Roadha Mihaaru
އިޓަލީގައި ވެސް މިލާން ބަލިކޮށް ޗެލްސީ އެއް ވަނައަށް

އިޓަލީގައި ވެސް މިލާން ބަލިކޮށް ޗެލްސީ އެއް ވަނައަށް

12 އޮކްޓޯބަރ 2022

މިލާން (އޮކްޓޫބަރު 12) - އެކަކު މަދުކޮށް ކުޅުނު އޭސީ މިލާން 2-0 އިން ބަލިކޮށް ޗެލްސީން ޗެމްޕިއަންސް ލީގު ގްރޫޕުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިލާން (އޮކްޓޫބަރު 12) - އެކަކު މަދުކޮށް ކުޅުނު އޭސީ މިލާން 2-0 އިން ބަލިކޮށް ޗެލްސީން ޗެމްޕިއަންސް ލީގު ގްރޫޕުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ޗެލްސީ އިން ވަނީ އަމިއްލަ ދަނޑުގައި ވެސް މިލާނާ ދެކޮޅަށް މިދިޔަ ހަފުތާގައި ކުޅުނު މެޗު ވެސް 3-0 އިން ކާމިޔާބުކޮށްފަ އެވެ.

މި ނަތީޖާއާ އެކު ޗެލްސީ އެއް ވަނައަށް އެރީ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.

ފުރަތަމަ މެޗުގައި ކޯޗު ތޯމަސް ޓުޗެލް އާއެކު ކްރޮއޭޝިއާގެ ޑިނަމޯ ޒެގްރެބް އަތުން ބަލިވީ އެވެ. އެއަށް ފަހު އާ ކޯޗު ގްރަހަމް ޕޮޓާގެ ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ ދެކޮޅަށް ވީ އެއްވަރެވެ. ނަމަވެސް މިލާނާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރީ އެވެ.

ޕޮޓާ އާއެކު ޗެލްސީ ވަނީ މިހާތަނަށް ފަސް މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗު އެއްވަރު ވި ނަމަވެސް، ފަހުން ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅު ވެފަ އެވެ.

ޗެލްސީ އިން ލީޑު ނެގީ މެޗުގެ 21 ވަނަ މިނިޓުގައި، ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ. މި ޕެނަލްޓީ ލިބުނީ، ކުރިން ޗެލްސީއަށް ކުޅުނު ޑިފެންޑަރު ފިކަޔޯ ޓޮމޯރީ، ޗެލްސީގައި ކުޑައިރުއްސުރެން އޭނާއާ އެކު ކުޅުނު މިޑްފީލްޑަރު މޭސަން މައުންޓަށް ކުރި ފައުލަކަށެވެ.

މި ފައުލާ ގުޅިގެން ޓޮމޯރީ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އަދި ހިނގާދިޔަ ދެބަސްވުންތަކުގައި މައުންޓްގެ އިތުރުރުން މިލާންގެ ފޯވާޑް އޮލިވިއޭ ޖިރޫ އަށް ވެސް ރީނދޫ ކާޑެއް ދެއްކި އެވެ.

ޖިރޫ ވަނީ ޓޮމޯރީ އާއި މައުންޓާ އެކު މީގެ ކުރިން ޗެލްސީ އަށް ކުޅެފަ އެވެ. ޗެލްސީ އިން ލީޑު ނެގި ފަހުން ޖިރޫ އަށް ނަތީޖާ އެއްވަރު ކުރަން ލިބުނު ފުރުސަތުގައި ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ 34 ވަނަ މިނިޓުގައި ޗެލްސީގެ ދެވަނަ ލަނޑު ޖެހީ ޕިއޭ އެމެރިކް އޮބާމެޔަންގް އެވެ. މިލާންގެ އެކަޑަމީ އިން ތަމްރީނު ވެގެން ސީނިއާ ކެރިއަރު ފެށި ނަމަވެސް އެ ޓީމަށް ރަސްމީ އެންމެ މެޗެއް ވެސް ކުޅުމުގެ ފުރުސަތު ނުލިބުނު އޮބާމެޔަންގް ވަނީ ޗެލްސީން ސްޓޭމްފޯޑް ބްރިޖުގައި މިލާން ބަލިކުރި މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު މިލާން އޮތީ ހަތަރު ޕޮއިންޓާ އެކު ގުރޫޕްގެ ތިންވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ޒެގްރެބަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ދެ ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދާފައިވާ ސަލްޒްބާގެވެ.

ސަލްޒްބާގުން ކްރޮއޭޝިއާގައި ޒެގްރެބާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.