Roadha Mihaaru
ތެލުގެ ހިޔާނާތް: 28 މިލިއަން ރުފިޔާ ޑީސަލް ގެއްލުނު

އެމްޕީއެލް ތެލުގެ ހިޔާނާތް: 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވޭ

06 އޮކްޓޯބަރ 2022

އެމްޕީއެލަށް އެފްއެސްއެމްއިން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ ކަމަށް އޮޑިޓު އޮފީހުން ހެދި އޮޑިޓުން ހާމަވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޕީއެލަށް އެފްއެސްއެމްއިން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ ކަމަށް އޮޑިޓު އޮފީހުން ހެދި އޮޑިޓުން ހާމަވެއްޖެ އެވެ.

އެ ކުންފުންޏަށް ބޭނުންވާ ތެޔޮ ހޯދަން 2018-2020 ވަނަ އަހަރާ ދެމެދު ހިންގި މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހެދުމަށްފަހު، އޮޑިޓް އޮފީހުން މިއަދު ނެރުނު ރިޕޯޓުގައި ވަނީ، އެތައް މިލިއަން ލީޓަރުގެ ތެޔޮ ގެއްލުމުގައި އެމްޕީއެލާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ބައިވެރިވެފައިވާ ކަމަށެވެ. މި ހިޔާނާތް ފަޅާއަރައި މައްސަލަ ބަލައި މުވައްޒަފުންތަކެއް މިދިޔަ އަހަރު ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނި ގޮތުގައި ގެއްލިފައި ވަނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރި ކަމަށް ރިކޯޑުކޮށްފައިވާ 9.6 މިލިއަން ރުފިޔާގެ ޑީސަލާއި ޓަގު ބޯޓުތައް އޮޕަރޭޓްކުރުމަށް ދޫކުރި ކަމަށް ރިކޯޑުކޮށްފައިވާ 18.5 މިލިއަން ރުފިޔާގެ ޑީސަލް އަދި އާރުޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރިކަމަށް ރިކޯޑުކޮށްފައިވާ 127،616ރ. ގެ ތެލެވެ.

ގެއްލުނު ޑީސަލްތަކުގެ ތެރޭގައި ޓަގު ބޯޓުތަކަށް އަޅަން ހުޅުމާލެ ޖެޓީ ސަރަހައްދަށް އެފްއެސްއެމްގެ ބައިޒަރުތަކުން ސަޕްލައިކޮށްފައިވާ 799،900 ލީޓަރު ނުވަތަ 7.2 މިލިއަން ރުފިޔާގެ ޑީސަލް ހިމެނެ އެވެ. އޭގެ އިތުރުން، ޓަގު ބޯޓުތަކަށް ހުޅުމާލެ ޖެޓީ ސަރަހައްދުން ތެޔޮ ނާޅާކަމަށް ޓަގު ބޯޓުތަކުގެ ކެޕްޓަނުން ބުނެފައިވާއިރު، އަދި ޓަގު އޮޕަރޭޝަންގައި ބޭނުންކޮށްފައިނުވާ މުއްދަތުގައި ވެސް އެ ޓަގު ބޯޓަށް ހުޅުމާލެ ޖެޓީ ސަރަހައްދުން ތެޔޮ ދޫކޮށްފައިވާކަމަށް އެފްއެސްއެމްގެ ޑެލިވަރީ ނޯޓުތަކުގައި ރިކޯޑު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނީ އެމްޕީއެލްގެ އެކިއެކި ޔުނިޓުތަކަށް ބޭނުންވާ ޑީސަލް ހޯދުމަށް 2018 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު، 2020 އާ ހަމައަށް އެ ޔުނިޓުތަކުން އެމްޕީއެލްގެ ޕްރޮކިއުމަންޓް ސްޓޯރަށް ފޮނުވާ ރިކުއެސްޓް ފޯމުތަކުން ކޮޕީ ފޯމުތަކެއް ހަދައި ސޮއި ފޯޖުކޮށްފައިވާ ކަމަށެވެ. ތާރީހު ބަދަލުކުރުމަށްފަހު ތައްޔާރުކޮށްފައިވާ 13.42 މިލިއަން ރުފިޔާގެ ތެޔޮ ހިމެނޭ ފޯޖުކޮށްފައިވާ ފޯމުތަކާއި އަދި އެމްޕީއެލްގެ އެކިއެކި ޔުނިޓުތަކުން ތެޔޮ ހޯދުމަށް އެޑްވާންސްކޮށް ފޮނުވާ ފޯމުތަކުގެ ތެރެއިން ބައެއް މި ހިޔާނާތް ހިންގުމަށް ބޭނުންކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

"އެމްޕީއެލްއިން ގަންނަ ތެލުގެ ތެރެއިން ދުވަހުން ދުވަހަށް ޖަނަރޭޓަރުތަކަށާއި އުޅަނދުތަކަށް ދޫކުރެވޭ ތެލާއި ތެޔޮ ދޫކުރެވުނު ތަންތަނާއި އުޅަނދުތަކާ ގުޅޭ މައުލޫމާތު އެކައުންޓިން ސިސްޓަމަށް ވައްދަނީ ރިކުއެސްޓް ފޯމުތަކުގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، ރިކުއެސްޓް ފޯމުތައް ފޯޖުކޮށް، އެ ފޯމުތަކުގައި ހުންނަ ސައްހަ ނޫން މައުލޫމާތު އެކައުންޓިން ސިސްޓަމުގައި ރިކޯޑުކުރަމުން ގޮސްފައިވަނީ އޮޅުވާލުމުގެ ގޮތުން އެމްޕީއެލްއިން ގަންނަ ހުރިހާ ތެލެއް އެމްޕީއެލްގެ ބޭނުމަށް ދޫކޮށްފައިވާކަން ދެއްކުމަށާއި އަދި ތަކުރާރުކޮށް އެމްޕީއެލްއަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ޑީސަލް ގަނެ، އޭގެ ތެރެއިން ބައެއް ނާޖާއިޒު ގޮތުގައި އެހެން ފަރާތްތަކަށް ސަޕްލައިކުރުމަށް މަގުފަހިކުރުމުގެ ގޮތުންކަން،" ރިޕޯޓުގައިވެ އެވެ.

އެމްޕީއެލްއަށް ދުވަހުން ދުވަހަށް ބޭނުންވާ ތެޔޮ ގަތުމަށް އެ ކުންފުނިން އެފްއެސްއެމްއަށް ފޮނުވާ ބަލްކް ޕާޗޭސް އޯޑަރު، ލިޔެކިޔުމުން އެންގުމުގެ ބަދަލުގައި އެކަން ކޮށްފައިވަނީ ފޯނުގެ ޒަރިއްޔާއިންނެވެ. އޭގެ ސަބަބުން، އެމްޕީއެލްގެ އުޅަނދުތަކަށް އެޅުމަށް ޑީސަލް ފޮނުވަންޖެހޭ ތަންތަން ނޫން އެހެން ތަންތަނަށް ޑީސަލް ފޮނުވުމަށް ފުރުސަތު ފަހިވެ، އިންޓާނަލް ކޮންޓްރޯލްސް ވީކްނެސްގެ ސަބަބުން ވެސް ތެލުގެ ހިޔާނާތް ހިންގުމަށް މަގުފަހިވާ ކަމަށް ބުންޏެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވި ބައެއް ކަންތައްތައް

- ކޮވިޑުގެ ސަބަބުން ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް މިދިޔަ އަހަރަށްވުރެ 2020 ވަނަ އަހަރު މަދުވި ނަމަވެސް، ގަނެފައިވާ ޑީސަލްގެ އަދަދު މިދިޔަ އަހަރަށްވުރެ 2020 ވަނަ އަހަރު 59 ޕަސެންޓް އިތުރު

- ތެލުގެ އަދަދު 2021 ވަނަ އަހަރު މަދުކޮށްފައިވަނީ 2020 ގެ ފަހުކޮޅުން ފެށިގެން އިންޓާނަލް ކޮންޓްރޯލްސް ހަރުދަނާކުރަން ފިޔަވަޅުތަކެއް އެޅުމުންކަމަށްވާތީ

- އެމްޕީއެލްއަށް ގަންނަ ތެލުގެ ތެރެއިން ޖަނަރޭޓަރުތައް ހިންގުމަށް ތެޔޮ ބޭނުންކުރެވޭ ގޮތް ބެލުމަށް 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ އިންޓާނަލް އޮޑިޓުން އެމްޕީއެލްއަށް ގަންނަ ތެލުގެ ތެރެއިން ބައެއް ގެއްލިގެންދާކަން ފާހަގަކުރި. އެކަމަކު ތެލުގެ ބަޖެޓު ތައްޔާރުކުރުމާއި އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެލުގެ ހަގީގީ އަދަދު ބެލުމަށް ވަކިވަކި ޔުނިޓުތަކުން މައުލޫމާތު ހޯދައި އެ މައުލޫމާތުތަކަށް ރިއާޔަތްކޮށް އަހަރުން އަހަރަށް ބޭނުންވާ ތެލުގެ އަދަދު ކަނޑައަޅަން މަސައްކަތް ކޮށްފައިނުވޭ

- ހުޅުމާލެ ޖެޓީ ސަރަހައްދަށް އެފްއެސްއެމް އިން ސަޕްލައިކުރި ޑީސަލްއާ ހަވާލުވި ކަމަށް އެމްޕީއެލްގެ ޕްރޮކިއުމަންޓް ސްޓޯރުގެ އެސިސްޓެންޓް މެނޭޖަރު ޑެލިވަރީ ނޯޓުތަކުގައި ސޮއިކޮށްފައިވަނީ ޓަގު ބޯޓުތަކަށް އަޅާފައިނުވާ ޑީސަލް، ޓަގު ބޯޓުތަކަށް އަޅާފައިވާކަން ދައްކަން.

- ހުޅުމާލެ ޖެޓީ ސަރަހައްދުން އެމްޕީއެލްގެ ޓަގު ބޯޓުތަކަށް ޑީސަލް އެޅި ނަމަވެސް އެފްއެސްއެމްގެ ބައުޒަރުތަކުން ހުޅުމާލެ ޖެޓީ ސަރަހައްދުން އެމްޕީއެލްގެ ޓަގު ބޯޓުތަކަށް ޑީސަލް ދޫކޮށްފައިވާ ކަމަށް އެފްއެސްއެމްގެ ޑްރައިވަރުން ޑެލިވަރީ ނޯޓުގައި ލިޔެ ސޮއިކޮށްފައިވޭ

ރިޕޯޓުގައި ބުނީ އެ މުއާމަލާތްތައް އެގޮތަށް ހިނގާފައި އޮތުމުން އެކަމުގައި އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ބައިވެރިވުން އޮތްކަމަށް ބެލެވޭ ކަމަށެވެ.

އެމްޕީއެލްއިން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ކުންފުނީގެ ސީއީއޯ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޕީއެލްއިން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ކުންފުނީގެ ސީއީއޯ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެހެންވެ، އެކަން އިތުރަށް ހަރުދަނާކޮށް، ނުވަ ކަމެއް އިސްލާހުކުރަން އޮޑިޓު އޮފީހުން ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި؛

- މި ހިނާޔަތް ހިންގުމުގައި ބައިވެރިވި މީހުން ހޯދައި ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލަ ތަހުގީގުކުރަން އޭސީސީ އާއި ޕޮލިހަށް ހުށަހަޅަން ލަފާދިނުން

- އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު، މި ކަމުގައި ބައިވެރިވި މީހުންގެ އަތުން ހޯދަން ލަފާދިނުން

- ޖަނަރޭޓަރުތައް ހިންގުމަށާއި އުޅަނދުތައް ދުއްވަން ބޭނުންކޮށްފައިވާ ތެލުގެ އަދަދު ބެލުމަށް އެކި ފިއުލް ކޮންސަމްޕްޝަން ރިޕޯޓުތައް ހޯދައި، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ތެލުގެ ބަޖެޓު ތައްޔާރުކުރުމުގައި އެ ރިޕޯޓުތަކަށް ރިއާޔަތްކުރުން

- އެމްޕީއެލްގެ އޮޕަރޭޝަންތަކުގެ ބޭނުމެއް ހޯދާ ތެލުގެ ތެރެއިން ތެޔޮ ރައްކާކުރާ ޓެންކްތަކާއި ޓަގު ބޯޓުތަކުގެ ފިއުލް ޓޭންކުތަކަށް އަޅާ ތެލުގެ އަދަދު ދެނެގަނެވޭނެ ފަދަ މީޓަރުތައް އެ ޓޭންކުތަކުގައި ހަރުކޮށް މީޓަރުތަކުގެ ރިކޯޑު ބެލެހެއްޓުން

- ޑީސަލް ގަންނަން އެމްޕީއެލްއިން އެފްއެސްއެމަށް ފޮނުވާ ޕާޗޭސް އޯޑަރުތަކުގައި ތެޔޮ ފޮނުވަންވީ ތަނާއި އަދަދަށް އެއްވެސް ބަދަލެއް ގެންނަންޏާ އެ ބަދަލު ގެންނަން ބޭނުންވާ މީހާއި އެކަމަށް ހުއްދަ ދިން މީހާ އިނގޭނެ ލިޔުން ތައްޔާރުކޮށްފައި ބެލެހެއްޓުން

އެމްޕީއެލްއިން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެ މައްސަލައިގައި ބައިވެރިވި މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަށް ޝާހިދު އޭރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ޕާޗޭސް އޯޑަރު އިޝޫ ކުރުމުގައި ބަދަލު ގެނައުމާއި ޕާޗޭސް އޯޑަރު ރިޕީޓްކޮށް، މުދާ ޑެލިވަރީ ނުކުރެވޭނެ ގޮތް ހިމެނެ އެވެ.