް ވިޔަސް، ޒަޚަމްވެގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރޭގައި ވަރަށް ހާލު ބޮޑު މީހުން ވެސް ހިމެނޭތީ، އިތުރު މީހުން މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް، އެ ގައުމުގެ ރައީސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުން ވެސް ހިމެނެ އެވެ.

އޮކްޓޫބަރު 29، 2022؛ ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުރި އެ ގައުމުގެ ތައުލީމާ ބެހޭ ވުޒާރާގެ މައި އިމާރާތަށް ދިން ކާރު ބޮމުގެ ހަމަލާގައި އެ އިމާރާތް ހަލާކުވެފައިވާ އިރު، އަސްކަރީ އުޅަނދެއްގައި ސޯމާލިޔާ ސިފައިންތަކެއް ހަރަކާތްތެރިވަނީ. --އޭއެފްޕީ

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިއްޔެ ފުރަތަމަ ހަމަލާގައި ގޮއްވައިލީ، އެޑިޔުކޭޝަން މިނިސްޓްރީގެ ބޭރު ފާރު ކައިރީގައި ޕާކް ކޮށްފައި އޮތް ކާރެކެވެ. އެ އިމާރާތާ ޖެހިގެން ސްކޫލެއް ވެސް ހުންނައިރު، އެ ހަމަލާ ދިނީ، ސްކޫލު ނިމިގެން ގެއަށް ދާން ދަރިވަރުން ނުކުތް ވަގުތު ކަމަށްވާތީ، އެ ހަމަލާގައި އެ ސްކޫލްގެ ބައެއް ދަރިވަރުންނާއި ބައެއް ބެލެނިވެރިން ވެސް މަރުވި އެވެ.

ދެ ވަނަ ކާރު ގޮއްވައިލީ، ފުރަތަމަ ދިން ހަމަލާގެ ސަބަބުން މަރުވި އަދި ގެއްލުން ލިބުނު މީހުންގެ ހަށިގަނޑުތައް ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި، ފުރަތަމަ ދެ އެމްބިއުލާންސް އެ ތަނަށް އައި ވަގުތު އެވެ. އެ ހަމަލާގައި ދެ ވަނަ ކާރު ގޮއްވައިލުމާއެކު، އެ ސަރަހައްދަށް އައި އެމްބިއުލާންސް ވެސް ހަލާކުވެ އޭގައި އިން ޑޮކްޓަރާއި ޑްރައިވަރު ވެސް ޒަޚަމްވި އެވެ.

އިއްޔެ ކާރު ބޮމުގެ ހަމަލާ ދިން ސަރަހައްދުގައި 2017 ވަނަ އަހަރު ވެސް ބާރު ގަދަ ބޮމުގެ ހަމަލާއެއް ދިނެވެ. މުދާ އުފުލާ ބޮޑު ލޮރީއެއްގައި ގޮވާތަކެތި ހަރުކޮށް ގޮއްވާލައިގެން އެފަހަރު ދިން ހަމަލާގައި 500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެފަހަރުގެ ހަމަލާ އަމާޒުކުރީ އެ ސަރަހައްދުގައި ހުންނަ ޓޫރިސްޓު ހޮޓަލަކަށެވެ.

އޮކްޓޫބަރު 29، 2022؛ ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުރި އެ ގައުމުގެ ތައުލީމާ ބެހޭ ވުޒާރާގެ މައި އިމާރާތަށް ދިން ކާރު ބޮމުގެ ހަމަލާއާ ގުޅިގެން އެ އިމާރާތުން ދުން އަރަނީ. --އޭއެފްޕީ

އޮކްޓޫބަރު 29، 2022؛ ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުރި އެ ގައުމުގެ ތައުލީމާ ބެހޭ ވުޒާރާގެ މައި އިމާރާތަށް ދިން ކާރު ބޮމުގެ ހަމަލާއާ ގުޅިގެން އެ އިމާރާތުން ދުން އަރަނީ. --އޭއެފްޕީ

ސޯމާލިއާ ސަރުކާރާ ދެކޮޅަށް އައްޝަބާބްގެ ހަނގުރާމަވެރިން ހަމަލާތައް ދެމުން ގެންދާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ސޯމާލިއާގައި އިސްލާމީ ޝަރީއާ ތަންފީޒުކުރާ ސަރުކާރެއް ގާއިމުކުރުމުގެ ނިޔަތުގައި ކަމަށް ބުނެ، އެ ޖަމާއަތުން ދެމުންދާ ހަމަލާތަކުގައި، ކުށެއް ނެތް އާންމުންގެ އެތައް ހާސް ބަޔަކު މިހާތަނަށް މަރާލައިފި އެވެ.

އައްޝަބާބް ޖަމާއަތުގެ ހަނގުރާމަވެރިން ދޭ ހަމަލާތައް ސިފައިންގެ މަރުކަޒުތަކުގެ އިތުރުން، ޓޫރިސްޓު ހޮޓަތަކަށާއި ވިޔަފާރި މަރުކަޒުތަކާއި ކާރުބާރު ބޮޑު މަގުތަކަށް ވެސް އަމާޒުކުރެ އެވެ. ބޭނުމަކީ އެއިން ކޮންމެ ހަމަލާއެއްގައި މަރުވާ މީހުންގެ އަދަދު މަތިކުރުމެވެ.