Roadha Mihaaru
ހަށިވިއްކުން ހުއްޓުވުމަށް ތިން އަހަރު 61 އޮޕަރޭޝަން

ހަށިވިއްކުން ހުއްޓުވުމަށް ތިން އަހަރު 61 އޮޕަރޭޝަނެއް ހިންގި: ޕޮލިސް

22 ސެޕްޓެމްބަރ 2022

މަސާޖު ޕާލާތަކުގައި ހިންގާ ހަށިވިއްކުމުގެ އަމަލުތައް ހުއްޓުވަން މިދިޔަ ތިން އަހަރުގެ ތެރޭގައި 61 އޮޕަރޭޝަނެއް ހިންގި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މަސާޖު ޕާލާތަކުގައި ހިންގާ ހަށިވިއްކުމުގެ އަމަލުތައް ހުއްޓުވަން މިދިޔަ ތިން އަހަރުގެ ތެރޭގައި 61 އޮޕަރޭޝަނެއް ހިންގި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލެ އާއި ހުޅުމާލޭގައި ހިންގާ މަސާޖ ޕާލާތަކުގަ އާއި އަދި ސޯޝަލް މީޑިއާގެ އެކި ނެޓްވޯކްތައް މެދުވެރިކޮށް ހަށިވިއްކުމުގެ އަމަލުތައް މިއިން ޒަނާމެއްގައި ވެސް ނުހިންގާ ވަރަށް ހިންގާތީ އެ ކަމާ ގުޅޭ ގޮތުން "މިހާރު" ގެ "މެދުސަފުހާ" ގައި މިއަދު ޝާއިއުކުރި ރިޕޯޓުތަކާ ގުޅިގެން ފުލުހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި 2020 ގައި 12 އޮޕަރޭޝަން، 2021 ގައި 31 އަދި މި އަހަރުގެ މިހާތަނަށް 18 އޮޕަރޭޝަނެއް ހިންގި އެވެ. މި އަހަރު ހިންގި 18 އޮޕަރޭޝަންގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން 11 އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ. އަދި މިދިޔަ އަހަރު 25 އިންސްޕެކްޝަނެއް އިމިގްރޭޝަނާ ގުޅިގެން ހިންގި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ހަށިވިއްކުމުގެ ފާހިޝް އަމަލުތަކާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ބަޔަކު ހައްޔަރުކުރި ކަމެއް އަދި އެ އަމަލުތަކައި ބިދޭސީން ގިނަ އަދަދަކަށް ޝާމިލުވާއިރު ޑީޕޯޓްކުރި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

"މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަށިވިއްކުމުގެ މައްސަލަތަކާ ގުޅިގެން މި އަހަރު އަދި އެއްވެސް މީހަކަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފައެއް ނުވެ އެވެ.

ރާއްޖޭގައި ހަށިވިއްކުމަށް ހާއްސަ ވެގެން އެތައް ބަޔަކު ފާޅުގައި މިހާރު އުޅެމުންދާކަން "މިހާރު" އިން އެއްކުރި މައުލޫމާތުތަކުން އެނގެ އެވެ. ބައެއް ބިދޭސީ އަންހެނުންގެ ފޮޓޯ އާއި ފޯނު ނަމްބަރާއި އަގުތައް ވެސް ޓިކްޓޮކް ފަދަ ސޯޝަލް ނެޓްވޯކްތަކުގައި ވަނީ އާންމުކޮށްފަ އެވެ. އަދި އެ މީސްމީހުންނަށް ވަކިން މެސެޖު ކުރުމުން ހަށިވިއްކުމުގެ އަމަލުތަކަށް މަރުހަބާ ކިޔައި އެ ހުށަހެޅުން ވެސް ހުށަހަޅާކަން އެނގިފައި ވެ އެވެ.