Roadha Mihaaru
މީރާ އަށް މިދިޔަ މަހު 1.4 ބިލިއަން ރުފިޔާ

މީރާ އަށް މިދިޔަ މަހުގެ އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ

12 އޮކްޓޯބަރ 2022

މީރާ އިން މިދިޔަ ސެޕްޓެމްބަތރު މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މީރާ އިން މިދިޔަ ސެޕްޓެމްބަތރު މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

އެ އޮތޯރިޓީން އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 29 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް، އެއީ އެ މަހަށް އަންދާޒާ ކުރި ވަރަށް ވުރެ 11 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާ އަށް ވަދެފައި ވަނީ 1.9 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

މައިގަނޑު ގޮތެއްގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އާމްދަނީ މިދިޔަ އަހަރަށް ވުރެ ދަށްވީ، ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުން ނެގޭ ކުއްޔާއި އިންކަމް ޓެކުހުން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް އެ އިދާރާ އިން ބުންޏެވެ.

އިންކަމް ޓެކްސް ދަށްވީ، މީރާ އިން ބުނިގޮތުގައި، މިދިޔަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ހުށަހެޅުމާއި ފައިސާ ދެއްކުމުގެ މުއްދަތު އެ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަސްކުރުމުންނެވެ. މި އަހަރު އެ މުއްދަތު ފަސްނުކޮށް، ޖުލައި މަހު ވަނީ ހަމަވެފަ އެވެ.

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި މިދިޔަ މަހު ދަށްވީ، މި އަހަރުގެ ހަތަަރު ވަނަ ކުއާޓަރުގައި ކުލި ދައްކަން ޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވުމުން މި މަހަށް އެ މުއްދަތު ފަސްކުރުމުންނެވެ.

މިދިޔަ މަހަށް އަންދާޒާކުރި އާމްދަނީ އަށް ވުރެ ލިބުނު އާމްދަނީ އިތުރުވީ، ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އާއި ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޓީޖީއެސްޓީ އަދި ޖީޖީއެސްޓީ ނެގުން ބޮޑުތަނުން އިތުރުވުމުން ކަމަށް މީރާ އިން ބުންޏެވެ.

ޓެކްސް އިދާރާ އިން ބުނިގޮތުގައި، މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. ޖުމްލަ އާމްދަނީގެ 45.6 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އެވެ.