Roadha Mihaaru
އުންމާނާއި އެމިރޭޓްސް ރޭލު ދަތުރުން ގުޅާލަނީ

އުންމާނާއި އެމިރޭޓްސް ރޭލު ދަތުރުން ގުޅާލަނީ

28 ސެޕްޓެމްބަރ 2022

އުންމާނާއި އެމިރޭޓްސް ރޭލު ދަތުރުތަކުން ގުޅައިލުމަށް އެ ދެ ގައުމުން އެއްބަސްވެ، މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އުންމާނާއި އެމިރޭޓްސް ރޭލު ދަތުރުތަކުން ގުޅައިލުމަށް އެ ދެ ގައުމުން އެއްބަސްވެ، މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދެ ގައުމުގެ ދެމެދުގައި ފަށާ ރޭލު ދަތުރުތަކުގައި އެއް ގައުމުން އަނެއް ގައުމަށް މީހުން ދަތުރުކުރުމުގެ އިތުރުން، މުދާ ގެންދިއުމުގެ ޚިދުމަތް ވެސް ދޭނެ އެވެ. ރޭލު ދަތުރުތަކުން ދެ ގައުމު ގުޅައިލާއިރު، މީހުން ދަތުރުކުރުމަށް ބޭނުންކުރާނީ، ގަޑިއަކު 200 މޭލު ބާރުމިނުގައި ދަތުރުކުރާ ރޭލުތަކެއް ކަމަށް އެ ދެ ގައުމުން ބުނެ އެވެ. އަދި މުދާ އުފުލުމަށް ބޭނުންކުރާނީ ގަޑިއަކު 120 މޭލު ބާރުމިނުގައި ދުވާ ރޭލުތަކެވެ.

އުންމާން އާއި އެމިރޭޓްސްއާ ދެމެދު ރޭލު ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި، އިއްތިހާދު ރެއިލްގެ ސީއީއޯ ޝާދީ މަލަކް އާއި އުންމާންގެ ލޮޖިސްޓިކް ކުންފުނި އަސްޔަދުގެ ޗީފް އެގްޒެކެޓިވް އަބްދުއްރަހްމާން ސާލިމް (ކ)، އެއްބަސްވުމުގައި ސޮއިކުރައްވަނީ.

މި ދަތުރުތައް ފެށުމުން އުންމާންގެ އެންމެ އުތުރުގައިވާ ސުހާރް އާއި އެމިރޭޓްސްގެ އަބީ ދާބީ، އެއްގަމު ދަތުރުފަތުރުން ގުޅިގެން ދާނެ އެވެ. ސުހާރްއަކީ އުންމާންގެ އެންމެ ބޮޑު ކަނޑުގެ ބަނދަރު ހިމެނޭ ވިޔަފާރި މަރުކަޒެކެވެ.

ދެ ގައުމުގެ ދެމެދުގައި ރޭލުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެމިރޭޓްސްގެ އިއްތިހާދު ރެއިލް އާއި އުންމާން ސަރުކާރުގެ ރޭލުވޭ ކުންފުނި ގުޅިގެން އުފައްދާ ކުންފުންޏަކުންނެވެ. ދެ ގައުމުގެ ދެމެދުގައި ރޭލުގެ ޚިދުމަތް ފެށުމަށްޓަކައި ރޭލު މަގުތައް ތައްޔާރުކުރުމާއި، ދަތުރުވެރިންނާއި މުދާ ގިމަތަތައް ތައްޔާރުކުރުމާއި އެނޫން ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތަކާއި، އިދާރީ ހިންގުމުގެ ހުރިހާ ކަމެއް ކުރާނީ އަލަށް އުފައްދާ ކުންފުނިންނެވެ.

ރޭލު ދަތުރުތައް ފެށުމުން، އެއްގަމު މަގުން އެއް ގަޑިއިރާއި 40 މިނެޓުގެ ތެރޭގައި، އުންމާންގެ ސުހާރުން އެމިރޭޓްސްގެ އަބޫ ދާބީ އަށް ދަތުރުކުރެވޭނެ އެވެ. އަދި ސުހާރުން އެމިރޭޓްސްގެ އަލް އައިން އަށް 47 މިނެޓުން، ކުޑަ އަގެއްގައި ދަތުރު ކުރެވޭނެ އެވެ.

އެމިރޭޓްސް އިން ބުނި ގޮތުގައި ދެ ގައުމު ގުޅިގެން އުފައްދާ ރޭލު ކުންފުނިން މަސައްކަތް ފަށާނީ ތިން ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކުންނެވެ.