Roadha Mihaaru
އައްޑޫގައި ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް ހަދަނީ

ދިރޭތަކެތި އެތެރެކުރުމަށް އައްޑޫގައި ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް ހަދާނެ ބަޔަކު ހޯދަނީ

06 އޮކްޓޯބަރ 2022

ބޭރު ގައުމުތަކުން ރާއްޖެއަށް ގެންނަ ގަސްގަހާގެއްސާއި ދިރޭތަކެތި އެތެރެކުރުމަށް، ސ. ގަމުގައި ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް ހަދާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބޭރު ގައުމުތަކުން ރާއްޖެއަށް ގެންނަ ގަސްގަހާގެއްސާއި ދިރޭތަކެތި އެތެރެކުރުމަށް، ސ. ގަމުގައި ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް ހަދާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޑިޒައިން ބިލްޑް އުސޫލުން ގަމުގައި ރީޖަނަލް ކަރަންޓީން ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.

އެ މަސައްކަތް އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އެ ޕްރޮޖެކްޓުގެ ބީލަމުގައި ބައިވެރިވުމަށް 300ރ. ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހު 19 ގައި ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 33,814.2ރ. ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 90 ދުވަހެވެ.

ކަރަންޓީން ފެސިލިޓީއެއް ނުހުންނާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް ގަސްގަހާގެއްސާއި ދިރޭތަކެތި މިހާރު އެތެރެއެއް ނުކުރެވެ އެވެ.

ގަމުގައި އެފަދަ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ފުރަތަމަ އިއުލާންކުރީ، އެ މައްސަލާގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރައްޔިތުންގެ މަޖިލީހަށް އެ މިނިސްޓްރީގެ އިސްވެރިން ހާރިޒުކުރުމުންނެވެ.