Roadha Mihaaru
ބައި އިލެކްޝަންތައް ގިނަވެ، އީސީގެ ބަޖެޓް ހުސްވަނީ!

އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ގިނަވެ އީސީގެ ބަޖެޓު ހުސްވަނީ!

23 މެއި 2022

އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ގިނަވެ، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މި އަހަރަށް ކަނޑައެޅި ބަޖެޓު އަހަރު ދެބައިނުވަނީސް ހުސްވާން ކައިރިވެފައިވާ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ފާޅުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ގިނަވެ، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މި އަހަރަށް ކަނޑައެޅި ބަޖެޓު އަހަރު ދެބައިނުވަނީސް ހުސްވާން ކައިރިވެފައިވާ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ފާޅުކުރައްވައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުތަކުގައި ދިމާވާ ދަތިތަކާއި އެ ކޮމެޓީގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ކަމާގުޅޭ އިދާރާތަކާ މިއަދު ބައްދަލުކޮށްފަ އެވެ. އީސީގެ އިތުރުން އެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހާއި ޖެންޑާ މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ ޑަބްލިއުޑީސީތަކުގައި މަސައްކަތްކުރާ ތިނެއް ނުވަތަ ހަތަރު މެމްބަރުން ކޮންމެ މަހަކު ވެސް އިސްތިއުފާދޭ ކަމަށެވެ. މިއިން ކޮންމެ ފަހަރަކު ވެސް ބައި އިލެކްޝަނަށް 150،000ރ. ހަރަދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައި އިލެކްޝަންތަކުގެ ބަޖެޓް ބޮޑުނުކުރަން ފިނޭންސް މިނިސްޓްރީން އޮތީ އަންގައިފަ އެވެ. އެކަމަކު ދޫކުރާ ބަޖެޓަށް ވުރެ މަސައްކަތް ބޮޑު ކަމަށާއި މިދިޔަ 14 އަހަރުގެ ތެރޭގައި އެ ކޮމިޝަންގެ ޒިންމާތައް ބޮޑުވިޔަސް މުވައްޒަފުންގެ އަދަދަށް ވެސް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މިގޮތަށް ދާގޮތަށް ދަންޏާ ގާތްގަނޑަކަށް ޖުލައި، އޮގަސްޓް ހިސާބުގައި މުޅި ބަޖެޓް ހުސްވާނެ. -- ފުއާދު

"އަޅުގަނޑުމެންނަށް މި ކަންކަން [ބައި އިލެކްޝަންތައް] ބޭއްވިދާނެ. އެކަމަކު މުވައްޒަފުން އެބަ ބޭނުންވޭ. ބަޖެޓް އެބަ ބޭނުންވޭ،" ފުއާދު ވިދާޅުވި އެވެ.

"އިދާރީ ކަންކަމަށް ބޭނުންކުރާ ބަޖެޓުން ބައި އިލެކްޝަންތައް ބާއްވަން ފިނޭންސުން އަންގާފައި ވަނީ. އެ ދާގޮތަށް ދަންޏާ ގާތްގަނޑަކަށް ޖުލައި، އޮގަސްޓް ހިސާބުގައި މުޅި ބަޖެޓް ހުސްވާނެ."

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުންނާއި އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލުކުރަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުންނާއި އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލުކުރަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފުއާދު ވިދާޅުވީ ބަޖެޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ވެސް މިހާރު ހުށަހަޅުއްވާފައި ވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 150،000ރ. އާ އަކީ ހަމައެކަނި އެ ބައި އިލެކްޝަން ބޭއްވުމަށް ދާ ހަރަދު ކަމަށާއި އެ އިންތިހާބުތަކުގައި މަސައްކަތް ކުރާ އީސީގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ވެސް އަދި އިތުރު ހަރަދު ހިނގަ އެވެ. އީސީގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކުރެވި، ބަޖެޓް ހުސްވަނީ ބައި އިލެކްޝަންތަކަށް ކަމަށް ވިދާޅުވި އެވެ.

"ހަރަދު ކުޑަކުރަން ޖެހޭ، އެކަމަކު ހަރަދު ބޮޑުވާ ގޮތަށް ކަންތައްތައް މި ހުރީ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އީސީން ވަނީ އަންހެނުންގެ ކޮމެޓީތަކުގެ 11 ބައި އިލެކްޝަން ބާއްވައިފަ އެވެ. މި އަހަރު މިހާތަނަށް އެކަނި ވެސް 10 ބައި އިލެކްޝަން ބޭއްވި އެވެ. އަންނަ މަހު ފަސް ބައި އިލެކްޝަނެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، އިތުރު ތިން ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ.

އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ބޭއްވުމަށް މި އަހަރުގެ މިހާތަނަށް އެ ކޮމިޝަނުން 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އިންތިހާބުތައް ބާއްވަން މި އަހަރުގެ ބަޖެޓުގައި އެ ކޮމިޝަނަށް ދީފައި ވަނީ 1.5 މިލިއަން ރުފިޔާ އެވެ.

އީސީން އެދުނީ، މެމްބަރުން އިސްތިއުފާދޭ ކޮންމެ ފަހަރަކު ބައި އިލެކްޝަން ބޭވުމުގެ ބަދަލުގައި ކޮންމެ އަރަހަކު ގިނަވެގެން ދެ ފަހަރު އެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްދިނުމަށެވެ.

އިސްތިއުފާ ދެނީ މަސްއޫލިއްޔަތުތަކުގެ ބޭރުން މަސައްކަތްކުރުވާތީ؟

މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގައި ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އަވަސް އަވަހަށް އިސްތިއުފާ ދިނުމަށް މެދުވެރިވާ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރޭގައި މަގާމު މަސްއޫލިއްޔަތުތަކުން ބޭރުން މަސައްކަތް ކުރުވުމާއި އެ ބޭފުޅުންގެ މަސްއޫލިއްޔަތުތައް ސާފުނުވެ އޮތުން ވެސް ހިމެނޭ ކަމަށެވެ.

"ރަށްރަށުގެ ތެރެ ސާފުކުރުން، ބެލެހެއްޓުން، އެ ކަންކަމުގެ ޒިންމާތައް އަދިވެސް ނަންގަވަނީ ޑަބްލިއުޑީސީން. ހަގީގަތުގައި އެއީ މުނިސިޕަލް ސާވިސްއެއް. އެކަންކަން އަސްލު ދަނީ ކައުންސިލްގެ މެންޑޭޓުގެ ތެރެއިން. ކައުންސިލުން ވެސް އަދިވެސް އެ މަސައްކަތް މި ހަވާލުކުރަނީ ޑަބްލިއުޑީސީއާ،" ޖީހާން ވިދާޅުވި އެވެ.

"ޒަމާނުއްސުރެ އޮތް މި ވިސްނުން ބަދަލުނުވުމުގެ ސަބަބުން ޑަބްލިއުޑީސީތައް އަދިވެސް މި މަސައްކަތް ކުރަނީ ކުރީގައި މި އޮތް ދައުރުގެ ތެރޭގައި."

ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ އަންހެނުންގެ ކޮމެޓީގެ މެމްބަރުންގެ މަސްއޫލިއްޔަތުތައް އޭނާ އެ ކޮމެޓީގައި ތަކުރާރުކުރެއްވި އެވެ. އެއީ؛

- ރަށެއްގައި ދިރިއުޅޭ އަންހެނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން.

- ރަށުގައި ހިނގާ މަސައްކަތްތަކުން އަންހެނުންނަށް އިތުރު އާމްދަނީ ލިބޭނެ ފުރުސަތު ހޯދައިދިނުން.

- ރަށެއްގެ ކޮންމެ ގޭބިސީއެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ ހައްގުގެ ހާލަތު ހުރި މިންވަރު ބެލުން.

- ރަށެއްގެ އަންހެނުންނާއި ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ތަފާސްހިސާބުތަކާއި މައުލޫމާތު އެއްކުރުން.

- ރަށުގެ މީހުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުން.

އެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ މީހުންގެ އިންސާނީ ހައްގުގެ ހާލަތާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަކީ، ހަމައެކަނި އަންހެނުންގެ ކޮމެޓީއަކަށް ކުރެވިދާނެ މަސައްކަތްތަކެއްތޯ ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ. އަދި އެ ކޮމެޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހުރި ގިނަ ކަންކަމަކީ، މެމްބަރުންނަށް ޓެކްނިކަލް އެސިސްޓެންސް ވަރަށް ބޮޑަށް ލިބިގެން ކުރެވޭނެ ކަންކަން ކަމަށާއި އެ ސަޕޯޓް ނެތި އެ މައްސަލަ ދުވަހަކު ވެސް ހައްލު ނުވާނެ ކަމަށެވެ.

"އަވަސް އަވަހަށް އިންތިހާބުތައް ބާއްވަން ޖެހުމަކީ ހަރަދު ބޮޑު އަދި ޑަބްލިއުޑީސީތަކަށް ވަރަށް އަން ސެޓްލިން ގޮތެއް،" އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ވިދާޅުވި އެވެ.