Roadha Mihaaru
ޑޯޓްމަންޑް މެޗަށް ފަހު ސެވިއްޔާއިން ލޮޕެޓެގީ ވަކިކޮށްފި

ޑޯޓްމަންޑް އަތުން ބަލިވުމުން ސެވިއްޔާއިން ލޮޕެޓެގީ ވަކިކޮށްފި

06 އޮކްޓޯބަރ 2022

ޑޯޓްމަންޑް (ސެޕްޓެމްބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން ސެވިއްޔާ ބަލިވި މެޗަށް ފަހު، އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ މަގާމުން ވަކިކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޑޯޓްމަންޑް (ސެޕްޓެމްބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން ސެވިއްޔާ ބަލިވި މެޗަށް ފަހު، އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ މަގާމުން ވަކިކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ ދެކޮޅަށް ސެވިއްޔާއިން ކުޅުނު މެޗުން ބަލިވީ 4-1 ންނެވެ. ލޮޕެޓެގީ މަގާމުން ވަކި ކުރުން ގުޅިފައި އޮތީ ހަމައެކަނީ އެ މެޗުގެ ނަތީޖާ އަކާ ނޫނެވެ. މިސީޒަންގައި އެ ޓީމުގެ ނަތީޖާތައް ދަށެވެ.

ލަ ލީގާގައި އެ ޓީމުން ކުޅުނު ހަތް މެޗުގައި އެ ޓީމަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ޓީމު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ.

ކުރިން ރެއާލް މެޑްރިޑަށް ވެސް ކުޅުނު ލޮޕެޓެގީ ހޯދުމަށް، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ވުލްވާ ހެމްޓަން ވޮންޑަސްއިން ކުރިން ޝައުގުވެރިކަން ފާޅު ކުރި އެވެ. ސެވިއްޔާގެ ކޯޗު ކަމާ ހަވާލު ވާނެ ކަމަށް ބެލެވެނީ، މީގެ ކުރިން ވެސް އެ ޓީމަށް ކޯޗުކޮށްދިން އާޖެންޓީނާގެ ހޯޖޭ ސަމްޕައޮލީ އެވެ.

ލޮޕެޓެގީގެ ކޯޗު ކަމުގެ ދަށުން 2020 ގެ ޔޫރޮޕާ ލީގުގެ ތަށި އެ ޓީމަށް ހޯދައިދިނެވެ. އަދި އޭނާގެ ކޯޗު ކަމުގެ ދަށުން ތިން ސީޒަންގައި ވެސް އެ ޓީމު ވަނީ ލަލީގާގެ ގަދަ ހަތަރެއްގެ ތެރޭގައި ނިންމައިފަ އެވެ.

ރޭ ކުޅުނު މެޗުގައި ޑޯޓްމަންޑްގެ ލަނޑުތައް ޖެހީ ރަފޭލް ގުއަރޭރޭ އާއި ޖޫޑެ ބެލިންހަމް އާއި ކަރީމް އަޑެޔޭމީ އަދި ޖޫލިއަން ބްރެންޑުޓް އެވެ. ސެވިއްޔާގެ ލަނޑު ޖެހީ ޔޫސުފް އެން ނަސޭރީ އެވެ.