Roadha Mihaaru
އަންނަ މަހު 7 ރަށެއްގައި ބައި އިލެކްޝަންތައް ބާއްވަނީ

އަންނަ މަހު ހަތް ރަށެއްގައި ބައި އިލެކްޝަންތައް ބާއްވަނީ

15 ސެޕްޓެމްބަރ 2022

ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ގިނަވެ އިލެކްޝަން ކޮމިޝަންގެ ބަޖެޓަށް ދަތިވެފައިވާއިރު، އަންނަ މަހު ހަތް ރަށެއްގައި ބައި އިލެކްޝަންތައް ބާއްވަން ނިންމައި އެކަމުގެ ތައްޔާރީތައް ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ގިނަވެ އިލެކްޝަން ކޮމިޝަންގެ ބަޖެޓަށް ދަތިވެފައިވާއިރު، އަންނަ މަހު ހަތް ރަށެއްގައި ބައި އިލެކްޝަންތައް ބާއްވަން ނިންމައި އެކަމުގެ ތައްޔާރީތައް ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ ށ. މާއުނގޫދޫ ކައުންސިލްގެ މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލައިފަ އެވެ.

މާއުނގޫދޫ، ރަސްމާދު، ގުރައިދު އަދި ދަނބިދޫގެ ބައި އިލެކްޝަންތައް ބާއްވަން ނިންމާފައި ވަނީ އަންނަ މަހު އެކެއްގަ އެވެ.

އަންނަ މަހު 22 ގައި ވެސް ބައި އިލެކްޝަންތައް ބާއްވައިރު، އެ އިންތިހާބުތައް އޮންނާނީ ވ. ތިނަދޫ، ވ. ފެލިދޫ އަދި ހއ. ހޯރަފުށީގަ އެވެ. އެއީ އެ ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަނެވެ.

އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ގިނަވެ، އިލެކްޝަން ކޮމިޝަނަށް މި އަހަރަށް ކަނޑައެޅި ބަޖެޓު އަހަރު ދެބައިނުވަނީސް ހުސްވާން ކައިރިވެފައިވާ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިދިޔަ މެއި މަހު، ރައްޔިތުންގެ މަޖިލީހުގެ ލޯކަލް ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގައި ފާޅުކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ ޑަބްލިއުޑީސީތަކުގައި މަސައްކަތްކުރާ ތިނެއް ނުވަތަ ހަތަރު މެމްބަރުން ކޮންމެ މަހަކު ވެސް އިސްތިއުފާދޭ ކަމަށެވެ. އަދި އެއިން ކޮންމެ ފަހަރަކު ވެސް ބައި އިލެކްޝަނަށް 150،000ރ. ހަރަދުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 150،000ރ. އާ އަކީ ހަމައެކަނި އެ ބައި އިލެކްޝަން ބޭއްވުމަށް ދާ ހަރަދު ކަމަށާއި އެ އިންތިހާބުތަކުގައި މަސައްކަތް ކުރާ އީސީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ވެސް އަދި އިތުރު ހަރަދު ހިނގަ އެވެ. އީސީގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކުރެވި، ބަޖެޓް ހުސްވަނީ ބައި އިލެކްޝަންތަކަށް ކަމަށެވެ.

އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ބޭއްވުމަށް މި އަހަރު މެއި މަހުގެ ނިޔަލަށް އެ ކޮމިޝަނުން 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ އިންތިހާބުތައް ބާއްވަން މި އަހަރުގެ ބަޖެޓުގައި އެ ކޮމިޝަނަށް ދީފައި ވަނީ 1.5 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އެ ކޮމިޝަނުން ވަނީ އަންހެނުންގެ ކޮމެޓީތަކުގެ 11 ބައި އިލެކްޝަން ބާއްވައިފަ އެވެ. މި އަހަރު މިހާތަނަށް އެކަނި ވެސް 15 ބައި އިލެކްޝަން ބާއްވާފައިވެ އެވެ.

އެ މައްސަލަ ހައްލުކުރަން އެ ކޮމިޝަނުން މަޖިލީހުގައި އެދުނީ، މެމްބަރުން އިސްތިއުފާދޭ ކޮންމެ ފަހަރަކު ބައި އިލެކްޝަން ބޭވުމުގެ ބަދަލުގައި ކޮންމެ އަރަހަކު ގިނަވެގެން ދެ ފަހަރު އެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްދިނުމަށެވެ.