30 އޮކްޓޯބަރ 2022
މިހާރު ރާއްޖޭގައި ކަންތައް މިދާ ގޮތުން، މި ވަނީ ކޮން ގޮތެއް ކަމެއް، ވާން މި އުޅެނީ ކޮން ކަމެއް ކަމެއް، އެއީ ކިހާ މުހިއްމު ކަމެއް ކަމެއް، ކުރަންވީ ކީއް ކަމެއް ނޭނގެ އެވެ. މިހެން މި ވަނީ އެނގޭ މީހުން ގިނަވީމާ ކަމަށް ވެސް ވެދާނެ އެވެ. ސިޔާސީ ނުވާ ހަމަ އެއްކަމެއް ވެސް ނެތެވެ. އަނެއްކާ ނުރައްކާތެރިކަން ބޮޑު ނޫން ވެސް ހަމަ އެއްކަމެއް ނެތެވެ. އެއީ ކިހާ މުހިއްމު ކަމެއްތޯ ވިސްނާލުމެއް ނެތެވެ. އެ މީހަކަށް ފެނުނު އެއްޗެއް ބުނަންވީ އެވެ.
މިހާރު ރާއްޖޭގައި ކަންތައް މިދާ ގޮތުން، މި ވަނީ ކޮން ގޮތެއް ކަމެއް، ވާން މި އުޅެނީ ކޮން ކަމެއް ކަމެއް، އެއީ ކިހާ މުހިއްމު ކަމެއް ކަމެއް، ކުރަންވީ ކީއް ކަމެއް ނޭނގެ އެވެ. މިހެން މި ވަނީ އެނގޭ މީހުން ގިނަވީމާ ކަމަށް ވެސް ވެދާނެ އެވެ. ސިޔާސީ ނުވާ ހަމަ އެއްކަމެއް ވެސް ނެތެވެ. އަނެއްކާ ނުރައްކާތެރިކަން ބޮޑު ނޫން ވެސް ހަމަ އެއްކަމެއް ނެތެވެ. އެއީ ކިހާ މުހިއްމު ކަމެއްތޯ ވިސްނާލުމެއް ނެތެވެ. އެ މީހަކަށް ފެނުނު އެއްޗެއް ބުނަންވީ އެވެ.
ހިތަށް އެރިހާ ގޮތަކަށް ވާހަކަ ދައްކަންވީ އެވެ. އެއީ ރައްޔިތުންގެ މަޖިލިސް މެންބަރުން ކަމަށް ވިޔަސް، ނޫސްވެރިންނަށް ވިޔަސް، ސިޔާސީ ޕާޓީތަކުގެ ފަރާތުން ވިޔަސް ވަރިހަމަ އެވެ. "ސިޔާސީ" ނޭނގޭ ހަމަ އެކަކު ވެސް ނުފެނެ އެވެ. އިލްމާއި ހިލްމާއި ތަޖުރިބާ އާއި ތާރީޚް ނޭނގޭ އެކަކު ވެސް ނެތެވެ. އެކަކު އަނެކަކާ ދިމާއަށް "ބެވުން" ނޫން ކަމެއް ނެތެވެ. ހަމަ ކޮންމެ ކަމެއްގަ އެވެ.
މިއީ ތަހުޒީބު މުޖުތަމައުތަކުގައި ކަން ހިނގާ ބީދަ ހެއްޔެވެ؟ ދޭތެރެއަކުން ކޮންމެވެސް ކަމެއް ހިލޭނެ އެވެ. އިސާހިތަކު އެ ކަމެއް އޮބި އަނެއް ކަމެކެވެ. ހަމަ ކޮންމެ ކަމެއް ވެސް "ފެންއަރައިގެންދާ ވަރަށް" ގަންބާލާނެ އެވެ. ތެދު ހަދަނީ ކާކު ކަމެއް ދޮގު ހަދަނީ ކާކު ކަމެއް ނެނގޭނެ އެވެ.
ޚަބަރުފަތުރާ ވަސީލަތްތަކުން މިއަދު ފެންނަ އެންމެ "ޖަޒުބާތު"ން ފުރިފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބަޔެއް ގެއްލޭތީ އެކަމުގެ އަސަރުގަދަ ވާހަކަ އެވެ. ރުޅި އައިސް އައިސްފައި، ރައްޔިތުންގެ މަޖިލިސްގައި ވެސް އެއްބަޔަކު "ކަރުން ނާރުނަގާ" މި ގޮވަނީ އެ ވާހަކަ އެވެ. ހައްތަހާ ވެސް ސަމާލު ކަމަށް ގެނައުމަށެވެ. އެކަކުވެސް މި ކަމުގެ ހަގީގަތާއި މި ކަމުން ވާނެ ގޮތަކާއި ވާންވީ ގޮތުގެ އިލްމީ ވާހަކައެއް ނުދައްކަ އެވެ.
"އެޓާނީ ޖެނެރަލް ގޯސް"، "ރައީސްމީހާ ގޯސް"، "މި ސަރުކާރުން ވިއްކާލައިގެން ޑީލެއް ހަދައިގެން"، އެންމެން ހޯބޯލަވައިގަތީމާ އެ ނިމުނީ އެވެ. މިހާރު ނުކުމެގެން މި އުޅެނީ ކޮން މައްސަލައެއްކަން ވެސް އޮޅިއްޖެ އެވެ. ދައްކާ ވާހަކަތައް އޮޅިފައި ވަނީ މި ދަންނަވާ އެތައް ވާހަކަތަކެއްގެ ސަބަބުންނެވެ.
މިހާރު އުފެދިފައިވާ ސުވާލުތައް ވަރަށް ގިނަ އެވެ؛ މި އުޅެނީ އިކޮނޮމިކް ޒޯނުން ބައެއް ގެއްލޭތީ ހެއްޔެވެ؟ ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭތީ ހެއްޔެވެ؟ ނުވަތަ ސަރުކާރުގެ ސްޓޭންޑް މި މައްސަލައިގައި ބަދަލުކުރި މައްސަލަ ހެއްޔެވެ؟ ނުވަތަ މޮރިޝެސް އަށް ދިވެހިން، މާބޮޑު ބާރުތަކެއް ދޭން އުޅެނީ ކޮން ޑީލެއްގެ ދަށުން ބަލަން ހެއްޔެވެ؟ ނުވަތަ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ބަޔަކުން ދިވެހިންގެ ބާރު ކެނޑިގެން ދަނީ ހެެއްޔެވެ؟ ނުވަތަ ފޯޅަވަހި ހޯދަން ހެއްޔެވެ؟ އެޔެއް ވެސް ނޭނގެ އެވެ.
މިއީ މި މައްސަލައިގައި އެންމެ ގިނައިން އަޑު އިވެމުންދާ ވާހަކަތަކެވެ. މި މައްސަލައާ ބެހޭ ގޮތުން ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހަންމަދު މުނައްވަރު ވާހަކަ ދައްކަވަން އުޅުއްވާކަން އެނގުނީމާ ވަރަށް އުފާވި އެވެ. ހަގީގަތުގައި އެ މަނިކުފާނަކީ އިލްމީ ގޮތުން މި ދާއިރާ، ޚާއްސަކޮށް ކަނޑުތަކާ ބެހޭ ގާނޫނުގެ އިލްމަށް ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އިލްމުވެރިޔާ އެވެ. އެ މައްސަލައިގެ ފެށުމާ ހިސާބަގައި އަމަލީ ގޮތުން އުޅުއްވީ އޭނާ އެވެ.
އަޅުގަނޑު ވިސްނާ ހުރީ މި ވާހަކަތަކުން މިކަން އޮތް ގޮތާ ވާން ޖެހޭ ގޮތާ މިހާތަނަށް ކަން ވެފައި އޮތް ގޮތް ވަރަށް ސާދާ އިބާރާތުން ވިދާޅުވެދެއްވާނެ ކަމަށެވެ. އެކަމަކު ކަން ވީ އެހެނެއް ނޫނެވެ. އެކި ބޭބޭފުޅުންނާ ދިމާއަށް "ގާބުރި" އެއްލައި، ސިޔާސީ ކުލަވަރު ޖެހިގެން ދިޔައީ އެވެ. ފަހަރެއްގައި ގައުމީ ލޯބި ހިތްޕުޅުގައި އޮތްލެއް ބޮޑުކަމުން "ޖަޒުބާތު"ގައި ކަން ހިނގި މަގު ކަމަށް ވެސް ވެދާނެ އެވެ.
ޗާގޯސްގެ މައްސަލާގައި މުނައްވަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: މިހާރު
އަޅުގަނޑު އެ މަނިކުފާނަށް ފޯނުން ގުޅީމެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ ބެހޭ ގާނޫނުގެ މަސައްކަތް އެ ބޭފުޅާ ބަންޑާރަނައިބަކަށް ހުންނެވިއިރު ކުރައްވަމުން ގެންދިޔަ ގޮތާއި އެ މަނިކުފާނަށް ޗާޓްތައް ތައްޔާރު ކޮށްދިނުމުގައި ސަޕޯޓިން ޓީމު އޮތް ގޮތް ހަނދުމަފުޅު އެބަހުރިތޯ އެހީމެވެ. އެ ޗާޓުތައް ހިއްޕަވައިގެން ވަޒީރުންގެ މަޖިލިހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކާއި އޭރު ހިނގި ކަންތައް ހަދުމަފުޅުކޮށްދިނީމާ ވިދާޅުވީ އާއެކޭ އެވެ! މިހާރު ތިމަންނާއަށް ރިކޯލްވެއްޖެއޭ އެވެ.
ތިމަންނާގެ އާގިއުމަންޓަކީ މޮރިޝަސް އަށް ޗާގޯސް އާކިޕިލާގޯ ލިބި އެ ތަނުގެ ވަށައިގެން އިގްތިސާދީ ސަރަހައްދެއް ގާއިމް ކުރުމަކީ ދިވެހިރާއްޖެ އަށް ނުރައްކާތެރި ކަމެއް ކަން ބުނެދިނުން ކަމަށް ވިދާޅުވި އެވެ. އެ ތަނުގައި ބޭރު ގައުމުތަކަށް ލައިސަންސް ދޫކޮށްގެން މަސްވެރިކަން ކުރާނެ ކަމާއި އޭރުން އައްޑު އަތޮޅުގެ 200 މޭލު ބޭރުން ރާއްޖެ އަށް ވަންނަ މަސްތައް ނެގުމުން ދިވެހި މަސްވެރިކަމަށް ލިބޭނެ ގެއްލުމުގެ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ. ތެދެކެވެ. އެއީ ރާއްޖެ އަށް އޮތް ނުރައްކަލެކެވެ. ރަނގަޅު ވާހަކަ އެކެވެ.
މުނައްވަރަކީ އަބަދުވެސް އަޅުގަނޑު އިހުތިރާމްކުރާ، ރަހުމަތްތެރި ބޭފުޅެކެވެ. އެ ދުވަހު އެ މަސައްކަތުގައި އަޅުގަނޑަކީ ވެސް ޑރ. މުނައްވަރުގެ ސަޕޯޓިން ޓީމުގައި ހުރި މީހަކީމެވެ. އެހެންކަމުން އޭނާ އިތުރަށް ރިކޯލް ކުރުމަށްޓަކައި އޭރު ކުރެހި ޗާޓްތަކުގެ ތެރެއިން މި މައްސަލައާ ގުޅުން ހުރި ޗާޓް ވެސް އަޅުގަނޑު އެ މަނިކުފާނަށް ފޮނުވައިދިނީމެވެ.
ކޮންމެއަކަސް މި ޗާޓްގެ މަތީގައިވާ ތައާރަފުން ވެސް އިންޑޯ-މޯލްޑިވްސް ޓްރީޓީގެ ދަށުން ރާއްޖޭގެ ސަރަހައްދުން ގެއްލިފައިވާ ބައެއް ވާކަމާއި ޚާއްސަކޮށް ދިވެހިރާއްޖެ އާއި އިނގިރޭސި ސަރުކާރާ ދެމެދު އޭރު ވެސް މަޝްވަރާތަކެއް ހިނގައި އެއްބަސްވެވި އެހެން ނަމަވެސް މުއާހަދާއެއްގައި ސޮއި ނުކުރެވިވާ ކަމާއި ޗާގޯސް މީޑިއަން ލައިން ކުރެހިއްޖެ ނަމަ ރާއްޖެ އިން ގެއްލޭނެ ސަރަހައްދެއް އެބައޮތްކަން ފާހަގަކުރެވެ އެވެ. މިއީ 1996 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުނައްވަރު ބަންޑާރަނައިބަކަށް ހުންނަވައިގެން އޭރުގެ ކެބިނެޓަށް ހުށަހެޅުއްވި ޗާޓްތަކުގެ ތެރޭގައި ހިމެނޭ އެއް ޗާޓެވެ.
ފެންނަން ހުރި އެއްވެސް ލިޔެކިޔުމަކުން ފޯޅަވައްސަކީ ރާއްޖޭގެ ބާރު ހިނގާ ރާއްޖޭގެ ތަނެއް ކަން ސާބިތު ކުރެވޭކަށް ނެތެވެ. މަލިކާ ބެހޭގޮތުން ބައިވަރު ހެއްކާއި ގަރީނާ ހުރި އިރު ވެސް އެ ތަނުގެ މައްޗަށް ވެސް ދިވެހިންގެ ބާރެއް ނުފޯރުވުނެވެ.
މިހިރަމިހިރަ ކަންކަމަކީ ސިޔާސީ ކަންކަމަށް ހައްދަވައިގެން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް "އިސްތިއުފާ" އަށް ގޮވަންވީ ކަންކަމެއް ނޫނެވެ. ނޫނީ އެންމެން ހަމައެއް ލަމައެއް ނެތި، އެނގުނަސް ނޭނގުނަސް އަޑެއް އޮތަތީވެ ހަޅޭއްލަވަންވީ ކަމެއް ނޫނެވެ. އިލްމީ ގޮތުން ގާބިލް ބޭފުޅުން ގައުމުގައި އެބަތިއްބެވި އެވެ. އަދި އެ ބޭފުޅުންނަށް ސަޕޯޓް ކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގެ އިލްމުވެރިން ވެސް މިއަދު ހަޔާ ކުރެވޭނެ އެވެ. ވީއިރު މިފަދަ ގައުމީ މައްސަލަތަކުގައި "އަރާރުމާ ކޯޅުން" ދޫކޮށް އެއް ޕްލެޓްފޯމެއްގައި އެންމެން ވާހަކަދައްކައި މަޝްވަރާ ކުރުމަކީ ހުރިހާ ގޮތަކުން ވެސް ފައިދާ ކުރާނެ ގޮތެވެ.
މުނައްވަރު ވެސް އޮޅުންފިލުވައި ދެއްވީ ކަން އޮތް ގޮތެވެ. ހަދަންވީ ގޮތާއި ހައްލުވާން އޮތް ގޮތުގެ ވާހަކައެއް ނޫނެވެ. އެކަމަކު އޭނާގެ ވާހަކަތައް ވެސް ރަނގަޅަށް އަޑުއެހުމުގެ ބަދަލުގައި "ހޯއް" ގޮވީ އެވެ. މިހިރަމިހިރަ ހަސްހާސް މައްސަލަތަކަކީ އެ މައްސަލަތަކަށް ރަނގަޅު ހެޔޮ ބަދަލެއް ގެންނަން ބޭނުންނަމަ ތަޖުރިބާ އާއި އިލްމީ ގޮތުން މަޝްވަރާ ކުރަންޖެހޭ ކަންކަމެވެ.
ދީނީ ނަސޭހަތް ދިނުމާ ކަންކަން އޮޅުން ފިލުވައިދިނުން ވެސް މިފަދަ އެވެ. އެހެނަސް ވާގޮތަކީ މީޑިއާގެ ބޭނުން ހިފައިގެން އެކަށީގެން ނުވާ ގޮތްގޮތަށް ބައެއް މީހުން ބަސް ބުނުމެވެ. ދީނީ އިލްމުވެރިއަކަސް، ޓެކްނިކަލް އެހެން ދާއިރާއެއްގެ މީހަކަސް "ސިޔާސީ" މީހަކަށްވެ އޭނާގެ "ސިޔާސަ" ގޮތުގައި ބަސް ބުނުމުން އެއީ ހައްގު ބަސް ކަމުގައި ވިޔަސް ނުވަތަ ރަނގަޅު ގޮތް ކަމުގައި ވިޔަސް އެ ބުނާ ބަސް ގަބޫލުކުރާނީ އޭނާގެ "ޖަމާއަތު"ގެ މީހުން އެކަންޏެވެ. ނަތީޖާއަކީ ފިތުނަފަސާދަ އަށް މަގު ހުޅުވި ކުރަން ބޭނުންވާ ކަންތައް ނުކުރެވުމެވެ. މިހެން ވާހާ ހިނދަކު މިފަދަ އެއްވެސް މައްސަލައަކަށް ހައްލެއް ލިބި އުފާވެރިކަމާއި ހިނިތުންވުމާއެކު އެފަދަ ބޭބޭފުޅުންނާ ބައްދަލުކޮށް، އިހުތިރާމްކުރާ ތަނެއް ނުފެންނާނެ އެވެ.
"ސަރުކާރުގެ ސްޓޭންޑުން ފައިދާ ވާނީ އިންޑިއާ އަށް"
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
ކަނޑުގެ މައްސަލައަށް މުނައްވަރާއި ބޭރު ވަކީލުންގެޓީމެއް
މޮރިޝަސްއަށް ފޮނުވައި ސިއްރު ކުރި ސިޓީ އާއްމުކޮށްފި
ކަނޑު ހޯދާ ވާހަކަ ކަނޑުގައި އެޅި ރޮނގަކަށް ވެެދާނެ!
މޮރިޝަސް ސިޓީ ލީކުވެއްޖެ، ކަނޑު ދޫކޮށްލާ ވާހަކަ ނެތް
ސިޓީގެ އަސްލު ދެއްކި، ކަނޑު ގެއްލޭ ވާހަކައެއް ނެތް
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ