Roadha Mihaaru
ސޯމާލިޔާ ހޮޓަލުގެ ހިސޯރު ނިމުމަކަށް ގެނެސްފި

ސޯމާލިޔާ ހޮޓަލުގެ ހިސޯރު ނިމުމަކަށް ގެނެސްފި

21 އޯގަސްޓް 2022

ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގެ ޓޫރިސްޓު ހޮޓަލަކަށް ހަތިޔާރު ހިފައިގެން ވަދެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ ހޮޓާ ހިސޯރުކޮށްގެން އުޅުނު ހަނގުރާމަވެރިން ބަލިކޮށް، ހިސޯރު ނިމުމަކަށް ގެނެވިއްޖެ ކަމަށް ސޯމާލިޔާ ސަރުކާރުން ރޭ ބުނެފި އެވެ.

ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގެ ޓޫރިސްޓު ހޮޓަލަކަށް ހަތިޔާރު ހިފައިގެން ވަދެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ ހޮޓާ ހިސޯރުކޮށްގެން އުޅުނު ހަނގުރާމަވެރިން ބަލިކޮށް، ހިސޯރު ނިމުމަކަށް ގެނެވިއްޖެ ކަމަށް ސޯމާލިޔާ ސަރުކާރުން ރޭ ބުނެފި އެވެ.

ހޮޓާ ހިސޯރު ކުރި މީހުންގެ ކިބައި އެ ހޮޓާ ސަލާމަތް ކުރެވުނީ، ސޯމާލިޔާ ސަރުކާރުގެ ސިފައިން ދިން ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުންނެވެ. ހުކުރު ދުވަހުން ފެށިގެން 30 ގަޑިއިރަށް ދެމިގެން ދިޔަ ހިސޯރު ނިމުމަކަށް ގެނެވުނީ، ރޭގެ ވަގުތެއްގައި ކަމަށް މޮގަދިޝޫގެ ފުލުހުންގެ ވެރިޔާ ވިދާޅުވި އެވެ.

މޮގަދިޝޫގައި ހުންނަ އަލް ހަޔާތު ހޮޓަލަށް، މިދިޔަ ހުކުރު ދުވަހު މެންދުރު ފަހު ކުއްލި ގޮތަކަށް ހަމަލާ ދިނީ، އަލްގާއިދާ ޖަމާއަތުގެ ގޮތްޕެއް ކަމަށްވާ އައްޝަބާބު ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. ހަނގުރާމަވެރިން ބަޑިއާއި ބޮން ހިފައިގެން ހޮޓަލުގެ ތެރެއަށް ވަދެގަނެ، ހޮޓަލުގައި ތިބި ޓޫރިސްޓުންނަށް ބިރުދައްކައި، ހޮޓަލުގައި ހުރި ތަކެތި ފޭރެން މަސައްކަތް ކުރި އެވެ.

ހޮޓަލުގެ ހިސޯރު ނިމުނު އިރު، މަދުވެގެން 13 މީހަކު މަރުވެ އިތުރު 50 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ނަމަވެސް، މި ހާދިސާގައި މަރުވީ އާންމުންގެ ކިތައް މީހުން ކަމެއް، އަދި ހަތިޔާރު އެޅި ގުރޫޕުގެ ކިތައް މީހުން ކަމެއް ސޯލާމިޔާ ސަރުކާރުން އަދި ނުބުނެ އެވެ.

ސޯމާލިޔާ ސިފައިން ބުނި ގޮތުގައި ހޮޓާ ހިސޯރުކުރުމުގައި ބައިވެރިވި ހުރިހާ ހަނގުރާމަވެރިން މިހާރު ވަނީ މަރައިލެވިފަ އެވެ. އަދި ރެއިން ފެށިގެން، ހޮޓަލުގެ ތެރެއިން އެއްވެސް ހަމަލާއެއް ނާންނަ ކަމަށާއި، ނަމަވެސް ހޮޓަލުގެ ތެރޭގައި އިތުރު ހަނގުރާމަވެރިން ނެތް ކަން އަދި ނުރައްކާތެރި އެއްވެސް ހަތިޔާރެއް ނެތްކަން ސިފައިން ކަށަވަރުކުރުމަށް ވަގުތު ނަގާނެ ކަމަށް ވެސް ސިފައިން ބުންޏެވެ.

ހަނގުރާމަވެރިންގެ ބާރުގެ ދަށުން ހޮޓާ ސަލާމަތް ކުރުމަށް ސޯމާލިޔާ ސިފައިން އިއްޔެ ހަވީރުން ފެށިގެން ވަރަށް ވަރުގަދަ ހަމަލާތަކެއް ދިން ކަމަށް، އެ ސަރަހައްދުގައި ތިބި ބޭރުގެ ރިޕޯޓަރުން ބުންޏެވެ. ސޯމާލިޔާ ސިފައިންގެ ހަމަލާތަކުގެ ސަބަބުން ހޮޓަލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ސޯމާލިޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ހަނގުރާމަވެރިން ހޮޓާ ހިސޯރު ކުރި އިރު، ހޮޓަލުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. ހޮޓާ ހިސޯރުކުރި ހަނގުރާމަވެރިންނާއި ސޯމާލިޔާ ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރަން ފެށުމަށް ފަހު، ސަރުކާރު ސިފައިން ވަނީ ހޮޓަލުގެ ތެރޭގައި ތިބި ބައެއް މީހުން ސަލަމަތްކޮށްގެން އެ ތަނުން ނެރެފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ.

ހިސޯރު ނިމުމަކަށް އައި އިރު، އެ ހޮޓަލުގެ އެތެރޭގައި މިހާރު ތިބީ ކިތައް މީހުން ކަމެއް، އަދި އޭގެ ތެރޭގައި ފުރާނަ ސަލާމަތުން ތިބީ ކިތައް މީހުން ކަމެއް ވެސް ނޭނގެ އެވެ.