Roadha Mihaaru
ޕާކިސްތާނަށް އެހީވާން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ

ޕާކިސްތާނަށް އެހީވާން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ

01 އޮކްޓޯބަރ 2022

ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ރާއްޖޭގައި މިއަދު ފަށާފައިވާ ޓެލެތޯނަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ރާއްޖޭގައި މިއަދު ފަށާފައިވާ ޓެލެތޯނަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ލިބިއްޖެ އެވެ.

"ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" އިން އިސްނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ އެ ހަރަކާތާ ގުޅޭގޮތުން އެ ޖަމިއްޔާގެ ނައިބު ރައީސް ހަމްދޫން ރަޝީދު ވިދާޅުވީ، ހެނދުނު 8:00 ގައި ފެށި ޓެލެތޯނާއެކު، ޕާކިސްތާނަށް އެހީވާން ހުޅުވާފައިވާ އެކައުންޓަށް އެކަނި ވެސް 1.26 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ޕާކިސްތާނަށް އެހީވުމަށް އިސްދޫގައި ކުރިއަށްގެންދާ ހަރަކާތުގައި، ކުއްޖަކު ފޮޓޯއަކަށް ހުއްޓިލައިގެން.-

ޕާކިސްތާނަށް އެހީވުމަށް އިސްދޫގައި ކުރިއަށްގެންދާ ހަރަކާތުގައި، ކުއްޖަކު ފޮޓޯއަކަށް ހުއްޓިލައިގެން.-

ރާއްޖޭގެ އެކި ރަށްރަށާއި މާލޭގެ ހަތް ސަރަހައްދެއްގައި ބަހައްޓާފައިވާ ފަންޑު ފޮއްޓާއި ދިރާގު ޕޭ އަދި އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވެސް ގިނަ ބަޔަކު އެހީތެރިކަން ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެލެތޯން އޮންނާނީ މިރޭގެ 12 ޖަހަންދެންނެވެ. އޭގެ ކުރިން، ފަންޑު ފޮށިތަކަށް ލިބުނު ފައިސާގެ އަދަދު އިއުލާނުކުރާނެ ކަމަށް ހަމްދޫން ވިދާޅުވި އެވެ.

"ވިޔަފާރިތަކާއި އަމިއްލަ ފަރުދުން، ހާއްސަކޮށް ކުޑަކުދިން ވެސް މި ކަމުގައި ބައިވެރިވެ، އެހީތެރިކަން ދެމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ވަނީ ރާއްޖެ އާއި ޕާކިސްތާނުގެ ކާ އެއްޗެހި ވިއްކުމުގެ އިތުރުން ކަލްޗަރަލް ޝޯއެއް ބާއްވައިގެން ވެސް ފައިސާ ހޯދަން ނިންމައިފަ އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް މެދުވެރިގެން 1،500 އެއްހާ މީހުން މިހާތަނަށް މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.