Roadha Mihaaru
ބޮޑު ހިޔާނާތަކާ ގުޅިގެން ޕީއެސްއެމް ބޯޑު ކޮމިޓީއަށް!

ބޮޑު ހިޔާނާތަކާ ގުޅިގެން ކުރީގެ ޗީޕް އިންޓާނަލް އޮޑިޓަރާއި ޕީއެސްއެމް ބޯޑު ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި

20 ސެޕްޓެމްބަރ 2022

ޕީއެސްއެމްއާ ގުޅޭ 100 މިލިއަން ރުފިޔާގެ ހިޔާނާތަކާ ގުޅިގެން އެ ކުންފުނީގެ ބޯޑާއި ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕީއެސްއެމްއާ ގުޅޭ 100 މިލިއަން ރުފިޔާގެ ހިޔާނާތަކާ ގުޅިގެން އެ ކުންފުނީގެ ބޯޑާއި ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.

އެސްއޯއީ ކޮމިޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ އެ ހިޔާނާތާ ގުޅިގެން ޕީއެސްއެމް އިން މަޖިލީހުގެ ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީއާ މެދު ވެސް މަޝްވަރާކޮށްފަ އެވެ. ހިޔާނާތް ފޮރުވަން، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައިފައި ނުވާ ކަމަށް ވެސް ސިޓީގައި ވެ އެވެ. އެކަމަކު، ސިޓީގައި ބުނެފައި ވަނީ އެ ކުންފުނީގެ ޗީފް އިންޓާނަލް އޮޑިޓަރު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް އެ މަގާމުން ވަކިކުރުމާ އެކު، ބައެއް މީޑިއާތަކަށް އޭނާ ބުނި ގޮތުގައި އޮޑިޓް ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލައި، 14 ރިޕޯޓް ތައްޔާރުކޮށް ބޯޑަށް ހުށަހެޅި ކަމަށެވެ. އަދި އެ ރިޕޯޓުތަކާ ގުޅިގެން ބޯޑުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ބުނެފައި ވެ އެވެ.

މި މައްސަލަތަކަކީ ދައުލަތަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ ގެއްލުންވާ ގޮތަށް ހިންގާފައިވާ މުއާމަލާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ. ކުއްލި ގޮތަކަށް އޮޑިޓް ޑިޕާޓްމަންޓް އުވާލައި، އޮޑިޓްގެ ކަންކަން އައުޓް ސޯސް ކުރަން ނިންމީ ހިޔާނާތް ނުބަލާ އަދި ހިޔާނާތް ފަޅާ އަރުވާލި ރިޕޯޓްތައް ފޮރުވަން ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

އެކަމަކު ޕީއެސްއެމް އިން ކޮމެޓީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ކުންފުނީގެ އިންޓާނަލް އޮޑިޓްގެ މަސައްކަތްތަކަށް އިތުރު ފަސް ވަރަކަށް މުވައްޒަފުން ބޭނުންވާ ކަމަށް ކުރީގެ ޗީފް އޮޑިޓާ އެދިފައިވާ ކަމަށާއި އެކަމަށް 70،000ރ. އިތުރަށް ހަރަދުވާނެ ކަމަށެވެ. އެހެންވެ، ކުންފުނީގެ ހިންގުމުގެ ހަރަދުު ކުޑަ ކުރުމުގެ ގޮތުން އޮޑިޓް މަސައްކަތްތައް އައުޓްސޯސް ކުރަން ނިންމީ ކަމަށް ސިޓީގައި ވެ އެވެ. އޮޑިޓް މަސައްކަތް އައުޓްސޯސް ކޮށްފި ނަމަ، އެ ކުންފުނީގެ އިންޓާނަލް އޮޑިޓަށް ކުރާ ހޭދަ ދެ ގުނަ ކުޑަ ކުރެވޭނެ ކަމަށް ޕީއެސްއެމް އިން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ޕީއެސްއެމްގެ ބޯޑާއި މެނޭޖްމެންޓުން ބޭނުންވާ ގޮތަކަށް ކަންކަން ނުދާތީ، އެ ބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނެ ގޮތަށް އެކަން ކުރަން އޮޑިޓަރުން އައުސޯސް ކުރުމަކީ ވެސް ކޮރަޕްޝަން ކަމަށެވެ.

"މައްސަލަ އަށް ބަލާ އިރު އެތައް މިލިއަން ޑޮލަރެއްގެ ހިޔާނާތް އެބަހުރި. އާކައިވެއް ހެދުމަށް ތިން މިލިއަނެއްހާ ޑޮލަރުގެ މުއާމަލާތެއް ހިންގައިފަ އޮތީ. އެހެން ނަމަވެސް އެތަނުގެ ކުރީގެ އިންޓާނަލް އޮޑިޓަރު ހާމަކުރައްވާ އެއްވެސް ކަހަލަ ގޮތަކަށް ފައިސާއެއް މެލޭޝިޔާ ކުންފުންޏަށް ވެސް ނުދޭ ވާހަކަ އާއި ވީނުވީއެއް ނޭނގޭ ވާހަކަ،" އޭނާ ވިދާޅުވި އެވެ.