Roadha Mihaaru
ދިއްދޫގެ 26 ހެކްޓަރު ބިން ހިއްކާނެ: އާޒިމް

ދިއްދޫން 10 ހެކްޓަރު މަދެއް ނުކުރޭ، 26 ހެކްޓަރު ހިއްކާނެ: އާޒިމް

15 އޮކްޓޯބަރ 2023

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަން އެއްބަސް ވެފައިވާ ގޮތަށް 26 ހެކްޓަރު ހިއްކާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަން އެއްބަސް ވެފައިވާ ގޮތަށް 26 ހެކްޓަރު ހިއްކާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީ އަށް ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކޮށް، މަސައްކަތް ފެށީ މިދިޔަ މަހުގެ 27ގަ އެވެ. އެއީ 26 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ. އެކަމަކު، އެ ރަށުގެ ހިއްކާ ބިމުން ބައެއް އުނިކުރި ކަމުގެ ވާހަކަތައް ރަށު ތެރޭގައި ދެކެވެ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ 26 ހެކްޓަރުން 10 ހެކްޓަރު މަދުކުރަން ނިންމާފައިވާކަން އެމްޓީސީސީ ސައިޓުގައި ތިބޭ ވެރިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ބިން ހިއްކާ ނިމޭއިރު އިންނާނީ 16 ހެކްޓަރުގެ ބިން ކަމަށް ރަޝީދު ވިދާޅުވި އެވެ.

"ސައިޓުތަކާ ހަވާލުވެ ތިބި ވެރިންނަށް އެންގީ ދިއްދޫ ބިން ހިއްކައި ނިމޭއިރު އޮންނާނީ 16 ހެކްޓަރު ކަމަށް. ކައުންސިލަށް ވެސް އެނގިފައި އޮތީ. އެކަމަކު ރަސްމީކޮށް އެއްވެސް ތާކުން ނާންގާ، މިނިސްޓްރީ އަކުން ވެސް ނާންގާ،" އޭނާ ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީ އަށް އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅޫކޮށް ސިޓީ ފޮނުވާފައި ވާނެ ކަމަށާއި 10 ހެކްޓަރު މަދުވި ސަބަބު އޮޅުންފިލުވަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ވާހަކަތައް އެމްޓީސީސީގެ މެނެޖިން ޑިރެކްޓަރު އާދަމް އާޒިމް ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ 10 ހެކްޓަރު މަދު ކޮށްފައި ނުވާ ކަމަށާއި 26 ހެކްޓަރު ހިއްކާ ނިންމާނެ ކަމަށެވެ.

"މަދެއް ނުކުރޭ. އަޅުގަނޑުމެން ކުރި ކަމަކީ ޑްރެޖަރު ބަދަލުކުރީ، ކުރިން ހިއްކަމުން އައީ ބޮޑު ޑްރެޖަރުގައި. މިހާރު އެހެން ޑްރެޖަރެއް އެ ރަށަށް ގެންދަނީ. އެބައިން އިންސްޓްރަކްޝަން އައިސްފައި ހަމަ ކުރިން އޮތް ގޮތަށް ކުރިއަށް ދާނެ ކަމަށް. ދިހަ ހެކްޓަރު މަދެއް ނުކުރާނެ،" އާޒިމް ވިދާޅުވި އެވެ.

މިދިޔަ މަހު ހިއްކަން ފެށި އެ ރަށު ބިމުގެ 16 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިންމައިފަ އެވެ.

އެ މަޝްރޫއަކީ 83.07 މިލިއަން ރުފިޔާ އަށް ސަރުކާރުން އެމްޓީސީސީ އަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެ މަޝްރޫޢުގެ ދަށުން، 1,150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހެދުމާއި، 623,968 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 10,962 ކިއުބިކް މީޓަރުގެ ގޮނޑުދޮށް ސަރަޙައްދުގެ ބިން ހިއްކުމާއި، 916 މީޓަރުގެ ބަޔޮސްވޭލް ޓްރެންޗްއެއް ކޮނުމާއި، 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.