Roadha Mihaaru
ކުޅުދުއްފުށި ހޮސްޕިޓަލްގައި ލެޕަރޮސްކޯޕިކް ސާޖަރީ ފަށަނީ

ކުޅުދުއްފުށި ހޮސްޕިޓަލްގައި ލެޕަރޮސްކޯޕިކް ސާޖަރީ ފަށަނީ

26 އޮކްޓޯބަރ 2022

ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އައިޖީއެމްއެޗާ ގުޅިގެން ކުޅުދުއްފުށީގައި ލެޕަރޮސްކޯޕިކް ސާޖަރީތައް އަންނަ މަހުގެ ހަ ވަނަ ދުވަހު ފެށުމަށް ހަމަޖައްސައި، އެކަމަށް ބޭނުންވާ މެޝިނަރީތައް މިހާރު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. މިހާރު ކުރިޔަށް ގެންދަނީ އޭގެ އިންސްޓޮލޭޝަންގެ މަސައްކަތްތައް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޕްލާސްޓިކް ސާޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުހައްމަދު ވަހީދާއި ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ޖެނެރަލް ސާޖަން، ޑރ. އަބްދުﷲ ލީޑް ނަންގަވައިގެން މި ސާޖަރީތައް ކުރިޔަށް ގެންދެއްވުމުގައި ނޮވެމްބަރު 6-9 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ލެޕަރޮސްކޯޕިކް ސާޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން، ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ. ކީހޯލް ސާޖަރީގެ ނަމުން ވެސް ނަންދެވިފައިވާ މި އޮޕަރޭޝަންތަކަށްފަހު ބަލިމީހާ ހޮސްޕިޓަލްގައި މަޑުކުރަންޖެހޭ މުއްދަތު އަދި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު، އާންމު އޮޕަރޭޝަންތަކާ އަޅާބަލާއިރު ބޮޑުތަނުން ކުޑަ އެވެ. މިފަދަ އޮޕަރޭޝަންތަކަށް ފަހު ދުވަހުން ދުވަހަށް ވެސް ބަލިމީހާ ހޮސްޕިޓަލުން ޑިސްޗާޖްކުރެެވެ އެވެ.

އައްޑޫ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ލެޕަރޮސްކޯޕިކް ސާޖަރީ ފަށައިފަ އެވެ. އެ ސާޖަރީ ހަދާ ދާއިމީ ޑޮކްޓަރުން ވެސް އައްޑޫ ހޮސްޕިޓަލްގައި ތިބެ އެވެ.