Roadha Mihaaru
ފޯޑަންގެ ލަނޑާއެކު ސިޓީ ސެމީ އަށް

ފޯޑަންގެ ލަނޑާއެކު ސިޓީ ސެމީ އަށް

15 އެޕްރީލް 2021

ޒުވާން މިޑްފީލްޑަރު ފިލް ފޯޑަން ޖެހި ލަނޑާއެކު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 2-1 އިން ރަށުން ބޭރުގައި މޮޅުވެ، 4-2ގެ އެގްރިގޭޓަކާއެކު މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޒުވާން މިޑްފީލްޑަރު ފިލް ފޯޑަން ޖެހި ލަނޑާއެކު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 2-1 އިން ރަށުން ބޭރުގައި މޮޅުވެ، 4-2ގެ އެގްރިގޭޓަކާއެކު މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 2-1 އިން މޮޅުވެފައި އޮތް ސިޓީ އަށް ފުރަތަމަ ހާފުގައި ނުތަނަވަސްކަމެއް ކުރިމަތިވީ، މެޗުގެ 15 ވަނަ މިނިޓުގައި ޖޫޑް ބެލިންގްހަމް ޖެހި ލަނޑާއެކު ޑޯޓްމަންޑުން ކުރި ހޯދުމުންނެވެ.

އެކަމަކު ސިޓީން ހަމަލާތައް ވަރުގަދަކޮށް، ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ 55 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ރިޔާދު މަހްރޭޒް ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ.

މެޗުގެ 75 ވަނަ މިނިޓުގައި ސިޓީ މޮޅުވި ލަނޑު ޖަހައިދިނީ ފޯޑަންނެވެ. މި ދެ ޓީމު ސިޓީގައި ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގައި ވެސް، ސިޓީ މޮޅުވި ލަނޑު ޖެހީ ފޯޑަންނެވެ.

ސެމީ ފައިނަލްގައި ސިޓީއާ ދެކޮޅަށް ނުކުންނާނީ ޕީއެސްޖީ އެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ސެމީން ސިޓީ ޖާގަ ހޯދި ދެވަނަ ފަހަރެވެ. އެކަަމަކު މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން އެ ޓީމު ޗެމްޕިއަންސް ލީގުގެ ސެމީން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

"މި ކްލަބުގެ ޗެއާމަނާއި މެނޭޖްމަންޓް އަދި ސަޕޯޓަރުންނަށްޓަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް މި ލިބުނީ. އެކަމަށްޓަކައި އަހަރެން މި ހުރީ ވަރަށް އުފަލުން،" މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ. "މެޗުގެ ފުރަތަމަ 10 މިނިޓު ފިޔަވައި، މުޅި މެޗުގައި ވެސް ސިޓީގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނު."