Roadha Mihaaru
ޑީއެންއޭއިން ޒިނޭ ސާބިތުވާނެ، ދެވޭނީ ގާނޫނީ އަދަބެއް

ޑީއެންއޭއިން ޒިނޭ ސާބިތު ކުރެވޭނެ، ދެވޭނީ ގާނޫނީ އަދަބެއް: ސުޕްރީމް ކޯޓު

24 އޮކްޓޯބަރ 2021

އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް، ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް، ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެގޮތަށް ސުޕްރީމް ކޯޓުން ނިންމީ ޑީއެންއޭގެ މައްޗަށް ބިނާކޮށް، ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާއެއް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމި މައްސަލައެއްގަ އެވެ. ގަރީނާތަކަށް ރިއާޔަތްކޮށް، ޒިނޭގެ ކުށް ސާބިތު ކުރެވޭ ގޮތަށް ގާނޫނުލް އުގޫބާތުގައި ބުނެފައި އޮތަސް، ހައި ކޯޓުން ނިންމާފައިވަނީ ޑީއެންއޭ ފަދަ ގަރީނާތަކަށް ބިނާކޮށްގެން ޒިނޭގެ ދައުވާ ސާބިތު ނުކުރެވޭނެ ކަމަށާއި އެކަން އިސްލާމީ ޝަރީއަތާ ޚިލާފް ކަމަށެވެ.

ގަރީނާއަށް ރިއާޔަތް ކޮށްގެން ހައްދު ގާއިމެއް ނުކުރެވޭނެ

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތު ކުރެވެނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުން ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ހައްދުގެ ކުށްތައް ސާބިތު ކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެގެން ކަމަށް ވާއިރު، ގަރީނާއެއް ބޭނުން ކޮށްގެން އެ މިންވަރަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާތީ ޑީއެންއޭ އާއި ފޮރެންސިކް ހެކިތަކަށް އެކަނި ބިނާކޮށް ހައްދުގެ ކުށްތައް ސާބިތު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"މިފަދަ މައްސަލަތަކުގައި އެއްވެސް ގޮތަކަށް ހައްދުގެ އަދަބު ދީގެން ނުވާނެ އެވެ. ސަބަބަކީ ޑީއެންއޭ އާއި ސައިންޓިފިކް ގަރީނާތަކަކީ ޝުބްހައިގެ މަހައްލުން މުޅިން ނެއްޓިފައިވާ އެއްޗަކަށް ނުވާތީވެ، އެފަދަ ޝުބްހައެއް އޮންނަ ހާލަތުގައި ހައްދުގެ އަދަބު ދިނުމުން އެއްކިބާވުމަށް ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާތީ އެވެ." ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ހުކުމުގައިވެ އެވެ.

ގަރީނާއަށް ބިނާކޮށް ކުށް ސާބިތު ކުރެވޭނެ، ދެވޭނީ ތައުޒީރީ އަދަބެއް

ހުުކުމުގައިވަނީ ގަރީނާތައް ބޭނުން ކޮށްގެން ހައްދު ގާއިމް ކުރެވޭނެ މިންވަރަށް ކުށް ސާބިތު ނުކުރެވުނަސް، އެފަދަ ހެކިތަކަށް ބިނާކޮށް ތަައުޒީރީ އަދަބެއް ދެވިދާނެ ކަމަށެވެ. އެގޮތުން، ބަލިވެ އިންނަ ހާލަތުގައި އެކަމުގެ މައްޗަށް ބިނާކޮޮށް ޒިނޭ ސާބިތު ކުރުމާއި ވަސް ދުވާ ހާލަތުގައި ރާބުއިމުގެ ކުށް ސާބިތު ކުރެވޭނެ ކަމަށް އުމަރުގެފާނުގެ ޒަމާނުގައި އަމަލު ކުރެއްވި ގޮތްތަކުން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެގޮތުން ރާބޮއެގެން ހޮޑުލި މީހެއްގެ މައްޗަށް ހައްދު ގާއިމް ކުރެއްވި ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

"ޑީއެންއޭ އާއި އެފަދަ ސައިންޓިފިކް ގަރީނާތަކަކީ އެ ގަރީނާއަށް ބާރުދެނިވި އެހެން ހެކި ނުވަތަ ބާރުގަދަ ގަރީނާ ހުރެއްޖެ ނަމަ، ހައްދުގެ މައްސަލަތައް ތައުޒީރީ މިންގަނޑުން ސާބިތު ކުރުމަށް ފުދޭނެ ވަސީލަތެއް ކަމެވެ. އެހެން ނަމަވެސް އެ ހާލަތުގައި ކުށް ސާބިތުވި މީހާގެ މައްޗަށް ހައްދުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެ މީހާއަށް ދޭންވާނީ ތައުޒީރީ އަދަބެކެވެ." އެ ހުކުމުގައިވެ އެވެ.

ތައުޒީރީ އަދަބު ދިނުން އިސްލާމީ ޝަރީއަތާ ޚިލާފެއް ނޫން

ހުކުމުގައިވަނީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ކުށް ސާބިތުވާ މިންވަރަށް ހެކި ނެތަސް، ޑީއެންއޭ ފަދަ ގަރީނާތަކަށް ބިނާކޮށް ތައުޒީރީ އަދަބު ދެވޭ ގޮތަށް އިސްލާމީ ގިނަ ގައުމުތަކުގައި މިހާރު ވެސް އަމަލުކުރާ ކަމަށެވެ. އެގޮތުން ޕާކިސްތާނާއި ސައުދީ އަރަބިއާގެ އިތުރުން އީރާނާއި ބުރުނާއީ ފަދަ ގައުމުތަކުގައި ވެސް ޒިނޭގެ މައްސަލަތަކުގައި ގަރީނާތަކަށް ރިއާޔަތްކޮށް، ތައުޒީރީ އަދަބު ދެމުން އަންނަ ކަމަށާއި އަދި އުސްމާނީ ދައުލަތުގައި ވެސް އެގޮތަށް އަމަލުކުރި ކަމަށް އެ ހުކުމުގައިވެ އެވެ.

"އިއުތިރާފުން ނުވަތަ ހަތަރު ފިރިހެނުންގެ ހެކިބަހުން ސާބިތުވެގެން ނޫން ގޮތަކަށް، ޒިނޭގެ މައްސަލަތަކުގައި ހައްދުުގެ އަދަބު ދީގެން ނުވާނެ އެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި ހައްދާއި ގިސާސްގެ މައްސަލަތަކުގައި މުޅިން ޔަގީންވާ މިންވަރު ހާސިލް ކުރުމަކީ ވާނެ ކަމެއް ނޫނެވެ. އެހެންކަމުން ހައްދާއި ގިސާސްގެ މައްސަލަތަކުގައި އެކަށީގެންވާ މިންވަރަށް މީހަކު ކުށްކުރި ކަމަށް ގާޒީއަށް ގަބޫލު ކުރެވޭ ނަމަ ނުވަތަ ޔަގީނާ ގާތްކުރާ މިންވަރެއް ހާސިލް ކުރެވޭ ނަމަ، އެފަދަ މައްސަލަތަކުގައި ތައުޒީރީ އަދަބެއް ކަނޑައެޅުން ހުއްދަ އެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ޑީއެންއޭ ފަދަ ގަރީނާތަކަށް ބިނާކޮށްގެން ޒިނޭގެ ކުށް ސާބިތުކުރާ ހާލަތުގައި ތައުޒީރީ އަދަބެއް ދެވޭ ގޮތަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި އޮންނަ ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އޭގެ މަގްސަދަކީ ތައުޒީރީ އަދަބު ދިނުން ކަމަށެވެ. އެގޮތުން ޑީއެންއޭ އިން ޒިނޭގެ ކުށް ސާބިތުކުރާ ނަމަ، އަދަބުގެ ދަރަޖަ ދަށްވާ ކަން އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އެހެންވެ، ޑީއެންއޭއަށް ބާރުދޭ ހެކި ހުރެއްޖެ ނަމަ ތައުޒީރީ އަދަބެއް ދެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ މައްސަލާގައި ހުށަހަޅާފައިވާ ޑީއެންއޭ ހެއްކެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލަަ އަލުން ބެލުމަށް ހައި ކޯޓަށް ފޮނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.