Roadha Mihaaru
ނެކްޓަންއިން ޗާޓަރުކުރި ބޯޓު ރާއްޖޭގައި ހިފަހައްޓައިފި

ނެކްޓަން މިޝަނަށް ޗާޓަރުކުރި ބޯޓުގެ ވެރިފަރާތުން ތެލުގެ ފައިސާ ނުދީގެން ރާއްޖޭގައި ހިފަހައްޓައިފި

10 އޮކްޓޯބަރ 2022

ރާއްޖޭގެ ކަނޑުގެ ދިރާސާކުރުމަށް "ނެކްޓަން މޯލްޑިވްސް މިޝަން" ގައި ބޭނުންކުރި މައި އުޅަނދު "އޮޑިސީ" އަށް ޑީސަލް ވިއްކި ހޯކްސް ކުންފުންޏަށް ބޯޓުގެ ވެރިފަރާތުން ފައިސާ ނުދީގެން ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ އެ އުޅަނދު ފުރުން މަނާކޮށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ކަނޑުގެ ދިރާސާކުރުމަށް "ނެކްޓަން މޯލްޑިވްސް މިޝަން" ގައި ބޭނުންކުރި މައި އުޅަނދު "އޮޑިސީ" އަށް ޑީސަލް ވިއްކި ހޯކްސް ކުންފުންޏަށް ބޯޓުގެ ވެރިފަރާތުން ފައިސާ ނުދީގެން ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ އެ އުޅަނދު ފުރުން މަނާކޮށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ކޯޓުން ވަގުތީ އަމުރެއް ނެރުނީ އެމެރިކާގެ ދި އޯޝަން ކޮންސަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން ފައުންޑޭޝަން (އޯސީއީއީއެފް) އަށް ހޯކްސް ކުންފުންނިން ވިއްކި 186،900 ޑޮލަރުގެ ޑީސަލަށްވާ ފައިސާ އޯސީއީއީއެފުން ދައްކާފައިނުވާތީ އެ ކުންފުނީގެ ރާއްޖޭގެ އެޖެންޓްގެ ހައިސިއްޔަތުން އަލްފާ + މައިކް ސާވިސަސްގެ މައްޗަށް އެ ފައިސާ އެއް ފަހަރާ ހޯދުމަށް އެދި އެތައް ފަހަރަކު ހުށަހަޅައިގެން ވެސް ފައިސާ ދައްކާފައިނުވާތީ އެވެ.

އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދޭން ހޯކްސް ކުންފުނިން އެދި ހުށަހެޅި މައްސަލާގައި ވަނީ އެ ކުންފުނިން 105،000 ލީޓަރުގެ ޑީސަލް ގަތުމަށް އޯސީއީއީއެފްގެ ފަރާތުން ސެޕްޓެމްބަރު ދެ ވަނަ ދުވަހު ހުށަހެޅުމުން ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު އެ އަދަދަށް ޑީސަލް ފޯރުކޮށްދިން ކަމަށް އޯސީއީއީއެފްގެ ޗީފް އިންޖީނިއަރު ސޮއި ވެސް ކޮށްފައިވާ ކަމަށެވެ.

އެހެންވެ އޭގެ އަގު ކަމަށްވާ 186،000 ޑޮލަރު 30 ސެޕްޓެމްބަރުގެ ކުރިން އެ ދެއްކުމަށް އަންގައި އިންވޮއިސް ފޮނުވި ނަމަވެސް އެ ފައިސާ ދެއްކުމަށް ދިން މުއްދަތު ހަމަވިއިރު ވެސް ފައިސާ ދައްކާފައިނުވާ ކަމަށާއި އެ ފައިސާ ދެއްކުމަށް އެތައް ފަހަރަކު އެންގުމުން ވެސް ފައިސާ ނުދޭ ކަމަށް އެ ކުންފުނިން ހުށަހެޅި މައްސަލައިގައިވެ އެވެ.

އެ ކުންފުނިން ފާހަގަކުރާ ކަމަކީ އޯސީއީއީއެފަކީ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ އޮންނަ އަދި ބޭރުގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏަކަށްވުމުން، ހޯކްސް އިން ފޯރުކޮށްދިން ހިދުމަތަށް ދައްކަންޖެހޭ ފައިސާ ހޯދޭނެ މަގު ގެއްލިފައިވާ ކަމަށެވެ. އެހެންވެ މިވަގުތު އެ ބޯޓު ރާއްޖޭގެ ބޯޑަރުގެ ތެރޭގައި އޮތުމުން، ފައިސާ ދައްކަންދެން ނުވަތަ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ބޯޓު އޮތް ހިސާބުގައި ހިފަހައްޓައިދޭން ވަނީ އެދިފަ އެވެ.

އެ ކުންފުނިން ދެން އެދިފައި ވަނީ ބޯޓުގެ ކެޕްޓަން ޑަމްކޮނޮކްސް ލަޑޮސްލާވްގެ ޕާސްޕޯޓް ހިފަހައްޓައިދޭށެވެ. އަދި އެ ފަރާތުގެ ލޯކަލް އެޖެންޓަކުން އެ އުޅަނދާއި އޯސީއީއީއެފްގެ ވިޔަފާރިއާ ގުޅިގެން އެއްވެސް މަސައްކަތެއް ކުރުން މަނާކޮށް، އެ އުޅަނދު ފުރައިގެން ދިއުމުގެ ހުއްދަ ނުދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އިމިގްރޭޝަނާއި އެމްއެމްޑީއެފްގެ މައްޗަށް އަމުރުކޮށްދިނުމަށް ހޯކްސް ކުންފުނިން އެދިފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ގާޒީ ފަރުހާދު ރަޝީދު ވަގުތީ އަމުރެއް ނެރެދެއްވީ އެ މައްސަލާގައި ފައުވާ ލިބޭ އޯސީއީއީއެފްއަކީ ރާއްޖެއިން ބޭރުގެ ކުންފުންޏަކަށްވެފައި ހޯދުމަށް އެދިފައިވާ ފައިސާއާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅި ދައުވާ ލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ޝަރީއަތުން ކަނޑައަޅައިފި ހާލަތެއްގައި، ފައިސާ ދައްކާނެކަމުގެ ސެކިއުރިޓީއެއް ރާއްޖޭގައި ނެތި ބޯޓު ފުރައިގެން ގޮސްފި ނަމަ، ދައުވާކުރާ ފަރާތަށް އިޔާދަނުކުރެވޭނެ ގެއްލުމެއް ކުރިމަތިވާނެ ކަމަށް ބުރަވެވޭތީ އެވެ.

އެހެންވެ، އެކަމުގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން އޯސީއީއީއެފްގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ އެ ބޯޓު ރާއްޖެއިން ފުރައިގެން ދާން އުޅެފިނަމަ، އެކަން ހުއްޓުވަން ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް އަންގައި ވަނީ އަމުރު ނެރެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި "ނެކްޓަން މޯލްޑިވްސް މިޝަން" ގެ ނަމުގައި ފެށި ދިރާސާ ނިންމާލާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ކަނޑުގެ އެ ދިރާސާގައި ބައިވެރިވުމަށް އޮޑިސީ ބޯޓު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފަ އެވެ.

"ފައިސާ ދެއްކުމަކީ ނެކްޓަންގެ ޒިންމާއެއް ނޫން"

ކޯޓު އަމުރާ ގުޅިގެން ނެކްޓަން އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓަށް އެޅި ތެލަށްވާ ފައިސާ ނުދެއްކި ލަސްވެފައިވާ ކަމަށާއި އެކަމަކު އެއީ ނެކްޓަން އިން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

"ނުދައްކާ ފައިސާގެ މައްސަލާގައި ކޯޓުން ނެރުނު އަމުރު ރައްދުވަނީ ނެކްޓަން އަކަށް ނޫނެވެ. އެއީ އުޅަނދުގެ ވެރިފަރާތް ކަމަށްވާ އޯޝަން ކޮންޒަވޭޝަން އެކްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން، އޯސީއީއީއެފް، އިން ޒިންމާވާން ޖެހޭ ފައިސާ އެވެ." އިނގިރޭސި ބަހުން ނެރުނު ބަޔާނުގައިވެ އެވެ.

ނެކްޓަން އިން ޗާޓަރުކުރި މުއްދަތު މި މަހު 7 ގައި ހަމަވެފައިވާ ކަމަށާއި އެ މުއްދަތަށްވާ ފައިސާ ދައްކާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.