Roadha Mihaaru
ގާސިމްގެ ތުހުމަތު: "ބޮޑުބޭބެ"ގެ އެދުމަށް ދީލައިލީ!

މޮރިޝަސް އިމުގެ މައްސަލަ: ގާސިމްގެ ތުހުމަތަކީ "ބޮޑުބޭބެ"ގެ އެދުމަކަށް ދީލައިލީ ކަަމަށް!

23 އޮކްޓޯބަރ 2022

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެ އިން ނިންމި މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ސާފުކޮށްދީފައި ވަނިކޮށް، އެ ނިންމުމުގެ ފަހަތުގައި އޮތީ "ބޮޑުބޭބެ"ގެ އެދުމަށް ދީލައިލުން ކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތުހުމަތު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެ އިން ނިންމި މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން ސާފުކޮށްދީފައި ވަނިކޮށް، އެ ނިންމުމުގެ ފަހަތުގައި އޮތީ "ބޮޑުބޭބެ"ގެ އެދުމަށް ދީލައިލުން ކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތުހުމަތު ކުރައްވައިފި އެވެ.

ރާއްޖޭގެ ސްޓޭންޑް ބަދަލުކުރުމުގެ ފަހަތުގައި އޮތް ސަބަބު ސާފުކޮށްދޭން ގޮވާލައި ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، ބަންޑާރަ ނައިބުގެ އޮފީހުން ރޭ ވަނީ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ދިވެހި ސަރުކާރުން ނިންމީ އދ. ގައި ރާއްޖެ އިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ކަމަށެވެ. އިމުގެ މައްސަލައިގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ރާއްޖެ އިން ނިންމީ ނޫން ކަމަށާއި އެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުނުވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖެ އިން މިހާ ދުވަހު ނިންމައިގެން ތިބީ ޗާގޯސް، އިނގިރޭސިންގެ ދަށުގައި ބާއްވާށެވެ. އެކަމަކު ސްޓޭންޑް ބަދަލުކޮށް، ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމީ ރާއްޖެ އަށް އޭގެ ފައިދާތަކެއް އޮތުމުން ކަމަށް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނި ގޮތުގައި އެ ނިންމުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ރާއްޖެ އަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެންދާނެ އެވެ.

އޭޖީ އޮފީހުން މައްސަލަ އޮޅުންފިލުވައިދީފައި ވަނިކޮށް، ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް "ބޮޑުބޭބެ"ގެ އެދުމަށް ދޫކޮށްނުލާކަން ރައްޔިތުންނަށް ސާބިތުވާން ޖެހޭ ކަމަށެވެ.

އޭނާ "ބޮޑުބޭބެ" ސިފަކުރެއްވީ ކޮން ވެރިއަކަށް ނުވަތަ ގައުމަކަށް ކަން ސާފުކޮށް ވިދާޅުނުވިޔަސް މި ފަހުން ސިޔާސީ ފާޑުކިއުންތަކުގައި އެ ލަފްޒު ރައްދުކުރަނީ އިންޑިއާއަށެވެ.

"ރާއްޖޭގެ ބިން އެކަންޏެއް ނޫން، ރާއްޖޭގެ ޖައްވާއި ކަނޑުން ވެސް އެންމެ ކޮޑި އިންޗިއެއް ވެސް ގެއްލޭކަށް ނޫނީ ބަޔަކަށް ދޭކަށް، ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ. ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް ބައިނަލްއަގުވާމީ ގާނޫނުން ރާއްޖެ އަށް ލިބޭ އެއްވެސް ހައްގެއް، އިމްތިޔާޒެއް އަދި އަދި ނެގެން އެޑްވާންޓޭޖެއް ދޫކޮށްލުމަކީ ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫން،" މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ ރޫހަކީ ވެސް އެއީ އެވެ.

"ދިވެހިރާއްޖެއާ ޗާގޮސް ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލާގައި އޮތް ހަމައެކަނި ހައްލަކީ 'އިކުއިޑިސްޓޭންސް'ގެ އުސޫލް ކަމަށް ދެކި ބަޔަކު ހަމަ އެދޭއިރަށް ފަސޭހަކަމާ އެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެ އަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަކަށް ނުފެނޭ،" ގާސިމް ވިދާޅުވި އެވެ.

އޭނާގެ ބަޔާނުގައި ވިދާޅުވި ގޮތުގައި، އިން ވަކިކުރަން ހުށަހަޅާފައި ވަނީ ވަރަށް ކުރިއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑު ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ރާއްޖެއާ މިދިޔަ ބައިގަރުނު ވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލްގައި ވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު ތަނެކެވެ. އދ. ގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލް ރާއްޖެ އަށް ކްލެއިމްކުރެވޭނެ ކަަަމަށް ގާސިމް ވިދާޅުވި އެވެ.

އެފަދަ ހާލަތެއް އޮތްއިރު، ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔާތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް އިހުލާސްތެރިކަމާ އެކު ސަރުކާރުން ކުރާ ތަން ފެންނަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މޮރިޝަސްގެ މައްސަލައިގައި ރާއްޖޭގެ ނިންމުމުގައި ފައިދާ އޮތް ކަމަށް ސަރުކާރުން ބުނި ނަމަވެސް އިދިކޮޅުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ސްޓޭންޑް ބަދަލުވުމަކީ އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށެވެ. ސަރުކާރުން މިކަމުގައި ޖަވާބުދާޜީވާން ޖެހޭ ކަމަށާއި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.