Roadha Mihaaru
މިލާން ބަލިކޮށް ޗެލްސީ ކުރިއަށް ޖެހިލައިފި

މިލާން ބަލިކޮށް ޗެލްސީ ކުރިއަށް ޖެހިލައިފި

06 އޮކްޓޯބަރ 2022

ލަންޑަން (އޮކްޓޫބަރު 6) - އަމިއްލަ ދަނޑުގައި އިޓަލީގެ ޗެމްޕިއަން އޭސީ މިލާނާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްގެން، ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ، ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮކްޓޫބަރު 6) - އަމިއްލަ ދަނޑުގައި އިޓަލީގެ ޗެމްޕިއަން އޭސީ މިލާނާ ވާދަކޮށް 3-0 އިން މެޗު ކާމިޔާބު ކޮށްގެން، ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ، ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.

ޗެލްސީގެ މޭސަން މައުންޓް މެޗު ފަށައިގެން ވަރަށް ކުރީކޮޅު އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް މިލާނުގެ ގޯލު ބެލެހެއްޓި ރޮމޭނިއާގެ ސިޕްރިއަން ޓަޓަރޫސާނޫ ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގެ 22 ވަނަ މިނިޓުގައި ކޯނަރަކުން ހުރަސްވި ބޯޅައެއް ތިއާގޯ ސިލްވާ ބޮލުން ފޮނުވާލުމުން ވެސް އޭނާ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލި އެވެ. ލިބުނު ކޯނަރުގައި ބެން ޗިލްވެލް ހުރަސް ކޮށްލި ބޯޅަ އަނެއްކާވެސް ތިއާގޯ ސިލްވާ ފޮނުވާލުމުން ޓަޓަރޫސާނޫ ދިފާއު ކުރި އެވެ. ދިފާއު ކުރި ވަގުތު އޭނާ އަތުން ދޫވި ބޯޅަ މިލާނުގެ ޑިފެންޑަރުންނަށް ގޯލު ކުރިމަތިން ކްލިއާ ކޮށް ނުލެވުމުގެ ފައިދާ ނަގައި، 24 ވަނަ މިނިޓުގައި ލީޑު ނަގައިދިން ލަނޑު ޖަހައިދިނީ އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި ގެނައި ޑިފެންޑަރު ވެސްލީ ފޮފާނާ އެވެ.

ފޮފާނާ، އޭނާގެ ފުރަތަމަ ޗެމްޕިއަންސް ލީގު ގޯލާ އެކު ޗެލްސީ އަށް ލީޑޫ ނަގައިދެނީ.-- ފޮޓޯ: ޗެލްސީ

ފޮފާނާ، އޭނާގެ ފުރަތަމަ ޗެމްޕިއަންސް ލީގު ގޯލާ އެކު ޗެލްސީ އަށް ލީޑޫ ނަގައިދެނީ.-- ފޮޓޯ: ޗެލްސީ

ޗެލްސީ އިން ލީޑު ނެގިތާ 10 ވަރަކަށް މިނިޓު ފަހުން މައުންޓް އިތުރު ލަނޑެއް ޖަހައިދިން ނަމަވެސް އޭނާ އަށް ބޯޅަ ލިބުނު އިރު ހުރީ އޮފްސައިޑުގަ އެވެ. އަދި އޭގެ ފަހުން މިލާނުގެ ޕޯޗުގަލް ވިންގާ ރަފައެލް ލެއާއޯ ކުރި ފައުލަކާ ގުޅިގެން ފޮފާނާގެ ފަޔަށް އަނިޔާވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށް ފަހު ފޮފާނާ އަލުން ކުޅުމުގެ ތެރެއަށް އައީ ވެސް މި އަހަރު އެވެ. ފޮފާނާގެ އަނިޔާގެ ސީރިއަސްކަން ބެލުމަށް މިއަދު ސްކޭނެއް ހަދަން ވަނީ ހަމަޖެހިފަ އެވެ.

މި ހާފުގެ އިތުރު ވަގުތުގައި ލެއާއޯ ވަނީ ޗެލްސީގެ ހަތަރު ކުޅުންތެރިން ކައިރިން ދެމިގަނެ، ނަތީޖާ އެއްވަރު ކުރަން ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. ކުޅުންތެރިން ބީޓު ކޮށްލުމަށް ފަހު އޭނާ ޖައްސާލި ބޯޅަ، މި ސީޒަނުގައި ގެނައި ބެލްޖިއަމްގެ އުންމީދީ ކުޅުންތެރިޔާ ޗާލްސް ޑި ކެޓްލަރާ ފޮނުވާލުމުން ކީޕަރު ކެޕާ އަރިޒަބަލާގާ ދިފާއު ކުރި އެވެ. އަދި ކެޕާ އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅައިން ރާޑޭ ކްރޫނިޗް އަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.

ޗެލްސީގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އޮބާމެޔަންގް. މިއީ އޭނާ އިނގިރޭސި ކުލަބެއްގައި ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ފުރަތަމަ ފަހަރު. -- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އޮބާމެޔަންގް. މިއީ އޭނާ އިނގިރޭސި ކުލަބެއްގައި ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ފުރަތަމަ ފަހަރު. -- ފޮޓޯ: އޭއެފްޕީ

ޗެލްސީ އިން ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނިޓުގައި ޕިއޭ އެމެރިކް އޮބާމެޔަންގް ޖަހައިދިން ލަނޑުންނެވެ. ރީސް ޖޭމްސް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން ޑިފެންޑަރު ފިކަޔޯ ޓޮމޯރީ މަސައްކަތް ކުރި ނަމަވެސް ބޯޅައިގައި ލައްވާ ނުލުމުން، އޭނާގެ ފަހަތުގައި ހުރި އޮބާމެޔަންގް ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޮރޫޝިއާ ޑޯޓްމަންޑަށް ލަނޑު ޖަހައިދިން ފަހުން ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ލަނޑު ޖަހައިފަ އެވެ.

ލީޑު ފުޅާ ކުރިތާ ފަސް މިނިޓު ފަހުން ރަހީމް ސްޓާލިން އަރިމަތިން ހުސްކޮށްލާފައި ދިން ބޯޅައެއްގައި ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައިދިނީ ޖޭމްސް އެވެ.

ފުރަތަމަ ދެ މެޗުގައި މޮޅެއް ނުހޯދި ގުރޫޕުގެ ފުލުގައި އޮތުމަށް ފަހު، ރޭގައި ހޯދި މޮޅާ އެކު ޗެލްސީ ވަނީ ގުރޫޕުގެ ދެ ވަނައަށް ޖެހިލައިފަ އެވެ. ޗެލްސީ އާއި މިލާނަށް ވެސް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ހެޑް-ޓު-ހެޑް ނަތީޖާއިން ކުރި ލިބެނީ ރޭގެ މެޗު ކާމިޔާބު ކުރި ޗެލްސީ އަށެވެ.

ކޯޗު ޕޮޓާ، ރޭގެ މެޗުގައި. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ޗެލްސީ އަށް އިރުޝާދު ދިން ދެވަނަ މެޗުން ހޯދި ފުރަތަމަ މޮޅު، ފުރަތަމަ މެޗުން ވީ އެއްވަރު. ޗެލްސީ އާއެކު މިއީ ޕޮޓާ ޗެމްޕިއަންސް ލީގުގައި ކުރާ ފުރަތަމަ ތަޖުރިބާ. -- ފޮޓޯ: ޗެލްސީ

ކޯޗު ޕޮޓާ، ރޭގެ މެޗުގައި. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ޗެލްސީ އަށް އިރުޝާދު ދިން ދެވަނަ މެޗުން ހޯދި ފުރަތަމަ މޮޅު، ފުރަތަމަ މެޗުން ވީ އެއްވަރު. ޗެލްސީ އާއެކު މިއީ ޕޮޓާ ޗެމްޕިއަންސް ލީގުގައި ކުރާ ފުރަތަމަ ތަޖުރިބާ. -- ފޮޓޯ: ޗެލްސީ

މެޗަށް ފަހު ޗެލްސީގެ ކޯޗު ޕޮޓާ ބުނީ، އަންނަ ހަފްތާގައި ސެން ސީރޯ ގައި ކުޅޭ މެޗަށް ވަރަށް ބޮޑަށް ޝައުގުވެރި ވާކަމަށާއި، އެ މެޗަށް ތައްޔާރު ވުމަކީ ޗެލެންޖަކަށް ވާނެ ކަމަށެވެ.

"އަހަރެމެން އަންނަ ހަފްތާގައި ސެން ސީރޯ އަށް ދާން ކެތްމަދުވެފައި މި ތިބީ. އެ މެޗަށް ވަރަށް ވަރުގަދައަށް ތައްޔާރުވާން ޖެހޭނެ، އަދި އެކަން ވާނީ ވަރަށް ބޮޑު ޗެލެންޖަކަށް،" ޕޮޓާ ބުންޏެވެ.

މިލާންގެ ކޯޗު ސްޓެފާނޯ ޕޯލީ ބުނީ، ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ އެކު ވެސް، މި މެޗު ކުޅެން ޓީމުން ތިބީ ތައްޔާރަށް ކަމަށް ހީކުރެވުނު ކަމަށާއި، ނަމަވެސް މެޗުގައި މާ ގިނައިން ކުދިކުދި ގޯސްތައް ހެދިގެން ޗެލްސީ އަށް ފުރުސަތު ލިބުނީ ކަމަށެވެ.

"އަހަރެމެން ޔަގީނުން ވެސް އެއަށް ވުރެ ރަނގަޅަށް ކުޅެވެން ވާނެ. ފެށުން ގޯހެއް ނޫން، އެކަމަކު ކުޅުން ގޯސްވީ، އެއްވެސް ޕްރެޝަރެއް ނެތި ވެސް ގިނަ ބޯޅަތަކެއް ގެއްލެން ފެށުމުން. މި ފެންވަރުގެ ޓީމަކާ ދެކޮޅަށް އެހާ ގޯސްތައް ގިނަ ވީމައި އުނދަގޫ ވާނެ،" މެޗަށް ފަހު ޕޯލީ ބުންޏެވެ.

"މުޅި ސްކޮޑް ވެސް އޮތީ މާޔޫސް ވެފައި (ބަލި ވުމުން)، އެންމެ ރަނގަޅު ކުޅުން ނުދެއްކުމުން ރުޅި ވެސް އައިސްފައި ތިބީ، އެކަމަކު މިއީ އަހަރެމެންނަށް ކުރިމަގަށް ލިބޭ ހިތްވަރަކަށް ވާނެ."

ގުރޫޕްގެ އެއްވަނައިގައި އޮތީ ރޭ 1-0 އިން ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް ބަލިކޮށް، މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ފުރަތަމަ މޮޅު ހޯދި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގެވެ.

ސަލްޒްބާގުން މެޗުގައި ޖެހި ހަމައެކަނި ލަނޑު 71 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ސްވިޒަލެންޑްގެ ޒުވާން ފޯވާޑް ނޯއާ އޮކަފޯ، 22، އެވެ. އޭނާ ވަނީ ފުރަތަމަ ދެ މެޗުގައި މިލާނާއި ޗެލްސީ ކޮޅަށް ވެސް އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހައިފަ އެވެ.

ސަލްޒްބާގު އެއްވަނައިގައި އޭސީ މިލާނާއި ޗެލްސީއާ ވެސް އެއްވަރުކޮށް، މިހާތަނަށް ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާ އެކު އެވެ. ފުރަތަމަ މެޗުގައި ޗެލްސީ ބަލިކުރި ޒަގްރެބް އޮތީ ތިން ޕޮއިންޓާ އެކު ފުލުގަ އެވެ.