Roadha Mihaaru
ބައިޑެން، ސައޫދީ ވަލީ އަހުދާ ބައްދަލެއް ނުކުރައްވާނެ

ބައިޑެން، ސައޫދީ ވަލީ އަހުދާ ބައްދަލެއް ނުކުރައްވާނެ

17 އޮކްޓޯބަރ 2022

އިންޑޮނީޝިޔާގެ ބާލީގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި އަހަރުގެ ޖީ ޓުވެންޓީ (ގްރޫޕް އޮފް ޓުވެންޓީ) ގެ މަހާސިންތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ނުކުރައްވާނެ ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

އިންޑޮނީޝިޔާގެ ބާލީގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި އަހަރުގެ ޖީ ޓުވެންޓީ (ގްރޫޕް އޮފް ޓުވެންޓީ) ގެ މަހާސިންތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ނުކުރައްވާނެ ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލިވާން އިއްޔެ ވިދާޅުވި ގޮތުގައި ޖީ ޓުވެންޓީގެ މަހާސިންތާގެ ތެރޭގައި، ސައޫދީ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރެއްވުމުގެ އެއްވެސް ޕްލޭނެއް، ރައީސް ބައިޑެން ނުގެންގުޅުއްވަ އެވެ. ޖީ ޓުވެންޓީގެ މަހާސިންތާ އޮންނާނީ މި ފެށޭ ނޮވެމްބަރު މަހުގެ 15، 16 ގައި އިންޑޮނީޝިޔާގެ ބާލީގަ އެވެ.

މިފަދަ މަހާސިންތާތަކުގެ ހަވާސާގައި ދޭދޭ ގައުމުތަކުގެ ވެރިން، ބައްދަލުކުރެއްވުމަކީ އާންމު ކަމަކަށް ވިޔަސް، ވަކި ބޭފުޅަކާ އެކު އެފަދަ ބައްދަލުވުމެއް ނުބޭއްވުމަށް ނިންމެވުމަކީ، އެ ދެ ގައުމެއްގެ ދެމެދުގައި ގުޅުން ގޯސްވެފައިވާ ކަން ދޭހަކޮށްދޭ ކަމެކެވެ. ސައޫދީ އަރަބިއްޔާއާ މެދު އެމެރިކާގެ އިސް ވެރިން ނުރުހިގެން އުޅުއްވަނީ، އެމެރިކާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު، ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް އޯޕެކް ޕްލަސް އިން ނިންމުމާ ގުޅިގެންނެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އޯޕެކް ޕްލަސް އިން ނިންމީ، މިއަހަރުގެ ކުރީކޮޅު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ރަޝިޔާގެ ތެޔޮ ގަތުން ވިލާތުގެ ގައުމުތަކުން ހުއްޓައިލުމަށް ފަހު، އޭގެ ބަދަލުގައި މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އުފެއްދުން އިތުރުކުރުމަށް އެމެރިކާ އިން ގޮވަލާފައިވަނިކޮށެވެ.

އެ ނިންމުމާ ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް މި މަހުގެ 11 ވަނަ ދުވަހު ވިދާޅުވެފައިވަނީ އެމެރިކާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން، ދަމަހައްޓާނީ ކޮން ފެންވަރެއްގައިތޯ އަލުން މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އޯޕެކް ޕްލަސްގައި ހިމެނެނީ އޯޕެކްގެ މެމްބަރު 13 ގައުމާއި، 2016 ވަނަ އަހަރު އެ ޖަމާއަތާ ގުޅުނު 10 ގައުމެވެ. އޭގެ ތެރޭގައި، ދުވާލަކު 10 މިލިއަން ފީފާއަށް ވުރެ ގިނައިން ތެޔޮ އުފައްދައި ބާޒާރަށް ނެރޭ ރަޝިޔާ ވެސް ހިމެނެ އެވެ.

އޯޕެކް ޕްލަސް އިން މިހާރު ނިންމާފައިވަނީ، މިފެށޭ ނޮވެމްބަރު މަހުން ފެށިގެން، އެ ޖަމާއަތުން ތެޔޮ އުފައްދާ މިންވަރު، މިހާރު ހުރި މިންވަރަށް ވުރެ ދުވާލަކު ދެ މިލިއަން ފީފާ މަދުކުރުމަށެވެ. އެ ގޮތަށް ހެދުމުން، އޯޕެކް ޕްލަސްގެ ގައުމުތަކުން އުފައްދާ ތެލަށް ދުނިޔޭގެ ބާޒާރުގައި ރަނގަޅު އަގެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ރަޝިޔާ ވެސް ހިމެނެ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރާވައިގެން ތިބީ، މެދުއިރުމަތީގެ ގައުމުތަކުން އުފައްދާ ތެޔޮ އިތުރުކޮށް، ރަޝިޔާގައި އުފައްދާ ތެޔޮ ގަތުން ހުއްޓާލައި، ރަޝިޔާ އަށް ލިބޭ އާމްދަނީ އަށް ހުރަސް އެޅުމެވެ. އޭގެ ބޭނުމަކީ ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާއަށް ކުރަންޖެހޭ ހޭދަތަކަށް ހުރަސްއެޅުމެވެ.

އޯޕެކް ޕްލަސްގެ މި ނިންމުމަކީ، 2020 ވަނަ އަހަރުގެ ކުރީކޮޅު، ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެ އަށް ފެތުރެން ފެށި ފަހުން، ތެޔޮ އުފައްދާ މިންވަރު މިހާ ބޮޑަށް މަދުކޮށްލާ ފުރަތަމަ ފަހަރެވެ. އެމެރިކާ އިން ބުނާ ގޮތުގައި އޯޕެކް ޕްލަސްގެ އެ ނިންމުމުގެ ސަބަބުން ހުރިހާ ފައިދާއެއް ލިބޭނީ ރަޝިޔާއަށެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އެ ނިންމުމާ ދެކޮޅު ހެދި ނަމަވެސް، އޯޕެކް ޕްލަސްގެ ގައުމުތަކުން އަންނަނީ އެ ނިންމުން ދިފާއުކުރަމުންނެވެ. އެ ގައުމުތަކުން ބުނާ ގޮތުގައި އެ ނިންމުމަކީ އެ ޖަމާއަތުގެ މެންބަރު ގައުމުތަކުގެ އިގްތިސާދީ މަސްލަހަތުތައް ހިމާޔަތްކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ އިންފްލޭޝަން ރޭޓް މަތިވިޔަ ނުދީ ހިފެހެއްޓުމަށާއި، ބައިނަލްއަގުވާމީ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.