23 އޮކްޓޯބަރ 2022
ރާއްޖޭން އުޅެނީ މޮރިޝަސްގެ ބޯޑަރާ ފުށުއަރާ ސަރަހައްދުގެ 99 ޕަސެންޓް ހޯދަން ކަމަށާއި އިމުގެ މައްސަލާގާއި ރާއްޖޭން ދައްކާ ވާހަކަ ރަނގަޅު ނޫން ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސް އިން ބުނެފި އެވެ.
ރާއްޖޭން އުޅެނީ މޮރިޝަސްގެ ބޯޑަރާ ފުށުއަރާ ސަރަހައްދުގެ 99 ޕަސެންޓް ހޯދަން ކަމަށާއި އިމުގެ މައްސަލާގާއި ރާއްޖޭން ދައްކާ ވާހަކަ ރަނގަޅު ނޫން ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސް އިން ބުނެފި އެވެ.
ރާއްޖެ އާއި މޮރިޝަސްގެ ބޯޑަރުގެ މައްސަލާގައި އިޓްލޮސް އަށް މޮރިޝަސް އިން ހުށަހަޅައިގެން އުޅޭ މައްސަލާގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު އޮތް އަޑުއެހުމުގައި މޮރިޝަސްގެ އެޖެންޓް ދީރެންދުރާ ދާބީ ވިދާޅުވީ، ދެ ގައުމުގެ އިމުން ފުށުއަރާ ސަރަހައްދުގެ މިލްކުވެރި ފަރާތަކީ ދިވެހިރާއްޖެ ނޫން ކަމަށާއި މޮރިޝަސް ކަމަށެވެ.
ރާއްޖޭގެ ދެކުނުން އައްޑު އާއި މޮރިޝަސްއާ ދެމެދު، ދެ ގައުމުން އިގްތިސާދީ ހާއްސަ ސަރަހައްދު ބައިނަލްއަގުވާމީ މިންގަނޑުން ފާހަގަކުރުމުން ފުށުއަރާ ސަރަހައްދުގެ ބޮޑުމިނުގައި 95،828 އަކަ ކިލޯމީޓަރު ހުރެ އެވެ.
"މިއީ އަވަށްޓެރި ދެ ގައުމު. ދެ ގައުމަށް ކުރިމަތިވެފައި ވަނީ އެއްކަހަލަ ގޮންޖެހުންތަކާއި މައްސަލަތައް،" އދ. ގެ ނުވަ ފަނޑިޔާރުންގެ ކުރިމަތީގައި މޮރިޝަސްގެ އެޖެންޓް ދާބީ ވިދާޅުވި އެވެ.
އިޓްލޮސް އަށް މޮރިޝަސް އިން މައްސަލަ ހުށަހެޅުމާ އެކު ރާއްޖޭން ބުނަމުން އައީ މޮރިޝަސް އިން ދައުވާކުރަނީ އިނގިރޭސި ވިލާތުގެ މިލްކުވެރިކަން އޮތް ސަރަހައްދަކަށް ކަމަށާއި އެހެންވެ އެ މައްސަލާގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެކަމަކު ޖަރުމަނުގައި ހުންނަ އިޓްލޮސް އިން މިދިޔަ އަހަރު ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފަޔަށް ބާރު ދީފަ އެވެ. އެއީ އިނގިރޭސި ވިލާތުން ޗާގޮސް ހިފައިގެން ތިބުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމަށެވެ.
ރާއްޖޭގެ ސްޓޭންޑާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުންނާއި އިޓްލޮސް އިން ނިންމާފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ރާއްޖޭން ވަނީ، ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ރާއްޖޭން ކުރިން ގަބޫލުކުރި ނަމަވެސް އެ ވިސްނުން ބަދަލުކޮށް މޮރިޝަސް އަށް އެކަމުގައި ތާއީދުކުރާނެ ކަމަށް ބުނެފަ އެވެ. އެ ނިންމުން ހާމަކުރުމުން މިއީ އިމުން ފުށުއަރާ ސަރަހައްދު މޮރިޝަސް އަށް ދޫކޮށްލަން ނިންމުން ކަމަށް މާނަކޮށް ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއް ކަމަށް ރާއްޖޭން ގެންގުޅުނު ސްޓޭންޑް ބަދަލުކުރީ ދުނިޔޭގެ އެންމެ މަތީ ކޯޓުންނާއި ޓްރައިބިއުނަލުން ވެސް އެކަމުގައި މޮރިޝަސް އަށް ތާއީދުކުރުމުން، އެންމެ ފަހު ކަމެއްގެ ގޮތުގަ އެވެ.
އިޓްލޮސްގައި އޮތް އިމުގެ މައްސަލަ ފެށުނީ ރާއްޖެ އަށް އެ ސްޓޭންޑްގައި ނާކާމިޔާބުވުމުންނެވެ. ރާއްޖޭން އަދިވެސް ދަމަހައްޓަނީ 2010 ވަނަ އަހަރު ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ބޮޑުކުރުމަށް ހުށަހެޅި ހުށަހެޅުމެވެ. އެކަމާ މޮރިޝަސް ދެކޮޅެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވާހަކަ ދައްކަވަނީ.
އދ. ގައި އޮތީ ޗާގޮސްގެ އަސްލު ރަށްވެހިންނަށް އެ މީހުންގެ ވަޒަނަށް އެނބުރި ދިއުމުގެ ހައްގުގެ މައްސަލަ އެވެ. މިކަމުގައި މީގެ ކުރިން އަބަދުވެސް ރާއްޖޭން އދ. ގައި ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އަދި ވެރިކަން ބަދަލުވެ، އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ވެސް ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ. ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް އިޓްލޮސް އަށް މައްސަލަ ހުށަަހަޅާފައި އޮތުމެވެ.
ދިވެހިރާއްޖޭގެ އެކުވެރިންނަށް އިހްތިރާމާ އެކު ބުނަން ޖެހެނީ ތިޔަ ވިސްނުން ގޯސް ކަމަށް: މޮރިޝަސްގެ ވަކީލް
އިޓްލޮސްގައި ރާއްޖޭގެ އެޖެންޓް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ބުރާސްފަތި ދުވަހު ވިދާޅުވީ، އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން ވޯޓު ދޭން ނިންމައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވުމުން އެކަމުގެ ބަދަލުގައި މޮރިޝަސް އިން މިހާރު ވަނީ މޮރިޝަސްގެ ބްލެންހެމް ފަރުގެ ސާވޭ ހެދުމަށް ދިޔަ ޚަރަދު ރާއްޖެ އަތުން ހޯދުމަށް މޮރިޝަސް އިން ކުރި ދައުވާ އަނބުރާ ގެންދަން ނިންމިކަން އަންގާފައި ކަމަށެވެ.
ރިފްއަތު ވިދާޅުވީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ ބޮޑުކުރަން ރާއްޖޭން 2010 ވަނަ އަހަރު ހުށަހެޅި ހުށަހެޅުމަށް މޮރިޝަސް އިން ހުށަހެޅި އިއުތިރާޒް ވެސް އަނބުރާ ގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ޔޫއެން ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (1982) ގައި ބުނާ ގޮތުން ކަނޑުގެ ބޯޑަރު އޮންނަ ގައުމުތަަކަށް ކަނޑުގެ ސަރަހައްދުން ކޮންޓްރޯލް އޮންނާނީ އެ ގައުމެއްގެ އައްސޭރިފަށުން ފެށިގެން 230 މޭލާ ހަމަޔަށެވެ.
ރާއްޖެ އާއި މޮރިޝަސް އިން މިކަމުގައި މައްސަލަ ޖެހިގެން އުޅެނީ މި 230 މޭލު ގުނަން ފަށާގެ ހިސާބަކާ މެދުގަ އެވެ. މޮރިޝަސް އިން ފަރުގެ ސާވޭއެއް ހެދުމަށް ފަހު މިން އަޅަން ފަށަނީ ރާއްޖެއާ ވަރަށް ބޮޑަށް ކައިރި ހިސާބަކުންނެވެ. އެހެން ހެދުމުން، ފުށުއަރާ ސަރަަހައްދު ވަކިން ބޮޑުވެ އެވެ.
"ދިވެހިރާއްޖޭގެ އެކުވެރިންނަށް އިހްތިރާމާ އެކު ބުނަން ޖެހެނީ ތިޔަ ވިސްނުން ގޯސް ކަމަށް،" މޮރިޝަސްގެ ފަރާތުން ވާހަކަ ދައްކަވަމުން ކޯޓުގައި ވަކީލް ފިލީޕް ސޭންޑްސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭން އުޅެނީ އިމުން ފުށުއަރާ ސަރަހައްދުގެ 99 ޕަސެންޓް ހޯދަން ވެގެންނެވެ.
މީގެ ކުރީގެ އަޑުއެހުންތަކުގައި ރާއްޖޭން ނެގީ މި މައްސަލަ އިޓްލޮސްގައި ނުބެލޭނެ ކަމަށް ބުނެ އިޖުރާއީ މައްސަލައެކެވެ. އެއީ ޗާގޮސް އަކީ އިނގިރޭސި ވިލާތުގެ ތަނެއް ކަމަށާއި އިމުގެ މައްސަލާގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެކަމަކު ކޯޓުން ނިންމީ މިހާރު ބަލަމުން ގެންދާ މައްސަލާގައި އިނގިރޭސި ވިލާތުގެ މަސްލަހަތެއް ނެތް ކަމަށާއި އެކަމުގައި ބަލާނީ އައިސީޖޭ އިން 2019 ވަނަ އަހަރު މޮރިޝަސްއާ އެއްކޮޅަށް ނިންމި ނިންމުމަށް ކަމަށެވެ.
އިނގިރޭސި ވިލާތުން ޗާގޮސްގެ އެހެން ރަށްތަކާ އެކު މޮރިޝަސް ފްރާންސްގެ އަތްދަށުން އަތުލީ 1810 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ބުނަމުން އައީ އެއީ ދަނޑުވެރިކަމުގެ ބޭނުމަށް ކަމަށެވެ. އެކަމަކު އޭގެ 100 އަހަރަށް ވުރެ ވެސް ފަހުން ސޮވިއެޓް ޔުނިއަންގެ ބާރު ގަދަވުމާ އެކު އެމެރިކާ އިން އިންޑިއާ ކަނޑުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް ބޭނުންވެ އެކަމުގައި އިނގިރޭސި ވިލާތް އެއްބަސްކުރުވައިގެން ޗާގޮސްގެ ޑިއެގޯ ގާސިއާ (ފޯޅަވަހި) ކުއްޔަށް ނެގީ އެވެ.
މޮރިޝަސް އަށް 1968 ވަނަ އަހަރު މިނިވަންކަން ލިބުމުން މޮރިޝަސް އާއި ޗާގޮސްގެ އެހެން ރަށްތައް ވަކިކޮށްލައި އެ ރަށްތަކުގެ ދެ ހާހެއްހާ މީހުން ގަދަބާރުން ވަޒަނުން ބޭރުކޮށްލީ އެވެ. އެ މީހުން ރަށްތަކުން ފައިބައިގެން ދިޔައިރު ގެންދަން ހުއްދަ ދިނީ ކޮންމެ މީހަކު އެންމެ ފޮއްޓެކެވެ. އަނިޔާވެރިކަމާ އެކު ވަޒަނުން ބޭރުކޮށްލި މި މީހުން އަދިވެސް ގެންދަނީ ވަޒަނަށް އެނބުރި ދިއުމުގެ ހައްގު ހޯދަން ކޯޓުތަކުގައި ދައުވާކުރަމުންނެވެ.
ޗާގޮސްގެ ރަށްތައް
އިނގިރޭސި ވިލާތުން 2010 ވަނަ އަހަރު ވަނީ ޗާގޮސްގެ ބޮޑު ސަރަހައްދެއް، ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މަސްވެރިކަން ރަނގަޅު މި ސަރަހައްދު މިގޮތަށް ކަނޑައެޅުމަކީ ޓޫރިޒަމަށް ބަރޯސާވާ މޮރިޝަސް އަށް އިގްތިސާދީ ގޮތުން ލިބެން އޮތް ފައިދާއަކަށް ވެސް އެޅުނު ހުރަހަކަށްވި އެވެ.
އިމުގެ މައްސަލަ ޖެހިފައިވާ ސަރަހައްދަށް މި އަހަރުގެ ކުރީކޮޅު މޮރިޝަސް އިން ވަނީ ފުރަތަމަ ފަހަރަށް ސާވޭ ޓީމެއް ފޮނުވައިފަ އެވެ. ޗާގޮސް މީހުން ވެސް ހިމެނޭ މި ޓީމުގެ މި ދަތުރު ވެފައި ވަނީ އިނގިރޭސި ވިިލާތުގެ ހަތިޔާރު އެޅި ސިފައިންނާ ނުލައި ޗާގޮސް މީހުންނަށް އެ މީހުންގެ އަމިއްލަ ވަޒަނަށް ކުރެވުނު ފުރަތަމަ ދަތުރަށެވެ. މި ދަތުރަށް އެންމެ ކުރު ދަތުރެއް ކުރެވޭނީ ދިވެހިރާއްޖޭން ކަމަށް ވިޔަސް މޮރިޝަސް އިން މި ދަތުރު ފެށީ އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ސޭޝެލްސް އިންނެވެ.
ރާއްޖޭން އެދެނީ ސަރަހައްދު ބޮޑުކުރުމާ ދެކޮޅުނުހަދަން
ނުބައި ލަފާދޭތީ ބަންޑާރަ ނައިބު ވަކިކުރަންޖެހޭ: ޔާމީން
އޭޖީ އޮފީހުން އިސްކުރީ ރާއްޖޭގެ މަސްލަހަތު: މުއިއްޒު
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް
"ސަރުކާރުގެ ސްޓޭންޑުން ފައިދާ ވާނީ އިންޑިއާ އަށް"
އިމުގެ މައްސަލާގައި ސްޓޭންޑް ބަދަލެއް ނުވޭ: ސަރުކާރު
ގާސިމްގެ ތުހުމަތު: "ބޮޑުބޭބެ"ގެ އެދުމަށް ދީލައިލީ!
އިމުގެ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލެއް ނުވޭ
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
ރިފްއަތު ޖަވާބުދާރީވީ ލިޔުމުން، ސުވާލެއްގެ ތެރެއަށް!