Roadha Mihaaru
ޔާމީންގެ އެއާޕޯޓް ވައުދަށް ކައުންސިލްގެ ތާއީދެއް ނެތް!

ޔާމީންގެ އެއާޕޯޓު ވައުދަށް ދިއްދޫ ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް!

18 އޮކްޓޯބަރ 2022

ހއ. ދިއްދޫގައި އެއާޕޯޓެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގަތަސް، އެ ރަށާ ވަރަށް ކައިރީގައި މިހާރު ވެސް ތިން އެއާޕޯޓް އޮންނާތީ ދިއްދޫގައި އެއާޕޯޓަކީ މިވަގުތަށް އެންމެ ބޭނުންވާ މަޝްރޫއު ނޫން ކަމަށް ބައެއް ކައުންސިލަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހއ. ދިއްދޫގައި އެއާޕޯޓެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގަތަސް، އެ ރަށާ ވަރަށް ކައިރީގައި މިހާރު ވެސް ތިން އެއާޕޯޓް އޮންނާތީ ދިއްދޫގައި އެއާޕޯޓަކީ މިވަގުތަށް އެންމެ ބޭނުންވާ މަޝްރޫއު ނޫން ކަމަށް ބައެއް ކައުންސިލަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ޔާމީން ރޭ ވައުދުވެވަޑައިގަތީ އެމަނިކުފާނަށް 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ދިއްދޫ ފަޅު ހިއްކައިގެން އެއާޕޯޓެއް ތަރައްގީކޮށް ދިނުމަށެވެ. މި ވައުދުވެވަޑައިގަތީ މި ސަރުކާރުން ދިއްދޫގައި އެއްވެސް ކަމެއް ކުރިއަށް ނުގެންދާ ކަމަށް ތުހުމަތު ކުރައްވަ އެވެ.

ދިއްދޫގެ ކުރިއެރުމާ ގުޅިފައިވާ މި ވައުދާ މެދު ކައުންސިލަރުންގެ ހިޔާލު ތަފާތެވެ. ހަތް ކައުންސިލަރުން ތިއްބަވާ އިރު އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ފަސް މެމްބަރުންނާއި ޕީޕީއެމް އަދި އަމިއްލަ މެމްބަރެކެވެ.

ޔާމީންގެ ވައުދާ އެއްގޮތަށް އެއާޕޯޓެއް ބޭނުންވާ ކަމަށް ސާފުކޮށް ވިދާޅުވީ ކައުންސިލްގެ ރައީސްގެ މަގާމު ފުރުއްވާ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރަޝީދެވެ. އެކަމަކު، އެއީ އެމްޑީޕީގެ ކައުންސިލަރުންނަށް ކަމުދިޔަ ވައުދެއް ނޫނެވެ.

ސަބަބަކަށް ދައްކަވަނީ، ދަތިނުވެ ދަތުރުފަތުރު ކުރެވޭ ގޮތަށް ތިން އެއާޕޯޓު އޮތުމާއި މި ސަރުކާރުގެ އާރުޓީއެލްގެ ފެރީ ނިޒާމުން ރަށްތަށް ގުޅާލާފައި ވުމެވެ.

ދިއްދޫން ފުރައިގެން، ޑޮމެސްޓިކް އެއާޕޯޓެއް އޮންނަ ހދ. ކުޅުދުއްފުއްޓަށް ދިއުމަށް ނަގަނީ 45 ވަރަކަށް މިނެޓެވެ. އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހދ. ހަނިމާދު އަށް 20 ވަރަކަށް މިނެޓުން ދެވެ އެވެ. އަދި ގަޑިއެއްހާއިރު ތެރޭގައި އެ އަތޮޅު ހޯރަފުށީގައި އޮންނަ އެއާޕޯޓަށް ވެސް ދެވެ އެވެ.

ދިއްދޫ ކައުންސިލްގެ ގިނަ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޔާމީން ރޭ ވެވަޑައިގަތީ ވަރަށް ބޭކާރު ވައުދެކެވެ. އެ ރަށަށް ބޭނުންވާ އެއަށް ވުރެ މާ މުހިންމު ކަންކަން އެބަހުރި ކަމަށް މެމްބަރުން ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ދިއްދު އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ދިއްދު އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

އެ ރަށު ކައުންސިލްގައި އެމްޑީޕީ ތަމްސީލުކުރާ މެމްބަރު އައިޝަތު ޝަދީލާ ވިދާޅުވީ ހޯރަފުއްޓާއި ކުޅުދުފުއްޓާއި އަދި ހަނިމާދޫގައި އެއާޕޯޓްތައް އޮތްއިރު، މި ސަރުކާރުން ފެށި އާރްޓީއެލް ފެރީގެ ހިދުމަތާ އެކު ވަރަށް ހެޔޮ އަގެއްގައި ފަސޭހަކަމާ އެކު އެ ރަށު ރައްޔިތުންނަށް މިހާރު ދަތުރުފަތުރުކުރެވޭ ކަމަށެވެ. ދަތުރުފަތުރުކުރުމުގައި އެ ރަށު މީހުންނަށް މިހާރު އެއްވެސް ދަތިކަމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ޝަދީލާ ވިދާޅުވި ގޮތުގައި ދިއްދޫގެ އާބާދީ 5،000 ގާތްކުރާއިރު، މިހާރު އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަމެވެ.

"އެއަށް ވުރެ، [އެއާޕޯޓް ނާޅާއި] ބިން ހިއްކާފައި ރައްޔިތުންނަށް ފްލެޓް އަޅައިދިނަސް ރައްޔިތުންނަށް މާ ފައިދާވާނެ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. ދިއްދު އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ރައްޔިތުންނާ ސަލާންކުރައްވަނީ -- ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. ދިއްދު އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ރައްޔިތުންނާ ސަލާންކުރައްވަނީ -- ފޮޓޯ: ޕީޕީއެމް

އޭނާ ވިދާޅުވީ ރަށުން ބޭރަށް އެންމެ ގިނައިން މީހުން ދަތުރުކުރަނީ ބޭސްފަރުވާ އަށް ކަމަށެވެ. އެކަމަކު ދިއްދޫގައި މިހާރު ސިއްހީ ހިދުމަތް ވެސް ރަނގަޅު ވަމުން އަންނަ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އެ ރަށުގައި ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމުން އެ ދަތުރުތައް ވެސް މަދުވާނެ ކަމަށެވެ. އެ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލް އެޅިއްޖެއްޔާ [ބޭސްފަރުވާއަށް] ކުޅުދުއްފުއްޓަށް ދިއުމުގެ ބޭނުމެއް ވެސް ނޯންނާނެ. ދެން އިތުރު ފަރުވާއެއް ހޯދަަން ދާން މި ޖެހެނީ ރާއްޖެއިން ބޭރަށް، އިންޑިއާ އަށް. އެޅިޔަސް އަޅާނީ ޑޮމެސްޓިކް އެއާޕޯޓެއް، އެހެންވީމަ ކޮބާތޯ ފައިދާއެއް؟،" އޭނާ ވިދާޅުވި އެވެ.

މާލެ އިން ބޭރުގައި ހިންގާ އެންމެ ބިޔަ މަޝްރޫއު، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ނިމުމާ އެކު ރާއްޖެއިން ބޭރަށް ދިއުމަށް މާލެ އަށް ކުރަން ޖެހޭ ދަތުރުތަކަށް ވެސް ނިމުމެއް އަންނާނެ ކަމަށް މެމްބަރުން ވިދާޅުވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ދިއްދު އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހއ. ދިއްދު އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑަކަށް ހިޔެއް ނުވޭ މި [ކައުންސިލުގައި ތިބޭ] އެމްޑީޕީގެ ފަސް މެމްބަރުން ވެސް އެއާޕޯޓް އަޅަން ބޭނުންވާހެނެއް. އެ ބޭފުޅުންނާ އަޅުގަނޑުގެ ހިޔާލު ވަރަށް އެއްގޮތް ވާނެ،" ޝާދީލާ ވިދާޅުވި އެވެ.

އެކަމަކު ދިއްދޫ ކައުންސިލުގެ ރައީސަކަށް ހުންނެވި ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރަޝީދުގެ ހިޔާލު ތަފާތެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުއްޓަށް ކުރަން ޖެހޭ 20 މިނެޓުގެ ދަތުރާއި ހަނިމާދު އަށް ކުރަން ޖެހޭ 45 މިނެޓުގެ ދަތުރަކީ ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭ "ދިގު ދަތުރުތަކެއް" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓް އެޅުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ.

ޕީޕީއެމުން ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި އެ ރަށުގައި ރައްޔިތުން ބައިވެރިވަނީ -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި އެ ރަށުގައި ރައްޔިތުން ބައިވެރިވަނީ -- ފޮޓޯ: ޕީޕީއެމް

"ރޭގެ ޖަލްސާގެ ކުރިން އަޅުގަނޑު ރައްޔިތުންގެ ފަރާތުން ރައީސް ޔާމީން ގާތުގައި އެދުނީ އެކަމަށް [އެއާޕޯޓެއް އަޅަން]. އެދުނީމަ އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި އެ ވަޑައިގެންނެވީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"އާރުޓީއެލް ފެރީގައި ވެސް ދެވެނީ ހަމައެކަނި ރަށަރަށް ދޯ. މާލެއަކަށް ނުދެވޭނުންތޯ އާރްޓީއެލް އަކުން."

އޭނާ ވިދާޅުވި ގޮތުގައި ފްލައިޓް ޓިކެޓާއި ފެރީ އަށް ވެސް ޓިކެޓް ނަގަން ރައްޔިތުންގެ ޖީބުން ބޮޑު ހަރަދެއް ހިނގަ އެވެ. އެއާޕޯޓެއް އޮވެއްޖެ ނަމަ، އެ ހަރަދު ލުއިވާނެ ކަމަށް ވިދާޅުވި އެވެ.