Roadha Mihaaru
ފުއާދު، އަނެއްކާ ވެސް އީސީގެ ރައީސަކަށް

ފުއާދު، އަނެއްކާ ވެސް އީސީގެ ރައީސް ކަމަށް އައްޔަން ކޮށްފި

15 ސެޕްޓެމްބަރ 2021

އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ކަމަށް ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ ފުއާދު ތައުފީގު މިއަދު އައްޔަންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ކަމަށް ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ ފުއާދު ތައުފީގު މިއަދު އައްޔަންކޮށްފި އެވެ.

އޭނާ މި މަގާމަށް އައްޔަން ކުރީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ބޭއްވި އިންތިހާބުގައި ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ.

އީސީގެ ރައީސް ކަމަށް ފުއާދު ދެވަނަ ފަހަރަށް މި އިންތިހާބުކުރީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު މިދިޔަ ޖޫން 15 ގައި އިސްތިއުފާ ދެއްވުމުންނެވެ. ޝަރީފް އިސްތިއުފާ ދެއްވީ މަގާމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް ގަބޫލު ކުރެއްވޭތީ އާއި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

އީސީގެ ރައީސް ކަމަށް އިންތިހާބު ކުރުމާ ގުޅިގެން ފުއާދު "މިހާރު" އަށް ވިދާޅުވީ ދެ ވަނަ ފަހަރަށް އެ މަގާމަށް ހަވާލުވެވަޑައިގަތުމުން ކުރައްވާ އުއްމީދުތައް ވަރަށް ގިނަ ކަމަށާއި އޭނާ އަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ކުރިއަށް ވުރެ ރަނގަޅަށް އެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"މާދަމާ އަޅުގަނޑުމެން އީސީގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓިޖިކް ޕްލޭން އިފްތިތާހުކޮށް، މަސައްކަތްތައް ފަށާނަން،" އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ތަކުގެ ތެރޭގައި އީސީގެ ވަރަށް ގިނަ ކަންކަން ރަނގަޅު ވެފައި ވެސް އެބަހުރި. އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް އެބަހުރި. އެ މަސައްކަތް އަޅުގަނޑުމެން ކުރާނަން."

އީސީގެ ރައީސްކަމުގެ މަގާމާ ފުއާދު މި ފަހަރު މި ހަވާލުވެވަޑައިގަތީ އެ ކޮމިޝަންގެ ރައީސްކަން މީގެ ކުރިން އޭނާ ކުރައްވަން ފެއްޓެވި ތާރީހުގައި ވެސް މެ އެވެ. ފުއާދު، އެ ކޮމިޝަންގެ ރައީސް ކަމަށް ފުރަތަމަ ބުރުގައި އައްޔަންކުރީ ވެސް މީގެ ނުވަ އަހަރު ކުރިން ސެޕްޓެމްބަރު 15، 2009 ގަ އެވެ. އޭނާ އެ މަގާމުން ވަކިކުރީ 2013 ގަ އެވެ.

އީސީގެ މެމްބަރު ކަމަށް ފުއާދު އެންމެ ފަހުން އައްޔަން ކުރެއްވީ ނޮވެމްބަރު 24، 2019 ގަ އެވެ. އޭނާ މެމްބަރު ކަމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ 70 މެމްބަރުން ތާއީދާ އެކު، ރުހުން ލިބިގެންނެވެ. ފުއާދު އައްޔަން ކުރަން މަޖިލިހުން ރުހުން ދީފައި ވަނީ އެ ކޮމިޝަނުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އެ ކޮމިޝަންގެ ރައީސް ކަމުން ފުއާދު ކުރިން ވަކިކުރީ ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން މައްސަލައެއް ބަލައި އިއްވި ހުކުމަކަށް ފަަހު އެވެ. އެ ފަހަރު، ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އަދި ފުއާދުގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ. އެކަމަކު ޖަލު ހުކުމް ތަންފީޒު ކުރައްވާކަށް ޖެހިވަޑައެއް ނުގަތެވެ.