Roadha Mihaaru
"ގާނޫނީ ޒިނޭ" އޮންނަ މާއްދާއިން ދައުވާކުރެވޭނެ

"ގާނޫނީ ޒިނޭ" އޮންނަ މާއްދާގެ ދަށުން ދައުވާކުރަން ހުރަހެއް ނެތް: ހައި ކޯޓް

29 ސެޕްޓެމްބަރ 2022

"ގާނޫނީ ޒިނޭ" އޮންނަ ގާނޫނުލް އުގޫބާތުގެ ދަށުން އެފަދަ ދައުވާތައް ކުރަން ހުރަހެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

"ގާނޫނީ ޒިނޭ" އޮންނަ ގާނޫނުލް އުގޫބާތުގެ ދަށުން އެފަދަ ދައުވާތައް ކުރަން ހުރަހެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

"ޝަރުއީ ޒިނޭ" އާއި "ގާނޫނީ ޒިނޭ" ގެ ބަހުސް އުފެދިފައި އޮންނަނީ ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލް އުގޫބާތުގައި ޒިނޭގެ ކުށް އޮންނައިރު، ގާނޫނުލް އުގޫބާތުގެ ދަށުން ޑީއެންއޭ ބޭނުންކޮށްގެން ޒިނޭގެ ކުށް ސާބިތު ކުރެވޭތީ އެވެ. ޑީއެންއޭ އާއި ގަރީނާ ބޭނުންކޮށްގެން ސާބިތުކުރާ ޒިނޭގެ ކުށުގައި ހައްދެއް ނުޖެހޭތީ އެ ކުށް މަޝްހޫރުވެފައި އޮތީ "ގާނޫނީ ޒިނޭ" ގެ ގޮތުގަ އެވެ.

މި މައްސަލާގައި ހައި ކޯޓުން މިދިޔަ މާޗް މަހު ނިންމާފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ޒިނޭގެ ކުށުގެ ދައުވާ ނުކުރެވޭނެ ކަމަށެވެ. އެއީ ޖިންސީ ކުށުގެ ގާނޫނަކީ ޚާއްސަ ގާނޫނަކަށް ވާތީ އެވެ. އަދި "ޝަރުއީ ޒިނޭ" އާއި "ގާނޫނީ ޒިނޭ" ކިޔައިގެން ދެ ކުށް ތަފާތު ނުކުރެވޭނެ ކަމަށް އެ ކޯޓުން އޭރު ނިންމި އެވެ.

އެކަމަކު އެފަދަ މައްސަލައެއްގައި ހައި ކޯޓުން މިއަދު ނިންމީ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނުލްއުގޫބާތުގެ ދަށުން ޒިނޭގެ ދައުވާ ކުރެވިދާނެ ކަމަށެވެ.

ޒިނޭގެ މައްސަލައެއްގައި ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ ޖިންސީ ކުށުގެ ގާނޫނު އިސްވާނީ އެ ގާނޫނުގައި ހިމެނޭ ކުށެއް އެހެން ގާނޫނުގައި އޮންނަ ހާލަތުގައި ކަމަށެވެ. އެކަމަކު ޒިނޭއާ ގުޅޭގޮތުން އެ ގާނޫނުގައި ނުހިމެނޭ އިތުރު ކުށެއް ގާނޫނުލް އުގޫބާތުގައި ހިމެނޭތީ ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ފަހުން ނިންމާފައިވާތީ އެކަމަށް ހުރަހެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

"ޒިނޭގެ ކުށުގެ ދައުވާ ކުރުމުގައި ޖިންސީ ކުށުގެ ގާނޫނަށް އިސްކަން ދޭންޖެހޭ ކަމަކަށް ނުބެލެވުމުގެ އިތުރުން ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ދުސްތޫރީ ބާރެއް ކަމުގައި ދެކެމެވެ." ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ގާނޫނުލް އުގޫބާތުގައި ބުނާ ޑީއެންއޭ ބޭނުންކޮށްގެން ސާބިތުކުރެވޭ ޒިނޭގެ ކުށް ފެށިގެން އައީ ކުރިން ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ ދަށުން، ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ ދައުވާކުރަން ފެށި ހިސާބުންނެވެ. އޭރު ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުން ކުށް ސާބިތުވަނީ އަންހެން މީހާގެ މައްޗަށް އެކަންޏެވެ.

މި މައްސަލާގައި ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ. އޭނާގެ ރައުޔަކީ އަޣުލަބިއްޔަތު ފަނޑިޔާރުން ހަވާލާދޭ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކީ ޖިންސީ ކުށުގެ ގާނޫނުގެ ހުރިހާ މާއްދާއަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

ފަނޑިޔާރު ފައިސަލްގެ ރައުޔުގައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ޒިނޭގެ ދައުވާ ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބިނާކޮށްފައި އޮތީ ޖިންސީ ކުށުގެ ގާނޫނުގައި ނުހިމެނޭ ތައުޒީރީ އަދަބެއް ގާނޫނުލް އުގޫބާތުގައި ހިމެނޭތީ ކަމަށް ބުނެ އެ ސަބަބުގެ މައްޗަށް ބިނާކޮށްގެން ކަމަށް ވާއިރު، ޖިންސީ ކުށުގެ ގާނޫނުގެ 3 ވަނަ މާއްދާ އޮތްގޮތުން އެ ގާނޫނުގެ ދަށުން ވެސް ދެނީ ތައުޒީރީ އަދަބެއް ކަމަށެވެ.

"އަހުރެންނަށް ބުރަވެވެނީ މި ހާލަތުގައި ދައުވާ އުފުލަންޖެހޭނީ ޚާއްސަ ޖިނާއީ ގާނޫނުން ކަމުގަ އެވެ." އޭނާގެ ރައުޔުގައިވެ އެވެ.

ގަމު މެޖިސްޓްރޭޓް ކޯޓުން ވެސް ނިންމާފައި އޮތީ ގާނޫނުލް އުގޫބާތުގެ ދަށުން ޒިނޭގެ ދައުވާކުރަން ޕީޖީން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. އެހެންވެ، ނިންމުމަށް ހައި ކޯޓުން ވެސް މިއަދު ވަނީ ތާއީދުކޮށްފަ އެވެ.