Roadha Mihaaru
އުމުރުން 109 އަހަރު، އަދިވެސް މުރާލި ވިސްނުމުގައި

ރާއްޖޭގެ އެންމެ ދުވަސްވީ މީހާ، އަދިވެސް މުރާލި ވިސްނުމުގައި

05 އޮކްޓޯބަރ 2022

ހަނދާން ބަލިވެއްޖެ އެވެ. ގާތްތިމާގެ މީހުން ވެސް ވަކިކުރާކަށް މާ ރަނގަޅަަކަށް ނޭނގެ އެވެ. ކަންފަތް ކައިރީގައި ބާރު އަޑުން މިއީ މިވެނި ގެއެއްގެ މީހެކޭ ބުންޏަސް މާބޮޑު ސަމާލުކަމެއް ނުދެވެ އެވެ. ދެތިން ޖުމްލައެއް އެއްފަހަރާ ބުނެލުން ފިޔަވައި މާގިނަ ވާހަކަ ދެއްކުމުގެ ހިތްވަރެއް ނުހުރެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހަނދާން ބަލިވެއްޖެ އެވެ. ގާތްތިމާގެ މީހުން ވެސް ވަކިކުރާކަށް މާ ރަނގަޅަަކަށް ނޭނގެ އެވެ. ކަންފަތް ކައިރީގައި ބާރު އަޑުން މިއީ މިވެނި ގެއެއްގެ މީހެކޭ ބުންޏަސް މާބޮޑު ސަމާލުކަމެއް ނުދެވެ އެވެ. ދެތިން ޖުމްލައެއް އެއްފަހަރާ ބުނެލުން ފިޔަވައި މާގިނަ ވާހަކަ ދެއްކުމުގެ ހިތްވަރެއް ނުހުރެ އެވެ.

އުމުރުން 109 އަހަރު ފުރި، މުސްކުޅި ބަލީގައި އުޅެން ޖެހިފައިވިޔަސް ސ. ހިތަދޫ، މަންޒަރު، އަލީ ހުސެއިނަށް ދޫނުކޮށްލެވެނީ އޭނާގެ މުރާލި ކަމެވެ. ކޮންމެ ދުވަހަކު ވެސް މަސައްކަތެއް ކޮށްލަން ބޭނުންވެ އެވެ. ގޭގެ ވަލުތެރެއަށް ވަދެ ގަސްތަކުން ވެއްޓިފައި ހުންނަ ފަތްތައް ހޮވަން ވިޔަސް އެއީ އޭނާ އަށް ލިބޭ ހިތްހަމަޖެހުމެކެވެ.

އެ އުމުރުގައި، ސިއްހީ ގޮތުން ބަލާ ނަމަ ވެސް ހެލިފެލިވެ އުޅުން އެއީ ރަނގަޅު ކަމެކެވެ. އޭނާގެ އަމަލުތައް ހުރީ އެ ދުޅަހެޔޮކަމާ ދިމާލުގަ އެވެ.

އަލީ ހުސެއިން ދަރިއަކާ އެކު ނަގާފައިވާ ފޮޓޯއެއް: އަދިވެސް އޭނާގެ ކިބައިން ފެންނަނީ ޒުވާން އިރުގެ މުރާލިކަން ކަމަށް އާއިލާ އިން ބުނޭ.

އަލީ ހުސެއިން ދަރިއަކާ އެކު ނަގާފައިވާ ފޮޓޯއެއް: އަދިވެސް އޭނާގެ ކިބައިން ފެންނަނީ ޒުވާން އިރުގެ މުރާލިކަން ކަމަށް އާއިލާ އިން ބުނޭ.

"ޒުވާން ދުވަސްވަރު ވަރަށް މަސައްކަތްކުރި. އެންމެ ވަގުތެއް ވެސް ކަމެއް ނެތިފައި ހުންނާކަށް ބޭނުމެއް ނުވާނެ. އާއިލާ ބިނާކުރަން، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ވަރަށް ބޮޑެތި ގުރުބާނީތަކެއްވި،" އަލީ ހުސެއިންގެ ހަތަރު ވަނަ ދަރިފުޅު، މުހައްމަދު އަލީ ބުންޏެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ އުމުރުން ދުވަސްވީ އަލީ ހުސެއިންގެ ނުވަ ކުދިން ދުނިޔޭގައި އެބަތިއްބެވެ. ފުރަތަމަ ކައިވެނި މަތީގައި ދެމިހުރިއިރު، އަންހެނުން ބޮޑު ބައްޔެއްގައި އެނދުމަތިވެފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު އެ ލޯތްބަށް އަދިވެސް ބަދަލެއް ނާދެ އެވެ.

ބަލި މަންމަގެ ހުރިހާ ކަމެއް، ކޮންމެ ދުވަހަކު ކޮށްދެމުން އަންނަނީ ހަ އަންހެން ދަރިންނެވެ.

ކާފަ ކުދިންގެ އަދަދު 50 އަށް ވުރެ ގިނަވާނެ އެވެ. މުނިކާފަ ކުދިން ވެސް އެހާ ގިނަ އެވެ.

"ހަގީގަތުގައި ދަރިން ވަރަށް ރަނގަޅު. ފިރިހެން ކުދިންގެ އެހީގައި މަންމަ ތެދުކޮށްދިނީމަ އަންހެން ދަރިން ފެންވަރުވައި ހުރިހާ ކަމެއް ގަވައިދުން ކޮށްދެނީ. މިއީ ވަރަށް އުފާވެރި މަންޒަރެއް އާއިލާގެ ތެރެއިން ފެންނަ،" މުހައްމަދު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އުމުރުން ދުވަސްވެ ދަރިންގެ އަޅާލުން ބޭނުންވި ދުވަހު މަންމަ އާއި ބައްޕަ ބެލުމަކީ ވަކި މީިހެއްގެ ޒިންމާއެއްގެ ގޮތުގައި އެއްވެސް ދަރިއަކު ނުދެކެ އެވެ. މައިންބަފައިން ބަލަން ޖެހިގެން އުފެދޭ ހިޔާލުތަފާތުވުމާއި އަރައިރުންވުމެއް ވެސް އެ އާއިލާގެ ތެރެއަކު ނޯންނަ ކަމަށް އޭނާ ކިޔައިދިނެވެ.

އެ އާއިލާގެ ބަދަހި ގުޅުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އަލީ ހުސެއިނާއި އޭނާގެ އަންހެނުންނަށެވެ. ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކުރުމުގެ ޒިންމާ ކޮނޑަށް ލައިގެން ކޮންމެ ދުވަހަކު އެތައް ބުރައެއް އުފުލި އެވެ.

"ނަމާދުކުރަން، އަބަދުވެސް ހަނދާންކޮށްދީ ނަސޭހަތްދޭނެ، ބައްޕަގެ ދަރިން ރަނގަޅު ގޮތުގައި ދިރިއުޅުން ނޫން ކަމެއް ބޭނުމެއް ނުވޭ،" މުހައްމަދު ބުންޏެވެ.

އަމިއްލަ މަސައްކަތުން އަލީ ހުސެއިން ވަނީ ދަރިންނަށްޓަކައި ތިން ގެ އަޅައިފަ އެވެ. ފުރަތަމަ ވަރަށް އާދައިގެ ގެއެކެވެ. ކުދިން ނިންދެވީ ހިޔާކޮށް، ހޯލެއްހެން ހުރި ތަނެއްގަ އެވެ. ފަހުން އަނެއްކާވެސް އެއަށް ވުރެން ފެންވަރު ރަނގަޅުކުރުމަށް ފަހު ތިން ވަނަ ގެއެއް ވެސް ދަރިންނަށްޓަކައި އިމާރާތްކުރި އެވެ.

އައްޑޫގައި އިނގިރޭސިން ތިބި އިރު އަލީ ހުސެއިން ފުރަތަމަ ވަޒީފާ އަދާކުރީ ލޭބަރެއްގެ ގޮތުގައި އެ މީހުންނަށެވެ. ގެއިން އަބޫހެރާ އަށް ހަ ކިލޯ މީޓަރު ހިނގަން ޖެހެ އެވެ. މެންދުރެއްހާ އިރު ގެއަށް އައިސްފައި އަނެއްކާވެސް ދުވަސް ނިމެނީ ހިނގާފައި އެ ސަރަަހައްދަށް ގޮސް މަސައްކަތުގައި އުޅެނިކޮށެވެ.

އާމްދަނީ ހޯދަން ފަހުން ކުރަމުން އައީ، ރާވެރިކަމެވެ. ރުކުން ރާބާލައި ވިއްކުމެވެ.

އަލީ ހުސެއިން ދަރިންނަށް ދަސްކޮށްދިން އެންމެ މުހިއްމު ފިލާވަޅަކީ، ދެ އަތް އުރާލައިގެން ނުތިބެ ހަލާލު ގޮތުުގައި އާމްދަނީ ހޯދަން ޖެހޭ ކަމެވެ. ރަނގަޅު ދިރިއުޅުމެއްގެ މިސްރާބު އޮތީ އަމިއްލަ މަސައްކަތުން ކަމެވެ.

އޭނާގެ އެންމެ ދުރު ހަނދާންތަކަށް ދަރިންނަށް ކިޔައިދީފައި އޮތީ އައްޑޫގައި އިނގިރޭސިންގެ ދުވަސްވަރު ހިނގި ކަންކަމެވެ. އެ ވާހަކަތަކުން ފެންނާން އޮތީ، އަލީ ހުސެއިންގެ ވަރުގަދަ އަޒުމާއި ހީވާގި ކަމާއި މުރާލި ކަމެވެ.

"އެ ދުވަސްވަރަށް ބަލާ ނަމަ ވެސް ދަރިންނަށްޓަކައި އެއީ ވަރަށް ބޮޑު ގުރުބާނީއެއް. މީހުންނަށް ވެސް އެހާ ހެޔޮވާނެ، ގުޅުން ބާއްވާނެ،" މުހައްމަދު ކިޔައިދިނެވެ.

އެ ހުރިހާ ކަމެއްގެ ހަނދާން ބަލިވެފައި ވިޔަސް ބައްޕަ ދުނިޔޭގައި ހުރުމަކީ އެ އާއިލާގެ ވަރަށް ބޮޑު އުފަލެކެވެ.

"ދަރިންނާއި މާމަ ދަރިން، މުނިމާމަ ދަރިން ވެސް ނަމޫނާއެއް ބައްޕަގެ ދިރިއުޅުމަކީ."